15 Sep 2013, 13:48
ޑިމޮކްރަސީ އަކީ ދެ ތިން އިންތިހާބެއް ބޭއްވުމުން ފުރިހަމަ ވެގެންދާ އެއްޗެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
~
ބައިނަލް އަގުވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބާގައި މިއަދު ފޮނުއްވި ޚިތާބުގައި ރައީސް ވަހީދު ވިދާޅުވެފައި ވަނީ ޑިމޮކްރަސީއަކީ އެންމެ ދުވަހަކުން ނުވަތަ އެއް އަހަރުން ފުރިހަމަވާނެ އެއްޗެއް ނޫން ކަމަށެވެ.
"ޑިމޮކްރަސީއަކީ އެންމެ ދުވަހަކުން، ނުވަތަ އެއް އަހަރުން ނުވަތަ ދެތިން އިންތިހާބެއް ބޭއްވުމުން ފުރިހަމަވެގެންދާނޭ އެއްޗެއް ނޫނެވެ،" ޚިތާބުގައި ރައީސް ވަހީދު ވިދާޅުވެފައިވެ އެވެ.
ޑިމޮކްރަސީ އަށަގެންނެވުމަށް ހުއްޓުމެއް ނެތި ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ. އެގޮތުން ކުރަން ޖެހޭ ކަންތައްތަކުގެ ގޮތުގައި ފާހަގަކުރައްވާފައި ވަނީ އަދުލު އިންސާފު ގާއިމްކުރުމާއި ގާނޫނު އަސާސީއަށް ބޯ ލަނބާ ވެރިކަމެއް ގާއިމް ކުރުމެވެ.
"ޑިމޮކްރަސީ އަށަގެންނެވުމަށް ހުއްޓުމެއް ނެތި ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭނެ އެވެ. މީގެތެރޭގައި، ގައުމުގައި އަދުލު އިންސާފު ގާއިމުކުރުމާއި، ގާނޫނު އަސާސީ އަށް އެންމެ ފުރިހަމައަށް ބޯލަނބާ ވެރިކަމެއް ގާއިމްކުރުން ހިމެނެ އެވެ،"
ރައްޔިތުންނަށް ލިބިދޭންޖެހޭ ހައްގުތައް އުނިނުވާ ފަދަ ގޮތަކަށް ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމާއި ގާނޫނުތައް ހެދުމަކީ ވެސް މުހިއްމު ކަމެއް ކަމަށް ރައީސް ވަހީދު ވިދާޅުވެފައިވެ އެވެ.
ފުރިހަމަ ޑިމޮކްރަސީއަކަށްވުމަށް ހާސިލުކުރަން ޖެހޭ އެ ކަންތައްތައް، ރައްޔިތުންގެ އަޑު އަހައިގެން ނޫނީ ހާސިލުނުވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
"ރައްޔިތުން ބޭނުންވަނީ ގައުމުގެ ހަމަޖެހުމާއި، ރައްޔިތުންގެ ހަމަހަމަކަމާއި، ފާގަތިކަން އިތުރުކޮށްދޭނެ އިސްލާޙުތަކެކެވެ. ރައްޔިތުންގެ އަޑު އަހައިގެން މެނުވީ، މިކަން ކަމެއް ހާސިލެއް ނުކުރެވޭނެ އެވެ. ދުވަސްވީ މީހުންގެ ތަޖުރިބާ މުހިންމުވާ ފަދައިން، ކަންކަމުގައި ޒުވާނުންގެ ބަސް ވެސް ހަމައެހާމެ މުހިންމުވާނެ އެވެ. ގައުމުގެ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުން ކަމުގައިވީއިރު، ގައުމުގެ އެންމެ އިސް ފަރާތްތަކުން ޒުވާނުންގެ އަޑު އަހަންޖެހޭނެ އެވެ،" ހިތާބުގައިވެ އެވެ.
ރައީސް އަދި ވިދާޅުވެފައިވަނީ ޑިމޮކްރަސީ އަށަގެންނެވުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރަމުންދާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ.
"ރާއްޖޭގައި ޑިމޮކްރަސީ ފުރިހަމައަށް އަށަގަންނަވައި، އަންނަން އޮތް ޖީލުތަކަށް ޑިމޮކްރަސީގެ ރީތި އުސޫލުތަކާއި، އޭގެ ޒަރީއާއިން ލިބިގެންދާ އެންމެހައި ހައްގުތައް ފޯރުކޮށްދިނުމަށްޓަކައި، ކުރެވެންހުރި ހުރިހާ ކަމެއް ސަރުކާރުން ކުރަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް މިފުރުސަތުގައި އަރުވަމެވެ،" ރައީސް ވަހީދުގެ ހިތާބުގައިވެ އެވެ.