ރިޔާސީ އިންތިހާބާ ގުޅިގެން ރާއްޖޭގެ ގައުމީ މަސްލަހަތަށް ގެއްލޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ނެޝަނަލް ޕެނަލް ފޯ ހާމަނީ (ޕީ އެން އެޗް) އިން ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފި އެވެ.

އެ ޖަމިއްޔާ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރިޔާސީ އިންތިހާބުގެ ކަންތައްތައް ހިނގައި ދިޔައީ ވަރަށް ސުލްހަވެރިކަމާއި އޮމާންކަމާ އެކުގައި ކަމަށެވެ. ނަމަވެސް ވަރަށް ކަންބޮޑުވާ ފަދަ ހިޔާލުފާޅުކުރުންތަކާއި ހަރަކާތްތައް ހިނގަމުންދާ ކަން ފާހަގަ ކުރާ ކަމަށް ވެސް އެބަޔާނުގައިވެއެވެ.

"ނަމަވެސް އިންތިހާބަށް ފަހު މިހިނގާ ދުވަސްތަކުގައި އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ފަދަ ޚިޔާލުފާޅުކުރުންތަކާއި ހަރަކާތްތައް ހިނގަމުންދާކަން އަޅުގަނޑުމެން ފާހަގަކުރަމެވެ. ވުމާ އެކު ޤައުމީ މަސްލަހަތު ގެއްލިދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ހުރިހާ ފަރާތްތަކަށް އަޅުގަނޑުމެން އިލްތިމާސްކުރަމެވެ،" ބަޔާނުގައިވެ އެވެ.

މި އަހަރުގެ މޭމަހު އުފެއްދި ޕެނަލް ފޯ ނެޝަނަލް ހާމަނީ އިން ބުނެފައިވާ ގޮތުގައި އެޖަމާއަތުގެ މަގުސަދަކީ ޑިމޮކްރަސީގެ އަސާސްތަކާއި އުސޫލުތައް ކުރިއެރުވުމެވެ. އަދި ދެބަސްވުމާއި އަނިޔާވެރިކަން މަދުކުރުމާއި ގައުމީ މަޝްވަރާއެއް ފެއްޓުމަށް މަގުފަހިވާނެ މާހައުލެއް ގާއިމް ކުރުމެވެ. އަދި އެކަމަށް ޓަކައި މިނިވަން އިންސާފުވެރި އިންތިހާބަކަށް މަގުފަހި ކުރުމަށް މަސައްކަތް ކުރުމަކީ ވެސް މަގުސަދެއް ކަމަށް އެ ޖަމާއަތުން ބުނެފައިވެ އެވެ.