ކޮލަމްބޯ (ސެޕްޓެމްބަރު 15): ސްރީލަންކާގެ އުތުރުގެ ކިލިނޮޗީ އާއި ކޮލަމްބޯ ގުޅުވައިދޭ ރޭލުވޭގެ ޚިދުމަތް އަލުން ފެށިކަން އެގައުމުގެ ސަރުކާރުން އިޢްލާންކޮށްފި އެވެ.

ކޮލަންބޯގެ އުތުރުން 224 ކިލޯމީޓަރު ދުރުގައިވާކިލިނޮޗީ އަށް އިއްޔެ ފެށި ރޭލުގެ ފުރަތަމަ ދަތުރުގައި ރައީސް މަހިންދަ ރާޖަޕަކްސަ ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށްވެ އެވެ. އޭނާގެ އަރިހުގައި ބައިވެރިވެރިވެ ވަޑައިގެންނެވި ވެރިކަންކުރާ "ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް"ގެ އިސް މަސްއޫލުވެރިއަކު ވިދާޅުވީ މިއީސްރީލަންކާގެ ދާޚިލީ ހަނގުރާމައިގާ ވީރާނާވެފައިވާ އުތުރުގެ ސަރަހައްދުތަކުގެ އުމްރާނީ ތަރައްޤީގެ އޮނިގަނޑު އަލުން ބިނާކޮށް އާރާސްތު ކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން ހާސިލް ކުރެވުނު ނަތީޖާއެއް ކަމަށާ ރޭލްދަތުރުތައް އަލުން މިފެށުނީ 23 އަހަރުގެ މެދުކެނޑުމަކަށް ފަހުގައި ކަމުގަ އެވެ.

މިދަތުރުފުޅަށް ފަހު ކިލިނޮޗީގައި ދެއްވި ބަޔާނެއްގައި ރާޖަޕަކްސަ ވަނީ ސްރީލަންކާގެ އުތުރުގެ ސަރަހައްދު ތަރައްޤީ ކުރުމަށް ވަރަށް ޚާއްސަ މަޝްރޫޢުތަކެއް އޭނާގެ ސަރުކާރުން ހިންގަމުން ގެންދާކަމަށް ވިދާޅުވެ އެ ސަރަހައްދުގެ ރައްޔިތުންގެ ތާއީދު ހޯއްދެވުމުގެ ގޮތުން ވާހަކަ ދައްކަވާފަ އެވެ. ކިލިނޮޗީގައި ރާޖަޕަކްސަ ވަނީ އޭނާގެ "ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް"އަށް ތާއީދު ހޯދުމުގެ ކޭންޕޭން ބައްދަލުވުމެއްގައި ވެސް ބައިވެރިވެ ވަޑައިގެންފަ އެވެ.

ސްރީލަންކާގެ އުތުރުގައި ތަމަޅަ ނަސްލުގެ ރައްޔިތުންނަށް ވަކި ދައުލަތެއް އުފެއްދުމުގެ މަޤްސަދުގައި ތަމަޅަ ހަނގުރާމަވެރި ޖަމާއަތްތަކުން ސަރުކާރާ ދެކޮޅަށް ހަނގުރާމަ ފަށާފައި ވަނީ 1978 ގައެވެ. އެހަނގުރާމައިގާ ލިބުނު ގެއްލުންތަކުގެ ސަބަބުން ސްރީލަންކާގެ އުތުރާއި ކޮލަންބޯއާ ދެމެދު ރޭލުގެ ޚިދުމަތްތައްވަނީ ހުއްޓިގެން ގޮސްފަ އެވެ.

2009 ވަނަ އަހަރު ތަމަޅަ ޓައިގަރުން ބަލިވެ ސްރީލަންކާގެ ދާޚިލީ ހަނގުރާމަ ނިމުމަށްފަހު ރާޖަޕަކްސަގެ ސަރުކާރުން އިސްކަންދިން ޢުމާރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރޭގައި ކޮލަންބޯއާއި އުތުރު ގުޅުވައިދޭ ރޭލްވޭ، މުޅިން އައު ޓްރެކެއްގެ ދަށުން އަލުން ބިނާކުރުމުގެ މަޝްރޫޢުތައް ހިމެނެ އެވެ. ނަމަވެސް ސްރީލަންކާގެ އުތުރުގެ ހުރިހާ ސަރަހައްދުތަކަށް ރޭލުގެ ޚިދްމަތް އަލުން ދިނުމުގެ ބޮޑު ޕްރޮގްރާމް ނިންމާލުމަށް އަދި ތިން އަހަރު ނަގާނެ ކަމަށް ސަރުކާރުން ބުނެ އެވެ. (ސްރީލަންކާގެ މީޑިޔާ)