އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އަތުން 1-0 ލަނޑުން ޗެލްސީ ބަލިވެއްޖެ އެވެ.

ދެޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގައި ޗެލްސީ ކޮޅަށް އެވަޓަން އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 45 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފޯވާޑް ސްޓިވަން ނެއިސްމިތް އެވެ.

ރޭގެ ނަތީޖާއާ އެކު ލީގް ތާވަލްގައި އެވަޓަން އޮތީ ހަ ޕޮއިންޓާއެކު ނުވަ ވަނައިގަ އެވެ. ޗެލްސީ އޮތީ ހަތް ޕޮއިންޓާއެކު ހަ ވަނަ މަގާމްގަ އެވެ.

މެޗަށްފަހު އެވަޓަންގެ ކޯޗް ރޮބާޓޯ މާޓިނޭޒް ބުނީ، މެޗުގައި ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް އުންމީދު ކުރެވުނު ކަހަލަ މޮޅު ކުޅުމެއް ފެނުނު ކަމަށާއި ޗެލްސީ އަތް ދަށުން ސަލާމަތް ވުމަކީ ލީގުގައި ބާކީ ހުރި މެޗްތައް ކުޅުމަށް ލިބުނު ވަރަށް ބޮޑު ހިތް ވަރެއް ކަމަށެވެ.

ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ، މެޗުން ބަލިވުމުން ލީގުގެ އެއް ވަނަ އަށް އެރުމަށް ލިބުނު ފުރުސަތު ގެއްލުމުން ހިތާމަ ކުރާ ކަމަށައި އެހެން ނަމަވެސް މެޗުގައި ހެދުނު މިސްޓޭކްތައް ކުރިއަށް ހުރި މެޗްގައި ތަކުރާރު ނުކުރުމަށް ކުޅުންތެރިންނަށް އަންގާނެ ކަމަށެވެ. އަދި ލަނޑު ޖަހަން ލިބުނު ފުރުސަތު ތަކުގެ ބޭނުން ހިފުނު ނަމަ ނަތީޖާ ބަދަލު ކޮށްލެވުނީސް ކަމަށް ވެސް މޮރީނިއޯ ބުންޏެވެ.

ސެމިއުލް އެޓޫ ޗެލްސީ އަށް ކުޅެދިން ފުރަތަމަ މެޗުން ބަލިވިއިރު މިއީ ޗެލްސީގެ ކޯޗުކަމާ ހޯސޭ މޮރީނިއޯ އަލުން ހަވާލުވިފަހުން އެ ޓީމު ބަލިވި ފުރަތަމަ މެޗެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗްތަކަށް ބަލާއިރު، މެންޗެސްޓާ ސިޓީ ވަނީ ސްޓޯކް ސިޓީއާ ވާދަކޮށް 0-0 އިން އެއްވަރުވެފަ އެވެ. އަދި ޓޮޓެންހަމް ވަނީ 2-0އިން ނޯވިޗް އަތުން މޮޅުވެ ތާވަލުގެ ދެ ވަނަ އަށް ކުރި އަށް ޖެހިލާފަ އެވެ. އާސެނަލް ވަނީ ސަންޑަލޭންޑާ ވާދަކޮށް 3-1 ލަނޑުން މޮޅުވެފަ އެވެ.