15 Sep 2013, 12:08
ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގައި މިދިޔަ ބުދަ ދުވަހު ނިމުނު އަށް ވަނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޑްރީމް ޓީމުގައި ދިވެހި ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަނގަޑޭ) އާއި މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ހިމެނިއްޖެ އެވެ.
ޑްރީމް ޓީމުގައި ހިމެނުނު ރާއްޖޭގެ ކެޕްޓަން އަލީ އަޝްފާގް(ދަނގަޑޭ) ވަނީ މުބާރާތުގެ ރަން ބޫޓު ވެސް ހޯދައިފަ އެވެ. އެގޮތުން އޭނަ ވަނީ ތިން މެޗު ކުޅެ 10 ގޯލު ޖަހާފަ އެވެ. އަދި މުބާރާތުގައި ދަނގަޑޭ ޖެހި ގޯލްތަކާއެކު، ސާފް ޗެމްޕިއަންޝިޕުގެ ތާރީހުގައި ދަގަނޑޭ ޖަހާ ފައިވާ ގޯލުތަކުގެ ޖުމްލަ އަދަދަކީ 18 އެވެ. އެހެން ކަމުން މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއާގެ ލަގަބް އަދި އޮތީ ދަގަނޑޭ އަތުގަ އެވެ.
މުބާރާތް ކަވަރު ކުރުމަށް ކަތަމަނޑޫއަށް ދިޔަ ނޫސްވެރިން އެކުލަވާލި ޑްރީމް ޓީމުގައި އެންމެ ގިނައީ މުބާރަތުގެ ޗެމްޕިއަންކަން ހޯދި އަފްގާނިސްތާންގެ ކުޅުންތެރިންނެވެ. އެގޮތުން އަފްގާންގެ ފަސް ކުޅުނު ތެރިއަކު ވަނީ ޑްރީމް ޓީމްގައި ހިމަނައިފަ އެވެ. ޑްރީމް ޓީމުގައި ހިމެނޭ އަފްގާން ޓީމުގެ ކުޅުންތެރިން ނަކީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަފްގާންގެ ކީޕަރު މަންސޫރު އާއި މުސްތަފާ ހަދީދާއި އާއި ކެޕްޓަން ހާރޫނު ފަހުރުއްދީން އާއި ސަންޖާރު އަހުމަދީ އަދި މުހައްމަދު ރާފީ އެވެ.
ޑްރީމް ތީމުގައި ޕާކިސްތާނުން ޓީމުން ހިމަނާފައި ވަނީ އެގައުމުގެ ޒީޝާން ރަހުމާނެވެ. އިންޑިއާ ޓީމުން ޑްރީމް ޓީމުގައި ހިމެނި ކުޅުންތެރިއަކީ ފްރާންސިސް ފެނާންޑޭޒް އެވެ. އަދި ނޭޕާލް ޓީމުން ޑްރީމް ޓީމުގައި އެ ގައުމުގެ ދެ ކުޅުންތެރިއަކު ވަނީ ހިމަނާފަ އެވެ. އެ ދެކުޅުން ތެރިން ނަކީ ރާބިން ޝްރޭސްތާ އާއި ބާރަތް ހަވާސް އެވެ.