"އެއީ ހަނގުރާމައިގެ އެތައް ޖަރީމާ ތަކެއް ހިންގަމުން ގެންދާ ބިރުވެރި ތަނެއް، ހަރުކަށި ޖަމާއަތްތަކާއި ޓެރަރިސްޓުންގެ ހާއްޔެއް"، މިއީ ސާކް ސަރަހައްދަށް ނިސްބަތްވާ އަފްޣާނިސްތާނުގެ ނަން ބުނުމުން ގިނަމީހުންނަށް އެގައުމު ސިފަ ކުރެވިގެންދާ ގޮތެވެ. ނުވަތަ ސިފަ ކުރާ ގޮތެވެ. މަގުތަކުގައި ބަޑީގެ އަޑުފައްގަނޑު އިވުމަކީ އަފްޣާނިސްތާނުގައި އާކަމެއް ނޫނެވެ. އަދި އެ އަޑުފައްގަނޑާއެކު މީސްތަކުންގެ ހިތުގައި ބިރުވެރިކަމާއި ނާމާންކަންވެސް އުފެދިގެން ދެއެވެ.

ސަރައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ރެފްރީ އެންމެ ފަހުގެ ކަށިގަނޑު ފުމެލުމާއެކު، ހަނގުރާމައިގެ ބިރުވެރިކަމުގެ ތެރޭގައި އެތަށް އަހަރެއް ހޭދަކުރި އަދި މިހާރުވެސް އެ ބިރުވެރިކަމުގެ ތެރޭގައި ދުވަސްތައް ގުނަމުންދާ އަފްޣާނިސްތާނުގެ ބޮޑެތި ސިޓީތަކުގައި ބަޑީގެ އަޑުފައްގަނޑު ގުގުމައިގެން ދިޔައެވެ. އެކަމަކު މިފަހަރު އެ އަޑުފައްގަނޑުގެ ފަހަތުގައި އޮތީ ބިރުވެރިކަމާއި ނާމާން ކަމެއް ނޫނެވެ. އަމާންކަމާއި ސަލާމަތާއި ގައުމިއްޔަތުގެ އެއްބައިވަންތަ ކަމަށް ގޮވާލެވުނު އުފާވެރި ކަމުގެ ގޮއްވުން ތަކެއްގެ އަޑެވެ. ކޮންމެ އުންޑައެއް ދޫކޮށްލީ އެ މަގުސަދުގައެވެ.

ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި 2011 ވަނަ އަހަރު އިންޑިއާގައި އިންޑިއާ އަތުން ބަލިވި ނަމަވެސް، މިފަހަރުގެ ފައިނަލް މެޗުގެ ފުރަތަމަ ހާފްގައި މުސްތަފާ އަޒަދްޒޯއި އިންޑިއާ ކޮޅަށް ލަނޑެއް ކާމިޔާބު ކުރުމާއެކު އަފްޣާންގައި ކާމިޔާބުގެ އުފާ ފާޅުކުރުމަށް އެތަކެއްހާސް ރައްޔިތުން ތައްޔާރުވަމުން ދިޔައެވެ. އަދި ފަހުހާފުގައި ސަންޖަރު އަހްމަދީ ލަނޑު ކާމިޔާބު ކުރުމާއެކު ގައުމުގައި އުފާވެރިކަމާއި ކާމިޔާބުގެ އަޑުފައްގަނޑު ގުގުމާލި އެވެ.

މީގެ 12 ވަރަކަށް އަހަރު ކުރިން އެމެރިކާއިން އަފްޣާނިސްތާނަށް އަރައި ތާލިބާނުންގެ ވަކިތަކުގެ ދަށުން އެގައުމު ނެރުނު ނަމަވެސް އެގައުމުގައި ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަން ގާއިމު ކުރުމަށް އެމެރިކާއިންވެސް ވަނީ ނުކުޅެދިފަ އެވެ. އެހެން ނަމަވެސް އަފްޣާނިސްތާނުގެ ރައްޔިތުންނަކީ، އެއްބަޔަކު އަނެއްބަޔަކު ދެކެ އިންތިހާއަށް ލޯބިވާ ބަޔަކު ދިރިއުޅޭ ގައުމެއްކަން އެގައުމުގެ ރައްޔިތުންގެ ވާހަކަތަކުން އެނގެ އެވެ.

"މިއީ ހަމަ އެކަނި އަހަރެންގެ ކާމިޔާބެއް ނޫން. އަދި އަހަންނަށް އެކަނި ލިބުނު އުފަލެއް ނޫން. މިއީ މުޅި ގައުމަށް ލިބުނު ބޮޑު ފަހުރުވެރި ކާމިޔާބެއް އަދި ރައްޔިތުންނަށް ލިބުނު ބޮޑު އުފަލެއް،" ފައިނަލް މެޗަށް ފަހު ދަނޑުމަތީހުރެ ސަންއަށް ދިން އިންޓަވިއުއެއްގައި އަފްޣާނިސްތާން ޓީމުގެ ހުނަރުވެރި ގޯލްކީޕަރު މަންސުރު ފަގިރްޔާރު ބުންޏެވެ.

ސިޔާސީ ބޭނުންތަކަށްޓަކައި ގައުމުގެ އަމާން ކަން ގެއްލުވާލައި، ގައުމުގެ ތަރައްގީއާއި ހަމަޖެހުން ގެއްލިފައިވާ އަފްޣާންގެ މަގުތަކުގައި މިދިޔަ އަންގާރަ ދުވަހު ފެނިގެން ދިޔައީ، އުފާވެރިކަމާއި ސަލާމަތާއި ހަމަޖެހުމުގެ އުންމީދުގައި އެތަކެއް އަހަރުތަކެއް ގުނަމުން ގޮސްފައިވާ ރައްޔިތެއްގެ ފުށުން ފެންނާނޭ އެންމެ އަސަރުގަދަ މިސާލެވެ.

ކާމިޔާބީގެ "އުފާވެރިކަން" ފާޅުކުރުމަކީ އަފްޣާނިސްތާނުގައި އާންމު ކަމެއް ނޫނެވެ. އަދި ގިނަ ބަޔަކު އެފަދަ އުފާވެރިކަމެއްގައި އުޅޭ މަންޒަރު ފެނުމަކީ ނާދިރު ކަމެކޭ ދެންނެވިޔަން ދޮގަކަށް ނުވާނެ އެވެ. އެހެން ނަމަވެސް ސާފް ޗެމްޕިއަންޝިޕް ހަ ފަހަރު ކާމިޔާބުކޮށްފައިވާ އިންޑިއާ 2-0 އިން ބަލިކޮށް، ބައިނަލްއަގްވާމީ ފުޓްބޯޅައިގެ ތައްޓެއް ފުރަތަމަ ފަހަރަށް އުފުލައިލުމުގެ ޝަރަފް، މިދިޔަ އަންގާރަ ދުވަހު ނޭޕާލްގެ ކަތުމަންޑޫގެ ދަސަރަތު ސްޓޭޑިއަމްގައި އަފްޣާން ކުޅުންތެރިން ހޯދި ވަގުތު އަފްޣާނިސްތާނުގެ ނޭޝަނަލް ސްޓޭޑިއަމަށް އެއްވެ ތިބި އެތައް ހާސްބަޔަކު "އަފްޣާނިސްތާން ޒިންދާބާދު"ގެ އަޑުންނާއި ބަޑީގެ އަޑުފައްގަނޑުން މުޅި ސްޓޭޑިއަމް ގުގުމާލި ކަމަށްވެ އެވެ. އަދި އެގައުމުގެ ބޮޑެތި ސިޓީތަކުގައި ބަޑީގެ އަޑާއެކު ރައްޔިތުން އެ އުފާވެރިކަން ފާޅުކޮށް މަގުތަކުގައި ދުވެ، ނަށައި އުފާ ފާޅުކޮށް ހެދިއެވެ.

"އަހަރެމެންނަށް ކާމިޔާބު ލިބިއްޖެ. މިއީ ވަރަށް ބޮޑު އުފާވެރިކަމެއް،" އަބްދުއް ސަލާމް ކިޔާ އަފްޣާން ރައްޔިތަކު ރޮމުން ފޮކްސް ނިއުސްއަށް ކިޔައިދިނެވެ. "އަފްޣާނިސްތާނަކީ ހަމަ އެކަނި ހަނގުރާމައާއި ތަޅާފޮޅުމުގެ ތަނެއް ނޫންކަން ސާބިތުކޮށްދިނުމަށް، އެހިސާބަށް ވާސިލްވުމަށްޓަކައި އެ ކުޅުންތެރިން އެތައް ގުރުބާނީއެއްވި."

ތާލިބާނުންގެ ވެރިކަން އަފްޣާނިސްތާނުގައި އޮތްއިރު އެގައުމުގައި އާއްމުކޮށް ކުޅިވަރުތައް ކުޅެހެދުމަކީ ކުރެވޭ ކަމެއް ނޫނެވެ. ގިނަ ކުޅިވަރުތައް ކުޅުން އެއްކޮށް މަނާކޮށްފައި އޮތް ނަމަވެސް، އޭރުވެސް އެގައުމުގައި ފުޓްބޯޅަ ކުޅުމުގެ ހުއްދަ އޮންނަ ކަމަށްވެ އެވެ. އެކަމަކު މެޗުތައް ކުޅެން ހަމަޖެހިފައިވާ ނޭޝަނަލް ސްޓޭޑިއަމްގައި މެޗު ފެށުމުގެ ކުރިން އޮންނަނީ، މެރުމަށް ހުކުމް ކޮށްފައިތިބޭ މީހުންގެ މައްޗަށް ހުކުމް ތަންފީޒު ކުރުމެވެ.

ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗް ކުޅެމުން ދިޔަ ގަޑީގައި އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއާއި އަދިވެސް އެކި ސަރަހައްދު ތަކުގައި އެގައުމުގެ ރައްޔިތުން ޓީވީގެ ޒަރީއާއިން މެޗު ބަލަމުން ދިޔައިރު މެޗު ކުޅެމުންދިޔަ ނޭޕާލްގެ ދަސަރަތު ސްޓޭޑިއަމަށް އެއްވެ ތިބި އަފްޣާންގެ 100 ވަރަކަށް ސަޕޯޓަރުން މެދު ނުކެނޑި ޓީމަށް ސަޕޯޓު ކުރަމުން ގެންދިޔަ އެވެ.

"އަހަރެން ވަރަށް ބޮޑަށް ފުޓްބޯޅަ ބަލާހިތްވޭ. އެންމެ ބަލާހިތްވަނީ އިނގިރޭސި ލީގު. އަހަރެން މިތަނަށް އައީ މެޗު ބަލައިލާށާއި ބޭބެއަކަށް ޒިޔާރަތް ކުރަން. މިއީ އަހަރެމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. މީގެ ސަބަބުން އަހަރެމެންނަށް އަބަދު އިވެމުން މިދާ ހަނގުރާމައިގެ ބިރުވެރިކަން ހަނދާން ނައްތައިލަން އެހީތެރިކަން ލިބޭނެ،" ކާބުލްގެ ކެފޭއެއްގައި ފައިނަލް މެޗް ބަލަން އިން އެގައުމުގެ ސިވިލްސާވަންޓެއް އޭއެފްޕީއަށް ކިޔައި ދިނެވެ.

އުމުރުން 20 އަހަރުގެ ހާރޫން ނައީމް ކިޔާ ދަގަނޑުތަޅާ ޒުވާނަކު އޭނާގެ މޭމަތީގައި އަފްޣާނިސްތާނުގެ ދިދަ ކުރަހައިގެން ހުރެ ބުނީ އޭނާގެ ގައުމަކީ ހަމަ އެކަނި ހަނގުރާމައަށް ހާސްސަ ތަނެއް ނޫންކަން މިހާރު ދުނިޔެއަށް އެނގޭނޭ ކަމަށް އުންމީދު ކުރާ ކަމަށެވެ.

"މިއީ އަހަރެމެންނަށް ވަރަށް ބޮޑު އުފާވެރިކަމެއް ލިބިގެންދިޔަ ވަރަށް ހާއްސަ ދުވަހެއް. މިފަދަ އުފާވެރިކަމެއް މުޅި އުމުރުގައިވެސް އަހަރެންނަށް ލިބިފައެއް ނެތް،" ހާރޫން ބުނިކަމަށް އެމްއެސްއެން ސްޕޯޓްސްގައި ލިޔެފައިވެ އެވެ. "އަހަރެން އަފްޣާނިސްތާން ދެކެ ލޯބިވަން."

ސާފް ޗެމްޕިއަންޝިޕްގެ ތާރީޚީ ކާމިޔާބާއެކު އަފްޣާން ޓީމް އެނބުރި ގައުމަށް ދިއުމުން "ގައުމީ ބަޠަލުންނަށް" މަރުހަބާކިއުމަށް އެ ގައުމުގެ ރައީސް ހާމިދު ކަރްޒާއީއާއި ކެބިނެޓްގެ މެންބަރުން ހާޒިރުވި އެވެ. އަދި ކަރްޒާއީ ވަނީ ކޮންމެ ކުޅުންތެރިއަކާ ވަކިވަކިން ބައްދަލު ކުރަށްވައި ގައުމީ ޓީމް ހޯދި ކާމިޔާބީ ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ.

"އަހަރެމެންގެ ޒުވާނުން ސާބިތުކޮށްދީފި އަހަރެމެންނަކީވެސް ކާމިޔާބާއި ކުރިއެރުން ހޯދިދާނެ ބައެއްކަން،" ގައުމީ ފުޓްބޯޅަ ޓީމު ހޯދި ކާމިޔާބާއެކު ގައުމަށް ހަމަޖެހުމާއި ކުރިއެރުން ގެނެވިދާނެ ކަމުގެ އުންމީދުގައި ހުރި އަފްޣާނިސްތާނުގެ ރައީސް ހާމިދު ކަރްޒާއީ އެ ޓީމުގެ ކުޅުންތެރިންނަށް ފޮނުވި ޝުކުރުގެ މެސެޖެއްގައި ލިޔެފައިވެ އެވެ.

އަފްޣާނިސްތާނުގެ ގައުމީ ފުޓްބޯޅަ ޓީމް ހޯދި ކާމިޔާބާއެކު އެޓީމަށް ވަނީ "ގައުމީ ބަޠަލުން"ގެ ލަގަބު ދީފަ އެވެ.

އަފްޣާނިސްތާންގައި ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއަކަށް އާމްދަނީއަށް ގާތްގަނޑަކަށް ދުވާލަކަށް ނުވަ ޑޮލަރު ލިބޭއިރު އެގައުމުގެ ސަރުކާރުންވަނީ، މުބާރާތް ކާމިޔާބުކުރި ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް އާ އެޕާޓްމަންޓެއް ދޭނޭ ކަމަށް ވައުދު ވެފައެވެ. މުޅި އެގައުމަށް ވަނީ ތައްޓާއެކު އުފާވެރިކަމެއް ލިބިފައެވެ.