15 Sep 2013, 11:17
ވޭލްސް މިޑްފީލްޑަރު އާރޯން ރަމްސޭ ޖަހައިދިން ދެލަނޑާއެކު 3-1 އިން ލީގުގެ ފުލުގައި އޮތް ސަންޑަލޭންޑް އަތުން ފަސޭހަ ކަމާއެކު އާސެނަލް މޮޅުވެއްޖެ އެވެ.
ރޭގެ މެޗުގައި އާސެނަލްއަށް ކުރި ހޯދައިދިނީ، މެޗުގެ 11 ވަނަ މިނިޓުގައި ލަނޑެއް ކާމިޔާބުކޮށް އޮލިވިއާ ގިރޫޑް އެވެ. އޭނާ ލަނޑު ޖަހާނޭ ފުރުސަތު ތަނަވަސް ކޮށްދިނީ، ރެއާލް މެޑްރިޑުން 42.5 މިލިޔަން ޕައުންޑަށް އާސެނަލައަށް ބަދަލުވި މެސުޓް އޮޒިލް އެވެ. އާސެނަލްއަށް ފުރަތަމަ ކުޅުނު މެޗުގައި އޮޒިލް ވަނީ، ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ.
ސަންޑަލޭންޑުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ދެވަނަ ހާފް ފެށިގެން ދެވަނަ މިނިޓުގައި އާސެނަލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލޮރެންޓް ކޮސިލްނީ ސަންޑަލޭންޑުގެ އެޑަމް ޖޯންސަންއަށް ފައުލްކުރުމާ ގުޅިގެން އެޓީމަށް ލިބުނު ޕެނަލްޓީ އަކުން ކްރެއިގް ގާޑްނާ އެވެ.
ޒުވާން ކުޅުންތެރިންތަކަކާއެކު މޮޅުކުޅުމެއް ދައްކަމުންދިޔަ އާސެނަލްއަށް ދެވަނަ ފަހަރަށް މެޗުގެ ކުރި ހޯދައިދިނީ، 67 ވަނަ މިނިޓުގައި އާރޮން ރަމްސޭ އެވެ. އަދި 76 ވަނަ މިނިޓުގައި އާސެނަލްގެ ތިން ވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ ރަމްސޭ އެވެ.
ރޭގެ މެޗުގެ ވަކި ހިސާބަކުން ރެފްރީގެ ބައެއް ނިންމުންތަކާ ދެކޮޅުހެދުމުގެ ސަބަބުން ސަންޑަލޭންޑްގެ އިޓަލީ ކޯޗް ޕައުލޯ ޑި ކަނިއޯ ވަނީ، ބެންޗުން ފޮނުވާލާފަ އެވެ.
މިފަހަރުގެ ލީގު ހުޅުވި ދުވަހު އެސްޓަން ވިލާއަތުން އަމިއްލަ ދަނޑުގައި ބަލިވި ނަމަވެސް ރޭގެ މެޗާއެކު އާސެނަލް ވަނީ އެޓީމް އެންމެ ފަހުން ކުޅުނު ތިން މެޗު ކާމިޔާބުކޮށް ނުވަ ޕޮއިންޓާއެކު ތާވަލްގެ އެއްވަނަ ހޯދައިފަ އެވެ.