އެމްޑީޕީން ނ. ވެލިދޫގެ ގެތަކުގައި ދަމާފައިވާ ދިދަތަކުގައި ސިހުރުގެ ލަފްޒުތަކެއް ލިޔެފައިވާ ކަމަށް ބުނެ ވެލިދޫގެ ބައެއް ގެތަކުގައި ދަމާފައިވާ އެމްޑީޕީ ދިދަތައް ފުލުހުން ނަގައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ވެލިދޫ އެމްޑީޕީ ކެންޕެއިން މެނޭޖަރު އަބްދުﷲ ފާއިޒު ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ދިދަތައް ނަގަން ފެށީ މިއަދު މެންދުރު ފަހު 3:00 އެހައިކަންހާއިރު ކަމަށާއި ގާތްގަނޑަކަށް 10 ވަރަކަށް ގޭގައި ޖަހާފައިވާ ދިދަތައް ފުލުހުން ނަގާފައިވާ ކަމަށެވެ.

"އެބޭފުޅުންނަށް ކޯޓު އަމުރު ލިބުނީ ފަސް ގަޑިއިރަށް. މިއަދު މެންދުރު ފަހު 3:00 ހާއިރުން ފެށިގެން 10 ވަރަކަށް ގޭގައި ޖަހާފައިވާ ދިދަތައް ވަނީ ނަގާފައި،" ފާއިޒު ވިދާޅުވި އެވެ.

އެމްޑީއޭގެ ވެލިދޫ ގޮފީގެ އިންތިގާލީ ރައީސް މުހައްމަދު ފާއިޒް މިރޭ ވިދާޅުވީ، މިރޭ ވެސް ކައުންސިލް އިދާރާ ކައިރީގައި ދުން ބަހައްޓައިގެން ކިޔެވުން ކުރިޔަށް ގެންގޮސްފައިވާ ކަށާއި ސިހުރު ކަމަށް ބެލެވޭ ލިޔުންތައް ހުރި އެމްޑީޕީގެ 11 ދިދައެއް ފުލުހުން މިހާ ތަނަށް ހޯދައިފައިވާ ކަމަށެވެ. ފުލުހުން ޕީޕީއެމް އެމްޑީއޭގެ ދިދަތަކެއް ވެސް ޗެކު ކުރި ކަމަށާއި އެއިން އެއްވެސް އެއްޗަކުން އެފަދަ ލިޔުމެއް ފެނިފައިވާ ނުވާ ކަމަށާއި އެމްޑީއޭ ޕީޕީއެމް ކޯލިޝަން އިސް ބައެއް މީހުން އުޅޭ ގޭގޭ ހިމެނޭ ސަރަހައްދަށް މި ފަދަ ލިޔުންތައް ހުރި ކިހާ އަޅާފައިވާ ކަމަށް ވެސް ފާއިޒް ވިދާޅުވި އެވެ.

މިކަމާ ބެހޭގޮތުން ފުލުހުންނާ ގުޅާލުމުން މީޑިއާ އޮފިޝަލް ވިދާޅުވީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ފުލުހުން ވެލިދޫގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ރިޔާސީ އިންތިޚާބާ ދިމާކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިހުރު ހަދާކަމަށް ބުނެ ފުލުހުންނަށް ވަނީ އެތަކެއް މައްސަލަތަކެއް ހުށަހަޅާފަ އެވެ.