15 Sep 2013, 17:57
ދިގު މުއްދަތައް ދަނޑުވެރިކަން ކުރަން ދޫކޮށްފައިވާ ރަށްރަށުން ވޭތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި 10.7 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީ އިން ބުނެފި އެވެ.
ފިޝަރީޒް މިނިސްޓަރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ މީގެ ކުރިން ވަރުވާއަށް ރަށް ދޫކޮށްގެން ރަނގަޅު އެއްޗެއް ދައުލަތަށް ލިބިފައި ނުވި ނަމަވެސް ވޭތުވެ ދިޔަ ދެ އަހަރެއްހާ ދުވަހެއްގެ ތެރޭގައި ދިގު މުއްދަތައް 13 ރަށެއް ދޫކޮށްގެން ދައުލަތަށް 10.7 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.
"ދެހާސް ބާރަ ވަނަ އަހަރާއި މި އަހަރު ދޫކޮށްފައިވާ ރަށްރަށަށް 10.7 މިލިއަން ރުފިޔާ ލިބޭ، އޭގެ ތެރެއިން މިދިޔަ އަހަރު ދޫކުރެވިފައި ވަނީ މަދު ރަށެއް،" ޝަފީއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިން ދޫކޮށްފައިވާ ފަޅުރަށްރަށަށް ލިބެން ޖެހޭ 35 މިލިއަން ރުފިޔާ ނުލިބިވާ ކަމަށެވެ. އަދި އެ ރަށްރަށަށުން ލިބެން ޖެހޭ ފައިސާ މީރާ މެދުވެރިކޮށް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ޝަފީއު ވިދާޅުވީ މަސްދިރުވައި އާލާ ކުރުމަށް ހަތަރު ފަޅެއް ދޫކުރުމަށް މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ދޫކުރުމަށް އިއުލާންކޮށްފައި ވަނީ ރ. ބޮޑުފަރު ނޮޅާއި ރ. ބޮޑު ފަރާއި ވ. މާގުޅި ފަޅުގެ އިތުރުން މ. ގާހުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޝަފީއު ވިދާޅުވީ އެފަޅުތައް ދޫކުރުމުގައި ބަލަނީ ބޮޑު އަގު ހުށައަޅާ ފަރާތްތަކަށް ނޫން ކަމަށާއި ބޮޑަށް އިސްކަންދޭނީ އެކަން ރަނގަޅަށް ކުރެވޭނެ ފަރާތްތަކަށް ކަމަށެވެ. އަދި އެފަޅުތައް ދިނުމަށް ދިވެހި ކުންފުނިތަކަށް އިސްކަންދޭ އިރު ބޭރުގެ ފަރާތްތަކަށް ވެސް ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވިދާޅުވި އެވެ.