15 Sep 2013, 13:37
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ހުޅުމާލެއިން ދޫކުރުމަށް ނިންމާފައިވާ 15 ފުލެޓް އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޖެންޑާ މިނިސްޓްރީން ބުނީ އެ ފުލެޓްތަކަށް އެދި ހުށައެޅުމަށް އަންނަ މަހުގެ 10 ވަނަ ދުވަހާއި ހިސާބަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި ހުށަހަޅަންޖެހޭ ފޯމްތަކާއި ބޭނުންވާ އެހެނިހެން ލިޔެ ކިޔުންތަކުގެ މައުލޫމާތު އެ މިނިސްޓްރީން ލިބޭނެ ކަމަށް ވެސް ބުންޏެވެ.
އެ މިނިސްޓްރީން ބުނީ ފުލެޓްތަކަށް ކުރިމަތިލާ ފަރާތްތަކަށް މާކްސް ދިނުމުގައި ނުޅެދުންތެރިކަން ހުންނަ މިންވަރަށް އިސްކަން ދެވޭނެ ކަމަށެވެ. އަދި އެފުލެޓްތައް ދޫކޮށްފައިވަނިކޮށް ނުކުޅެދުންތެރިކަން ހުންނަ މީހާ ނިޔާވެއްޖެނަމަ ނުވަތަ އެމީހާ އާއި މެދު އިހުމާލުވެއްޖެނަމަ އެ ފުލެޓް މިނިސްޓްރީ އަށް ނެގޭނެ ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ބުންޏެވެ. އަދި އެ ފުލެޓްތަކަށް މިނިސްޓްރީގެ ފަރާތުން ޒިޔާރަތްކޮށް ހަ މަހުން އެސެސްމަންޓް ހަދާނެ ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ބުންޏެވެ.
"މި ފުލެޓްތަކުގެ ކުލި ދައްކަން ހަމަޖެހިފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އިން އިން ފުލެޓަށް ހޮވޭ ފަރާތާ އެކު ހެދޭ އެގްރީމަންޓްގައި ކަނޑައަޅާ ގޮތެއްގެ މަތިން އެފުލެޓްތަކަށް ހޮވޭ ފަރާތްތަކުނެވެ. ފުލެޓް ހަވާލު ކުރުމަށްފަހު ފުލެޓްތަކުގައި ދިރިއުޅެން ޖެހޭނީ ފުލެޓް ހަވާލު ކުރި ފަރާތެވެ." ޖެންޑާ މިނިސްޓުރީއިން ބުންޏެވެ.