15 Sep 2013, 12:08
ވޯޓު ކަރުދާސް ޕްރިންޓް ކުރި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު 10 ދުވަހަށް އިތުރުކޮށްފި އެވެ.
މި މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ބޭނުންކުރި ވޯޓު ކަރުދާސް ޕްރިންޓް ކުރި މައްސަލައާ ގުޅިގެން ހދ. ކުޅުދުއްފުށިން ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް ފުރަތަމަ ތިން ދުވަސް ޖަހައިދީފައި ވަނީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުންނެވެ. އަދި 10 ދުވަހަށް އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފައި ވަނީ ކްރިމިނަލް ކޯޓުން ރޭގެ ވަގުތެއްގަ އެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ ވެސް ވޯޓު ނެގި ދުވަހު މޮނިޓަރުންގެ ގޮތުގައި މަސައްކަތްކޮށްފައިވާ ދެ މީހުންނެވެ.
ވޯޓު ކަރުދާސް ޕްރިންޓް ކުރި މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ އިރު، މިމަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބާ ގުޅިގެން ވޯޓު އޮޅުވާލި މައްސަލަތަކާއި އައިޑީކާޑުތައް ވަގަށް ނަގައިގެން ވިއްކި މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އަދި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ބާތިލު ކުރުމަށް އެދި ޖުމްހޫރީ ޕާޓީން ވަނީ މިއަދު ސުޕްރީމް ކޯޓަށް މައްސަލަ ވެސް ހުށަހަޅައިފަ އެވެ.