15 Sep 2013, 17:30
ވޮޝިންޓަން (ސެޕްޓެމްބަރު 15): ސޫރިޔާގެ ކެމިކަލް ހަތިޔާރުގެ ސްޓޮކް، އދ.ގެ ބެލުމުގެ ދަށަށް ގެންދިޔުމުގެ މައްސަލާގައި އެމެރިކާ އާއި ރަޝިޔާގެ ޚާރިޖީ ވަޒީރުން ޖެނީވާގައި އެއްބަސްވި އެއްބަސްވުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ މަރްޙަބާ ވިދާޅުވެއްޖެ އެވެ.
މިއެއްބަސްވުމަށް ތަރްޙީބު ދެއްވަމުން އޮބާމާ ވިދާޅުވީ އެއެއްބަސްވުމާއެއް ގޮތަށް ސޫރިޔާ އަމަލުނުކޮށްފި ނަމަ އެގައުމާދެކޮޅަށް އެމެރިކާ ޢަސްކަރީ ފިޔަވަޅު އަޅާނެ ކަމުގަ އެވެ. ސޫރިޔާގެ ކެމިކަލް ހަތިޔާރުގެ ސްޓޮކް، އދ.ގެ ބެލުމުގެ ދަށަށް ގެންދިޔުމާބެހޭ ގޮތުން ރަޝިޔާ ހުށަހެޅި ޕްލޭނާބެހޭ ގޮތުން ޖެނީވާގައި ދެދުވަސްވަންދެން މަޝްވަރާކުރެއްވުމަށް ފަހު ރަޝިޔާއާއި އެމެރިކާގެ ޚާރިޖީ ވަޒީރުން ސޮއިކުރެއްވި އެއްބަސްވުމުގައި ވަނީ 2014 ވަނަ އަހަރުގެ މެދެއްހާ ހިސާބަށް ދިޔުމުގެ ކުރިން ސޫރިޔާގެ ކެމިކަލް ހަތިޔާރުގެ ސްޓޮކް އދ.ގެ ބެލުމުގެ ދަށަށް ގެންދިޔުމަށެވެ. މިގޮތަށް ޢަމަލުކުރުމަށް އެއްބާރުލުން ދިނުމަށް ސޫރިޔާ ސަރުކާރަށް ބާރުއަޅާ ޤަރާރެއް އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރުމަށް ވެސް މިއެއްބަސްވުމުގައިވެ އެވެ.
ނަމަވެސް ސަލާމަތީ މަޖިލީހުން ޤަރާރެއް ފާސްކުރުމަކީ ހަމައެކަނި އެމެރިކާއާއި ރަޝިޔާ އެއްބަސްވެގެން ކުރެވެންއޮތް ކަމަކަށްނުވާތީ އާއި ޗައިނާގެ ވިސްނުން މިކަމުގައި އޮތްގޮތެއް ނޭންގުމުގެ އިތުރުން މިއީ ޗައިނާގެ ބައިވެރިވުން ހިމެނޭ އެއްބަސްވުމަކަށް ނުވާތީ މިއެއްބަސްވުމުގައި ބުނާ ގަރާރު ސަލާމަތީ މަޖިލީހުން ފާސްވާނެ ކަމުގެ ގެރެންޓީ ނެތްކަމަށް މުރާސިލުން ދެކެ އެވެ.
ޗައިނާއަކީ އެމެރިކާ އަށް ބެލުމެއްނެތި، ބޭނުންވެއްޖެ ހިނދެއްގައި، ސަލާމަތީ މަޖިލީހުގައި ވީޓޯގެ ބޭނުންކުރުމަށް ފަސް ޖެހޭ ގައުމެއްނޫން ކަން މިފަހަކަށް އައިސް އެގައުމު ވަނީ ސާބިތުކޮށްދީފަ އެވެ. މިގޮތުން ސޫރިޔާއާ ދެކޮޅަށް ފާސްކުރަން އެމެރިކާ ބޭނުންވި އެތަށް ޤަރާރަކާ ދެކޮޅަށް ޗައިނާ އިން ސަލާމަތީ މަޖިލީހުގައި ފާއިތުވި ދެއަހަރެއްހާ ދުވަހު ވީޓޯގެ ބޭނުންކޮށްފައިވެ އެވެ. އެމެރިކާ އާއި ރަޝިޔާގެ ޚާރިޖީ ވަޒީރުން ގެ މިއެއްބަސްވުމުގެ ސަބަބުން ސޫރިޔާއަށް ޙަމަލާ ދިނުމަށް އެމެރިކާ ކުރިން ރޭވިޕްލޭން ތަންފީޒުކުރުން މިހާރުވަނީ މަޑުޖައްސާލާފަ އެވެ. ނަމަވެސް މީގެ މާނައަކީސޫރިޔާއާ ދެކޮޅަށް ބާރުގެ ބޭނުންކުރުމުގެ ޕްލޭން މުޅިން ދޫކޮށްލުންނޫން ކަމަށް އެމެރިކާގެ ރައީސް ވިދާޅުވި އެވެ.
އެމެރިކާގެ ސެނެޓްގެ ހަރުކަށި ޚިޔާލުގެ ބައެއް މެންބަރުން ވަނީ ސޫރިޔާގެ ކެމިކަލް ހަތިޔާރުގެ މައްސަލާގައި އެމެރިކާއާއި ރަޝިޔާ ޖެނީވާގައި އެއްބަސްވި އެއްބަސްވުމަކީ ބަލިކަށި އެއްބަސް ވުމެއް ކަމަށް ސިފަކުރައްވާފަ އެވެ. އެބޭފުޅުން ވަނީ ސޫރިޔާއާ ދެކޮޅަށް ބާރުގެ ބޭނުންކުރާނެ ކަމުގެ ގެރެންޓީ ދޭ ސަލާމަތީ މަޖިލީހުގެ ޤަރާރެއް އެ އެއްބަސްވުމުގައި ނުހިމެނޭ ނަމަ އެއީ މާނައެއްނެތް އެއްބަސްވުމެއް ކަމަށާ ބައްޝާރުގެ ސަރުކާރުން އެ އެއްބަސްވުން ތަންފީޒު ނުކުރާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.
ސޫރިޔާގެ ކެމިކަލް ހަތިޔާރުގެ އެއްބަސްވުން ތަންފީޒު ކުރުމަށް ބާރުއަޅާ ސަލާމަތީ މަޖިލީހުގެ ޤަރާރަކީ ސޫރިޔާއާ ދެކޮޅަށް ބާރުގެ ބޭނުންކުރާނެކަން ކަށަވަރުކޮށްދޭ ޤަރާރަކަށް ވާންޖެހޭނެ ކަމަށް އެ އެއްބަސްވުމުގައި ނުބުނާ ކަމަށް ކޮންގްރެސްގައި ހިމެނޭ ހަރުކަށި ވިސްނުމުގެ މެންބަރުން ވިދާޅުވެ އެވެ. އަދި މިފަދަ ޤަރާރެއް ސަލާމަތީ މަޖިލީހުން ފާސްކުރުމުގައި ރަޝިޔާއާއި ޗައިނާގެ އެއްބާރުލުން ލިބިދާނެ ކަމުގެ ކުޑަވެސް ޔަގީންކަމެއްނެތް ކަމަށް ސެނެޓްގެ ހަރުކަށި ވިސްނުމުގެ މެންބަރެއް ކަމަށްވާ ރިޕަބްލިކަން ޕާޓީގެ ޖޯޖް މެކޭން ވިދާޅުވި އެވެ.
ބައްޝާރުގެ ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރައްވާ ސޫރިޔާގެ އިދިކޮޅު ލީޑަރުންވެސްވަނީސޫރިޔާގެ ކެމިކަލް ހަތިޔާރުގެ މައްސަލާގައި އެމެރިކާއާއި ރަޝިޔާގެ ޚާރިޖީ ވަޒީރުން ޖެނީވާގައި އެއްބަސްވި އެއްބަސްވުމަކީ މާނައެއް ނެތް އެއްބަސްވުމެއް ކަމަށް ސިފަކުރައްވާފަ އެވެ. އަދި މިފަރާތްތަކުން ވަނީ ބައްޝާރުގެ ސަރުކާރަށް ޙަމަލާދިނުމުގައި އެމެރިކާގެ ޢަޒުމު ބަލިކަށިވެ އެމެރިކާ ފަހަތަށްޖެހޭކަން ފާހަގަކުރައްވައި ވާހަކަ ދައްކަވާފަ އެވެ. (ނޫސްއެޖެންސީތައް)