ރިޔާސީ އިންތިޚާބުގައި ވޯޓުލީ މީހުންގެ ލިސްޓު ހޯދުމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.

ހައިކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ހުށަހަޅުއްވަމުން ޖުމްހޫރީ ޕާޓީގެ ވަކީލު އަރީފް އަހްމަދު ނަސީމް ވިދާޅުވީ ވޯޓުލާ މީހުންގެ ލިސްޓުގެ ސައްޚަ ކަމާ މެދު ސުވާލުއުފެދޭނެ ފުރުސަތު އެބަ އޮތް ކަމަށާއި އެކަން ބަލައި ދެނެގަނެވޭނީ ލިސްޓު ލިބިގެން ކަމަށެވެ.

އިންތިޚާބުގައި މައްސަލަތައް ހުރި ކަމަށް އެމްޑީޕީގެ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެހެނިހެން ކެންޑިޑޭޓުން ވެސް އެއްބަސްވެވަޑައިގެންފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ވޯޓުލާ މީހުންގެ ލިސްޓު ކެންޑިޑޭޓުންނަށް ދިނުމަކީ މިނިވަން ދިމިގްރާތީ ގައުމުތަކުގައި ވެސް އަމަލުކުރަމުން އަންނަ ގޮތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެކަމާ ގުޅޭ ލިޔުމެއް ޖުމްހޫރީ ޕާޓީގެ ފަރާތުން ޝަރީއަތަށް ހުށަހަޅާފައެއް ނުވެ އެވެ.

ވޯޓުލީ މީހުންގެ ލިސްޓު ހޯދުމަށް އިލެކްޝަންސް ކޮމިޝަނުގައި ޖުމްހޫރީ ޕާޓީން އެދުމުން އެ ލިސްޓު ދޫކުރުމަށް އެ ކޮމިޝަނުން ދެކޮޅު ހަދާފައިވާ ކަމަށް ވެސް އަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވޯޓުލީ މީހުންގެ ލިސްޓް އިލެކްޝަންސް ކޮމިޝަނުން އެއްވެސް ފަރާތަކަށް ދޫކުރަންވާނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ރިޔާސީ އިންތިޚާބުގެ ގަވާއިދުގައި ބުނެފައިވާ ކަމަށާއި އެހެންކަމުން ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތިން އެ ލިސްޓު ދޫކުރެވިދާނެ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އެ މައްސަލައަށް ތަދައްޙުލްވެފައިވާ ޕީޕީއެމްގެ ފަރާތުން ވެސް ވަނީ ވޯޓުލީ މީހުންގެ ލިސްޓު ހޯދުމަށް އެދިފަ އެވެ.

ޕީޕީއެމްގެ ވަކީލު އަހްމަދު ޒަނީން އާދަމް ވިދާޅުވީ ޖުމްހޫރީ ޕާޓީން ހުށަހަޅުއްވާފައިވާ މައްސަލައަށް އެ ޕާޓީން ތާއީދު ކުރާ ކަމަށާއި އެ ޕާޓީން ވެސް އެ ލިސްޓު ބޭނުންވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީން ހުށަހެޅުއްވި މައްސަލަ އަށް ރައްދުދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ އެ ލިސްޓު ދޫކޮށްފި ނަމަ ވޯޓުލީ މީހުންގެ ޒާތީ މައުލޫމާތު ހާމަވެގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ލިސްޓު ދޫކޮށްފި ނަމަ އެ ލިސްޓުގެ ކޮޕީ ނަގައިގެން ރައްޔިތުންގެ މެދުގައި ފިތުނަފަސާދަ އުފެއްދުމަށް މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ވިދާޅުވީ ވަކި ފަރުދަކު ވޯޓުލާފައިވާ ކަމާއި އެ މީހަކު ވޯޓުލީ ތަންތަނަކީ ވެސް އުސޫލެއްގެ ގޮތުން ސިއްރު ކުރަންޖެހޭ މައުލުމާތެއް ކަމަށެވެ.

އިލެކްޝަންސްގެ ވާހަކަތަކަށް ރައްދު ދެއްވައި ޕީޕީއެމްގެ ވަކީލު ޒަނީން ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ވަނުމަށް އެދި ފޯމް ހުށަހަޅާ އިރު މީހުންގެ ނަމާއި އެޑްރެހާއި އައިޑީކާޑް ނަންބަރުގެ އިތުރުން އުފަންތާރީޚު ހިމެނޭ މައުލޫމާތު ޕާޓީތަކަށް އެނގޭނެ ކަމަށެވެ. އެގޮތުން އެއްލައްކަ އަށް ވުރެ ގިނަ މީހުންގެ މައުލޫމަތު އެކި ޕާޓީތަކަށް ލިބިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކި ޚިދުމަތް ހޯދުމަށް ތަންތަނަށް ދާއިރު ވެސް އައިޑީކާޑު އެތަނަކަށް ދައްކަން ޖެހޭ ކަމަށާއި އެހެންކަމުން ޒާތީ މައުލޫމާތެއް ކަމަށް ބުނެ އެ ލިސްޓު ނުދެވެންވީ ސަބަބެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލައިގެ ތެރެއަށް ދަތައްޙުލްވެފައިވާ އެމްޑީޕީގެ ވަކީލު އަހްމަދު އަބްދުﷲ އަފީފް ވިދާޅުވީ ގާނޫނުގައި ބުނާފަދައިން އެ މައްސަލަ ސާބިތުވާ ވަރަށް ހެކި ހުށަހަޅާފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ އިންތިޚާބުގައި އޮޅުވާލައިގެން ބަޔަކު ވޯޓުލައިފިކަމަށް ބުނާމަ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތް 95000 މީހުންގެ ވޯޓުގެ ސައްޚަ ކަމާ މެދު ސުވާލު އުފެދޭނެ ކަމަށާއި ހެކިނެތުމުން އެފަދަ އަމުރެއް ނެރެންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އެ މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކުން އެކަށީގެންވާ ވަރަށް ވާހަކަ ދައްކައި ނިމުމުން ފަޑިޔާރުންގެ ބެންޗުން ވަނީ ޖުމްހޫރީ ޕާޓީ އާއި އިލެކްޝަންސް ކޮމިޝަންގެ ވަކީލުންނާ ސުވާލުތަކެއްކޮށްފަ އެވެ.

ވޯޓުލީ މީހުންގެ ލިސްޓުގެ ކޮޕީ ނުދީ ހަމައެކަނި އިލެކްޝަންސް ކޮމިޝަނަށް ހާޒިރުކޮށްގެން އެ ލިސްޓު ބަލާލުމުގެ ފުރުސަތު ދީފި ނަމަ ކިހިނެތްވާނެތޯ ފަނޑިޔާރުން ދެންނެވުމުން ޖުމްހޫރީ ޕާޓީގެ ވަކީލު އަރީފް ވަނީ އެކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ވަކީލު ހުސްނުއްސުއޫދު ވެސް ވިދާޅުވީ އެއީ ކުރެވިދާނެ ކަމެއް ކަމަށެވެ.

އެ ލިސްޓުތައް ބެލުމަށް ކިހާ ވަގުތެއް ބޭނުންވާނެތޯ ފަނޑިޔާރުން ދެންނެވުމުން ސުއޫދު ވިދާޅުވީ 400 އަށް ވުރެ ގިނަ ގަޑިއިރު އެކަމަށް ހޭދަވާނެ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އަބްދުލްޣަނީ މުހައްމަދު ވިދާޅުވީ އެ މައްސަލައިގެ ހުކުމް ކުރުމަށް ބާއްވާ ޝަރީއަތުގެ މަޖިލީސް ވަރަށް އަވަހަށް ބާއްވާނެ ކަމަށެވެ.