ކ. ގުރައިދޫގައި ސިހުރަ ހާހޫރައިގެ ކަންތައްގަނޑު ބޮޑުވެގެން ގޮސް، އެ ރަށުގައި ތައުލީމުދޭ އެއްވެސް މަރުކަޒެއްގައި އިންތިހާބާ ބެހޭ އެއްވެސް ކަމެއް ނުކުރުމަށް ކަނޑައަޅައި ގުރައިދޫ ކައުންސިލުން ގަރާރެއް ފާސްކޮށްފި އެވެ.

ގުރައިދޫ ކައުންސިލް ހުސެއިން ޔާމީން މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ އެފަދަ ގަރާރެއް ރަށު ކައުންސިލުން ފާސްކޮށްފައި ވަނީ ރަށު ތެރޭގައި ހިނގަމުންދާ ސިހުރުގެ ކުޅިގަނޑާއި އެކަމާ ގުޅިގެން މިދިޔަ ހަފްތާގެ ތެރޭގައި ހިނގައި ދިޔަ މާރާމާރީތަކާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތަކެއް ރަށު ކައުންސިލަށް ހުށަހެޅުމާ ގުޅިގެން ކަމަށެވެ.

ކައުންސިލްގެ ފަސް މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާ އެ ގަރާރުގައި ބުނެފައިވާ ގޮތުގައި 15 ސެޕްޓެމްބަރު 2013ގެ ފަހުން އެ ރަށުގެ ތައުލީމުދޭ އެއްވެސް މަރުކަޒެއްގައި އިންތިހާބާ ބެހޭ އެއްވެސް ކަމެއް ނުބޭއްވޭނެ އެވެ.

ޔާމީން ވިދާޅުވީ އިންތިހާބާ ގުޅޭ އެއްވެސް ކަމެއް ރަށުގެ އެއްވެސް ސްކޫލެއްގައި ކުރިއަށް ނިގެންދިއުމަށް އެދި ރަށު ރައްޔިތުންގެ ތެރެއިން ގާތްގަނޑަކަށް 50 މީހުން ސޮއިކޮށް ޕެޓިޝަނެއް ހުށަހަޅައިފައިވާ ކަމަށެވެ.

"ރަށުގައި މިހާރު ހިނގަމުންދާ ސިހުރުގެ ކަންތައްތަކާ ސިހުރުގެ ކަންތައްތައް މައިތިރިކުރަން ބާތިލަށް ކިޔަވަންވެގެން ގެނައި ބަޔެއް ކަމަށް ހީކޮށް އެމީހުންގެ މަސައްކަތްތަކަށް އެމްޑީޕީގެ ސަޕޯޓަރުންތަކެއް ހުރަސްއެޅި. އަދި އެކަން ހުއްޓުވަން ފުލުހުން މަސައްކަތް ކުރުމުން މާރާމާރީއެއް ވަނީ ހިނމގައިފައި. ނަމަވެސް އެމީހުން އަސްލު މިރަށަށް އައި ވަޅުލާފައި ހުރި ހަތިމްތަކުގެ ފޮޓޯތަކެއް ނެގުމަށާއި އެތަކެއްޗާ ބެހޭ މައުލޫމާތުތައް ނެގުމަށް. އެކަންތައް ގަނޑު ބޮޑުވެގެން ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ވަނީ ކައުންސިލަށް ހުށަހަޅައިފައި،" ޔާމީން ވިދާޅުވި އެވެ.

ގުރައިދޫގެ ޕްރީންސްކޫލާއި އެ ރަށު މަދަރުސާގައި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ދެ ވޯޓް ފޮށި ވަނީ ބަހައްޓައިފަ އެވެ. އޭގެ ފަހުން އެރަށު ސްކޫލްގެ ދެ ބެލެނިވެރިއަކާއި އެ ރަށުގެ އަންހެން ކުއްޖެއްގެ އިތުރުން ފިރިހެނަކަށް ޖިންޖީގެ ބަލި ޖެހިފައިވާ އިރު ސްކޫލްގެ ބައެއް ދަރިވަރުންނަށް ސްކޫލްގެ ތެރެއިން އެފަދަ ބައެއް އަލާމާތްތައް ފެންނަވަމުންދާ ކަމުގެ ޝަކުވާ ބެލެނިވެރިން ވަނީ ކައުންސިލަށް ހުށަހަޅައިފަ އެވެ.

މީގެ އިތުރުން އެރަށުގެ ގޮނޑުދޮށުގައި ވަޅުލާފައިވާ ހުރި ހަތިމުތަކެއް ފެނިފައިވާ އިރު ގަބުރުސްތާނުގެ މަހާނައަކަށް ޖަހާފައިވާ އެއްޗެއްގެ އިތުރުން ރަށުގެ އެކި ސަރަހައްދުން ސިހުރަ ހާހޫރަ ހަދަން ބޭނުންކުރާ ބައެއް އާލާތްތައް ފެނިފައިވާ ކަމަށް ރަށު ކައުންސިލުން ބުންޏެވެ.