ސްޕެނިޝް ލީގުގައި ރޭ ސެވިއްޔާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ބާސެލޯނާ ކުޅުނު މެޗުގެ ފަހު ހާފުގެ އިތުރު ވަގުތުގެ ފަހު މިނިޓުގައި އެލެކްސް ސަންޗޭޒް ކާމިޔާބުކޮށްދިން ލަނޑާއެކު 3-2 އިން ބާސާ މޮޅުވެއްޖެ އެވެ.

އެންމެ ފަހުގެ ލީގު ޗެމްޕިއަނުންނަށް ރޭގެ މެޗުގައި ސެވިއްޔާގެ ގޯލް ހުޅުވާލަދިނީ މެޗުގެ 36 ވަނަ މިނިޓުގައި ޑެނީ އަލްވޭސް އެވެ. އަދި 75 ވަނަ މިނިޓުގައި ބާސާގެ ނުރައްކާތެރި ފޯވަޑް ލިއޮނަލް މެސީވަނީ ލަނޑެއް ކާމިޔާބުކޮށް ބާސާއަށް ނަތީޖާ ފުޅާކޮށްދީފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ބާސާއަށް ޕްރެޝަރު ކޮށް މެޗުގެ 80 ވަނަ މިނިޓުގައި ސެވިއްޔާއަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ އިވާން ރެކިޓިޗް އެވެ. އަދި އޭގެ 10 މިނިޓް ފަހުން ބާސާ ހާސްކަމުގެ ތެރެއަށް ފޮނުވައިލި ލަނޑު ސެވިއްޔާއަށް ކާމިޔާބުކޮށްދިނީ ކޯކޭ އެވެ.

މެޗު ނިމެމުން ދަނިކޮށް ބާސާ މޮޅުވި ލަނޑު ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި، ސަންޗޭޒް ކާމިޔާބުކޮށްދިނީ، ލިއޮނަލް މެސީ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

"އަހަރެމެންނަށް މިވަނީ ފަހުވަގުތު މުހިއްމު ލަނޑެއް ކާމިޔާބުކޮށް މެޗުން މޮޅުވެވިފައި،" ސަންޗޭޒް ބުންޏެވެ. "ދެން ކުރިމަތިލާން މި ޖެހެނީ، ޗެމްޕިއަންސް ލީގާ. ކުރިއަށް އޮތީ އުނދަގޫ ދުވަސްތަކެއް. އެހެން ކަމުން އަހަރެމެން ޖެހޭ މޮޅުވާން ދަސްކުރަން."

ރޭގެ މެޗުން މޮޅުވުމުން ބާސާވަނީ، މިހާތަނަށް ލީގުގައި ކުޅުނު ހަތަރުމެޗުން ވެސް މޮޅުވެ 12 ޕޮއިންޓް ހޯދާފަ އެވެ. ލީގުގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ބާސާއާ ޕޮއިންޓުގެ ގޮތުންނާއި ފައިދާ ގޯލްގެ ގޮތުންވެސް މިހާރު އޮތީ ހަމަހަމަ ވެފަ އެވެ.