22 Nov 2010, 11:37
ދެހާސް ނުވަ ވަނަ އަހަރުގެ ކުރީކޮޅު މާލޭގައި ސ. ހުޅުދޫ ލިލީގޭ އަބްދުﷲ ފަރުހާދަށް ކަޓަރުން ހަމަލާދީ މަރާލި މައްސަލައިގައި ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ދައުލަތުން ދައުވާ ކުރި އިތުރު ދެ މީހެއްގެ ޝަރީއަތް ހިންގައި ހަތަރު އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.
އޭގެ ތެރެއިން އެކަކީ މ. ބްލޫލޭކް ލޮޖް އަލީ ރަޒީން 21، އެވެ. އަނެކަކީ މ. ރޭ އަލިވާގޭ އިބްރާހިމް ނައުފަލް 20، އެވެ. މި ދެމީހުންގެ މައްޗަށް ގާޒީ އަލީ ރަޝީދު އިއްވެވީ ހަޔަރު އަހަރަށް ޖަލަށް ލުމަށެވެ. ރަޒީނާއި ނައުފަލްގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ.
އަލީ ރަޝީދު ގާޒީ މިއަދު ވިދާޅުވީ ރަޒީނާއި ނައުފަލުގެ މައްސަލަ ބެލި އިރު ހެކިންގެ ހެކިބަހުން ސާބިތުވަނީ އެމީހުން ފަރުހާދަށް އަނިޔާކުރި މައްސަލަ އެކަނި ކަމަށާއި ރަޒީނާއި ނައުފަލް ކުރި އަމަލުގައި ގަސްދުގައި މީހަކު މަރާލުމުގެ ސިފަ ނުޖެއްސޭނެ ކަމަށާއި އެ ދެމީހުންގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ ނުބައި ދައުވާއެއް ކަމަށެވެ.
ގާޒީ ވިދާޅުވީ ގޯސްކޮށް ދައުވާ އޮތުމަކީ އެ ދެމީހުންގެ މައްޗަށް މައްސަލަ ސާބިތުނުވާ ކަމަށް ބަލަން ޖެހޭ ސަބަބެއް ނޫން ކަމަށާއި މީގެ ކުރިން ވެސް އެފަދަ މައްސަލަތަކުގައި ދައުވާއަށް ރަނގަޅު ސިފަ ގެނެސް ކޯޓުން ހުކުމްކޮށްފައިވާނެ ކަމަށެވެ.