އަފްޣާނިސްތާނުގެ ގައުމީ ޓީމަށް އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ޗެލެންޖް ކަޕް ވެސް ކާމިޔާބު ކުރެވިދާނޭ ކަމަށް އޭފްސީގެ ރައީސް ޝެއިޚް ސަލްމާން ބިން އިބްރާހީމް އަލް ޚަލީފާ ވިދާޅުވެއްޖެ އެވެ.

ސާކް ސަރަހައްދުގައި ބޭއްވޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ހަ ފަހަރު ކާމިޔާބުކޮށްފައިވާ އިންޑިއާ 2-0 އިން ބަލިކޮށް އަށް ވަނަ ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމާގުޅިގެން އަފްޣާނިސްތާނަށް މަރުހަބާ ދަންނަވަމުން ޝެއިޚް ވިދާޅުވީ، 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕް ކާމިޔާބު ކުރެވިދާނެ ޓީމުތަކުގެ ތެރޭގައި އަފްޣާން ގުނަން ޖެހޭ ކަމަށެވެ.

"ދެކުނު އޭޝިޔާގައި އަފްޣާން ފުޓްބޯޅަ ޓީމް ހޯދި ކާމިޔާބާއެކު އެގައުމުން ސާބިތު ކޮށްދީފި އެއީ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕަށްވެސް ވާދަ ކުރެވޭނެ ޓީމެއް ކަން،" ޝެއިޚް ސަލްމާން ވިދާޅުވި އެވެ. "ސަރަހައްދީ ލެވެލްގައި އެޓީމުން ވަނީ ގާބިލްކަން ދައްކާފައި. އަހަރެން ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި ބާއްވާ މުބާރާތުގެވެސް ފޭވަރިޓުންނަށް އެޓީމް ވާނެ."

"އަފްޣާނިސްތާން އެވަނީ، ވޭތުވެދިޔަ އަހަރު ތަކުގައި ފާހަގަކޮށްލެވޭފަދަ ކުރިއެރުމެއް ހޯދާފައި. އެމީހުން އެވަނީ ވަރަށް ބޮޑުތަން ރަނގަޅުކޮށްފައި، އަހަންނަށް ހަމަ ޔަގީން ކުރިއަށް އޮތް ދުވަސްތަކުގައި އެޓީމް އަދިވެސް ރަނގަޅު ވެގެން ދާނޭ ކަމަށް،" ޝެއިޚް ސަލްމާންއާ ހަވާލާދީ އޭއެފްސީ ވެބްސައިޓުގައިވެ އެވެ.

އޭއެފްސީ ޗެލެންޖް ކަޕް އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިރު އެ މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ރާއްޖެއަށް ވަނީ، މުބާރާތުން ޖާގައެއް ލިބިފަ އެވެ. އެހެން ކަމުން ސާފް ޗެމްޕިއަންޝިޕްގެ ހިތި ހަނދާންތައް އެއްފަރާތްކޮށް ޗެލެންޖު ކަޕަށް ތައްޔާރުވުމުގެ މައްސަކަތް މިހާރުވެސް ރާއްޖެއިން ފަށަން ވެއްޖެ އެވެ.

އޭފްއެފްސީ ޗެލެންޖް ކަޕް ކާމިޔާބު ކުރާ ޓީމަކަށް 2015 ވަނަ އަހަރު އޮސްޓްރޭލިޔާގައި ބާއްވަން ހަމަ ޖެހިފައިވާ އޭއެފްސީ އޭޝިއަން ކަޕުން ޖާގަ ލިބޭއިރު ޗެލެންޖު ކަޕް ބާއްވާ ގައުމުގެ ހައިސިއްޔަތުން އެމުބާރާތުގެ ފައިދާ އެންމެ ރަނގަޅަށް ނެގެން އޮންނާނީ ރާއްޖެއަށެވެ. އެހެން ކަމުން ދުނިޔޭގެ ބައްރު ތަކުގައި ބޭއްވޭ ދެވަނައަށް އެންމެ ދުވަސްވީ ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ހޯދުމަށް މަސައްކަތް ކުރުމަށް މިއީ ރާއްޖެއަށް ލިބޭނޭ ރަނުގެ ފުރުސަތެކެވެ.

ހަނގުރާމައިގެ ސަބަބުން ބައިބައި ވެފައިވާ އަފްޣާނިސްތާނުގައި ފުޓްބޯޅަ ކުރިއެރުވުމަށް އަފްޣާނިސްތާން ފުޓްބޯލް ފެޑެރޭޝަން (އޭއެފްއެފް) އިން ކުރަމުން އަންނަ ކާމިޔާބު މަސައްކަތްތަކަށްވެސް އޭއެފްސީގެ ރައީސް ވަނީ ތައުރީފް ކުރައްވާފަ އެވެ.

"ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި އޭއެފްއެފް އިން ދަނީ ނަމޫނާ މަސައްކަތްތަކެއް ކުރަމުން. އެހެން ކަމުން އެ އިދާރާގެ މިންނެތް މަސަކްކަތުގެ އަގު ވަޒަންކުރަން ޖެހޭ،" ޝެއިޚް ސަލްމާން ވިދާޅުވި އެވެ.