15 Sep 2013, 13:12
އިޓާލިއަން ލީގުގައި ރޭ އިންޓަ މިލާނާއި ޔުވެންޓާސް ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު އެޓްލާންޓާ އަތުން 2-0 އިން މޮޅުވެ ނަޕޯލީ ތާވަލުގެ ކުރި ހޯދައިފި އެވެ.
ނަޕޯލީގެ ދަނޑުގައި އެޓްލާންޓާއާ ދެކޮޅަށް އެ ޓީމް ކުޅުނު މެޗުގެ 71 ވަނަ މިނިޓުގައި ލީޑު ނަގައިދިނީ، ރެއާލް މެޑްރިޑުން އެޓީމަށް ބަދަލުވި އާޖެންޓީނާ ފޯވަޑް ގޮންޒާލޯ ހިގުއާއިން އެވެ. 74 ވަނަ މިނިޓުގައި ދެވަނަ ރީނދޫ ކާޑަކާއެކު ލޫކާ ޗިގަރިނީއަށް ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލުމުން 10 ކުޅުންތެރިންނާ އެކު ކުޅެމުން ގެންދިޔަ އެޓްލާންޓާގެ ކޮޅަށް ނަޕޯލީގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ 81 ވަނަ މިނިޓުގައި ހޯސޭ މާރިއާ ކަލިޔޯން އެވެ.
ނަޕޯލީގެ މި މޮޅާއެކު އެޓީމް ވަނީ ލީގުގައި މިހާތަނަށް ކުޅުނެ ތިން މެޗުން މޮޅުވެ ނުވަ ޕޮއިންޓާއެކު ތާވަލުގެ ކުރި ހޯދާފަ އެވެ. އަދި ރޭ އިންޓައާއި ޔުވެންޓާސް މެޗު އެއްވަރު ވުމުން އެ ދެ ޓީމަށްވެސް ލިބިފައިވަނީ، ޖުމުލަ ހަތް ޕޮއިންޓެވެ. އިންޓައަށް ތާވަލްގެ ދެވަނަ ލިބެނީ، ފައިދާ ގޯލްގެ ތަފާތުންނެވެ.
އިންޓައަށް ރޭގެ މެޗުގެ 73 ވަނަ މިނިޓުގައި ކުރިހޯދައި ދިނީ މައުރޯ އިކާޑީ އެވެ. އެހެން ނަމަވެސް އޭގެ ދެ މިނިޓުފަހުން އާތުރޯ ވައިދާލްވަނީ ލަނޑެއް ކާމިޔާބުކޮށް ޗެމްޕިއަނުންނަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
ރޭގެ މެޗަށްފަހު ނަޕޯލީގެ ކޯޗު ރަފައެލް ބެނިޓޭޒް ބުނީ، އެޓީމަށް ލީގު ކާމިޔާބު ކުރެވިދާނެ ކަމާމެދު ވާހަކަ ދައްކަން އަދި އަވަސް ކަމަށެވެ.
"ޗެމްޕިއަންކަން ހޯދާނެ ޓީމެއް އެނގޭނީ ލީގު ނިމޭއިރު، ތިން މެޗު ކުޅޭއިރަށް އެވާހަކަ ދައްކާކަށް ނޭނގޭނެ،" ބެނިޓޭޒް ބުންޏެވެ. "އަހަރެމެން ރަނގަޅު ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތައް އަދިވެސް އެބަހުރި އަދި ކުރިއަށް އޮތް މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވާން އެބަ ޖެހޭ."
ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގައި ނަޕޯލީ ކުޅޭ ފުރަތަމަ މެޗުގައި ބުދަދުވަހުގެ ރޭ ނުކުންނާނީ، ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށެވެ.
އިޓާލިއަން ލީގުގައި ރޭ އޭސީ މިލާން ޓޮރިނޯއާ ދެކޮޅަށް ކުޅުނު މެޗު 2-2 އިން އެއްވަރުވެ ދެވަނަ ބައްޔަކުން ސަލާމާތްވީ ކިރިޔާ އެވެ. އެ މެޗުގައި ޓޮރިނޯގެ ޑެނިލޯ ޑި އެމްބްރޮސިއޯ އާއި އެލެސިއޯ ސެރްސީ ދެ ލަނޑު ކާމިޔާބުކޮށް ކުރި ހޯދާފައި ވަނިކޮށް މެޗުގެ 87 ވަނަ މިނިޓުގައި ސޫލޭ މުންތާރީ ކާމިޔާބުކޮށްދިން ލަނޑާއެކު މިލާނަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ، 90 ވަނަ މިނިޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން މާރިއޯ ބަލެޓޮލީ އެވެ.
ރޭގެ މެޗުން އެއްވަރު ވުމުން ލީގުގައި މިލާން މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން އެއްމެޗުން މޮޅުވެ، އެއްމެޗުން ބަލިވެފައިވާއިރު އެޓީމު އޮތީ ހަތަރު ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގަ އެވެ.