ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހާދަށް ކަޓަރަކުން ހަމަލާދީ މާޗް 8، 2009 ގައި މަރާލުމުގެ ކުށް ސާބިތުވެގެން ގ. ރީފް މުހައްމަދު ނަބީލު މެރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.


ފަރުހާދުގެ މަރުގެ މައްސަލައިގައި ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ދައުލަތުން ކުރި ނަބީލުގެ މައްޗަށް ކްރިމިނަލް ކޯޓްގައި ޝަރީއަތް ހިންގުމަށް ފަހު ގާޒީ އަލީ ރަޝީދު މިއަދު އިއްވެވި ހުކުމުގައި ބުނަނީ ކޮންމެ މީހަކަށްމެ ދިރިހުރުމުގެ ހައްގު ލިބިގެންވާ ކަމަށް ގާނޫނު އަސާސީގެ21 ވަނަ މާއްދާގައި ބަޔާންވެގެން ވުމާއި އަނެކުންގެ ހައްގުތަކާއި މިނިވަން ކަމަށް ކޮންމެ މީހަކުވެސް ރައްކާތެރިވެ އެ ހައްގުތަކާއި މިނިވަން ކަމަށް އިހުތިރާމް ކުރަންޖެހޭ ކަމަށް ގާނޫނު އަސާސީގެ 67 ވަނަ މާއްދާގައި ބަޔާންވެގެން ވާތީ ތޫނު ހަތިޔާރުން މީހުންނަށް ހަމަލާދީ އެއްވެސް ހައްގަކާ ނުލައި މީހުން މެރުމަކީ އިސްލާމީ ޝަރީއަތުގައި ކަނޑައެޅިގެން މަނާ ކޮށްފައިވާ ކަމެއް ކަމަށް ވުމުން ހައްގަކާ ނުލައި މީހަކު މަރައިގެން ނުވާނެ ކަމަށް ޝަރުއީ އަދި ގާނޫނީ އަމުރެއް އޮތުމާއެކު ޝަރުއީ އަދި ގާނޫނީ ގޮތުން ކުރާ އަމުރަކަށް ނުކިޔަމަންތެރިވުމަކީ ކުށެއް ކަމަށް ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެން ވާ ކަމަށެވެ.


ގާޒީ ވިދާޅުވީ މިފަދަ ކުށެއްގެ އަމަލުން މީހަކު މަރުވެއްޖެނަމަ އެ ކުށް ކުރި މީހެއްގެ އަދަބަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އަދަބު ކަމަށް ގާނޫނުލް އުގޫބާތުގެ 88 ގެ (ރ) ގައި ބަޔާންވެގެންވާތީ އިސްލާމީ ޝަރީއަތުގައި ގަސްދުގައި މީހަކު މެރުމުގެ ކުށުގެ އަދަބަކީ މަރުވި މީހާގެ ވާރުތަވެރިންގެ އެކަކު ވެސް އިއުތިރާޒު ނުކުރާނަމަ މަރަށް މަރުހިފުން ކަމަށްވުމުން އަބްދުﷲ ފަރުހާދުގެ ވާރުތަވެރިން ބޭނުންވަނީ މި މައްސަލައިގައި މަރަށް މަރުހިފަން ކަމަށް ޝަރީއަތުގައި ބުނެފައިވާތީ އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ނަބީލަށް ދޭންޖެހޭ އަދަބަކީ މަރުގެ އަދުބު ކަމަށާއި ނަބީލު މެރުމަށް ހުކުމް ކުރެއްވީ ކަމަށެވެ.


ގާޒީ ރިޕޯޓްގެ ނުކުތާތައް އިއްވަމުން ގޮސް 3:48 ގައި ނަބީލުގެ މައްޗަށް ކުށް ސާބިތުވާ ކަމަށާއި މަރުމަށް ނިޔާ ކަނޑައަޅުއްވާ ކަމަށް ހުކުމް ކުރެއްވެވި އިރު ނަބީލު އިނީ ވަރަށް ބޮޑަށް ފެންކަޅިވެފަ އެވެ. އަދި ޝަރީއަތް އަޑު އަހަން ވެދެ ތިބި އާއިލާގެ ބައެއް މެންބަރުންނާ ދިމާއަށް ދޭތެރެ ދޭތެރެއިން ބަލައިލައި ބިޑިއާއެކު ފުރަގަހަށް އޮތް ދެ އަތުން ގޮނޑީގައި ބާރަށް ހިފަހައްޓަމުން ދިޔައެވެ.


އޭނާގެ މައްޗަށް ހުކުމް ކުރުމުން ކޯޓަށް ގޮސް ހުރި އޭނާގެ މަންމަ ކޯޓުގެ ތެރެއަށް ވެއްޓި ރޮއި ހެދި އެވެ. އޭނާ ކޯޓުން ނެރެގެން ގެންދަންދެން ވެސް ގޮވަމުން ގެންދިޔައީ "ނަބީލު ގެނެސްދޭށޭ" އެވެ. އޭނާގެ ގެންދިޔައީ އެމްބިއުލާންސްގަ އެވެ. ނަބީލުގެ މަންމަގެ އިތުރުން އާއިލާގެ އެހެން މެންބަރުންނާއި ރަހުމަތްތެރިން ވެސް ކޯޓު އެކުވެނީގެ ތެރޭގައި މިއަދު ރުޔެވެ.


ފަރުހާދު މަރުވެފައި ވަނީ މަޖީދީ މަގުން ނަލަހިޔާ ހޮޓެލް ކައިރިން ހިނގާފައި ދަނިކޮށް ހިފަހައްޓައި ސޯސަން ސްޓޯރު ކުރިމަތީގައި އޮންނަ "ޔޫއެން ޕާކަށް" ވެއްދުމަށް ފަހު ނަބީލުގެ ކޮއްކޮ ނިއުމާއާ ފަރުހާދު ބެހުނުތޯ އަހައި ފަރުހާދު ނުބެހޭ ކަމަށް ބުނުމުން ތަޅައި އަނިޔާކުރުމަށް ފަހު ބުރައްކައްޓަށް ހަ އިންޗީގެ ކަޓެރެއް ހަރައިލުމުން ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށެވެ.


ފަރުހާދުގެ ގައިގައި ކަޓަރު އެޅުމުން އޭނާ މަޖީދީމަގުން ދުވެފައި ގޮސް ވެއްޓުނީ ލަގްޒަރީ ޝޮޕިން ސެންޓަރު ކުރިމައްޗަށެވެ.


އަލީ ރަޝީދުގެ ގާޒީގެ ހުކުމުގައި މި މައްސަލައާ ގުޅިގެން ވަނީ ވަރަށް ގިނަ ޝަރުއީ، ގާނޫނީ އަދި އިސްލާމީ ނުކުތާތަކެއް ފާހަގަ ކުރައްވާފަ އެވެ. އެ ހުކުމުގައި ބުނަނީ  މި މައްސަލައިގައި ނަބީލު ދައުވާއަށް އިންކާރު ކުރާ ކަމަށް ބުނި ނަމަވެސް ގަސްދުގައި މީހަކު މެރި ކަމަށް ދައުވާގައި ބުނާ ވާހަކައަށް އިންކާރު ކުރާ ކަމަށާއި ދައުވާގައި ބަޔާން ކޮށްފައިވާ މާރާމާރީގެ ބައެއް ކަންކަމަށް އިއުތިރާފުވާ ކަމަށް ދައުވާއަށް ޖަވާބުދާރީވަމުން ޝަރީއަތުގައި ނަބީލުގެ ވަކީލު ވިދާޅުވެފައި ފަހުން މުޅި ދައުވާއަށް ނަބީލު އިންކާރު ކުރާ ކަމަށެވެ.


ގާޒީ ވިދާޅުވީ ނަބީލުގެ ވަކީލު އެހެން ވިދާޅުވިޔަސް މިއީ ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ މީހަކު މަރާލުމުގެ މައްސަލައަކަށްވާތީ މި ބާވަތުގެ މައްސަލަތަކުގައި ޝަރީއަތުގައި އިއުތިރާފުވުމަށް ފަހު އެ އިއުތިރާފަކީ ޝަރުއީ ހަމަތަކުން ބަލާއިރު ރުޖޫއަ ވެވޭނެ އިއުތިރާފެއް ނޫން ކަމަށެވެ.


ނަބީލާއި އޭނާއާ އެކުގައި ދިޔަ މީހުން ފަރުހާދުގެ ގައިގައި ތަޅައި އަނިޔާކުރަން ފެށުމުން އެ މީހުންގެ ކިބައިން ސަލާމަތްވާން ވެގެން ފަރުހާދު ދުއްވައިގަތުމުން ނަބީލާއި އޭނާއާ އެކުގައި ތިބި މީހުންގެ ތެރެއިން އެކަކު އެއްލި ކަޓަރެއް ފަރުހާދުގެ ބުރަކައްޓަށް ހެރުނުކަން ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ތިން ހެއްކެއްގެ ބަހުން އެނގޭ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.


އަދި ނަބީލު ފަރުހާދާ ދިމާއަށް ކަޓަރު އެއްލި އިރު ނަބީލުގެ ކޮއްކޮ އަދި ފަރުހާދު ބެހުނު ކަމަށް ބުނާ، އާމިނަތު ނިއުމާ ނަބީލު ގާތުގައި ހުރި ކަމަށާއި ނަބީލު ކަޓަރު ނަގައިގެން ފާރުހާދާ ދިމާއަށް އެއްލަން އުޅުމުން ނަބީލު އަތުގައި ހިފަހައްޓަން ނިއުމާ އުޅުމުން ވެސް ނަބީލު ކުރިޔަށް ޖެހި ކަޓަރު އެއްލީ ކަމަށާއި ކަޓަރު ގޮސް ފަރުހާދުގެ ބުރަކައްޓަށް ހެރުނު މަންޒަރު ދުށް ކަމަށް ނިއުމާ ތަހުގީގުގައި  ބުނި ކަމުގައި ވިޔަސް އެ ބަޔާނަށް އިންކާރު ކުރާ ކަމަށް ނިއުމާ ޝަރީއަތުގައި ބުނުމުން ނިއުމާ ތަހުގީގުގައި ބުނެފައިވާ ބަސް ހެއްކެއް ގޮތު ނުބެލެވުނު ނަމަވެސް ނިއުމާ ތަހުގީގުގައި ބަޔާން ދިނުމަށް ފަހު ސޮއިކޮށް އިނގިލީގެ ނިޝާން ޖަހައި ބަޔާން ކިޔައި، ތަހުގީގަށް ބަޔާން ދިންއިރު ނަގާފައިވާ ވީޑއޯ ރިކޯޑިން އަޑު އަހައި ބެލުމުން އާންމުކޮށް ހެކިބަސް ދޭ ހެކިންނާ ތާފާތު އަދި ރިޔާއަތް ނުކޮށް ދޫކޮށްލަން ދަތި ކަންތައްތަކެއް ފާހަގަ ވެފައިވާ ކަމަށެވެ.


"... ނަބީލަކީ ނިއުމާގެ އެއްބަނޑު އެއްބަފާ ބޭބެ ކަމަށް ވުމާއި ނިއުމާ ތަހުގީގުގައި ބަޔާން ދިނުމަށް ފަހު ނިއުމާގެ ބައްޕަގެ ހާޒިރުގައި ނިއުމާ ބަޔާން ކިޔައި ނިމުމުން ނިއުމާގެ ބައްޕަ ވެސް އެ ބަޔާން ކިޔުމުން ނިއުމާ ބަޔާނުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖެހުމުން ނިއުމާގެ ބައްޕަ ވެސް ސޮއިކޮށް  އިނގިލީގެ ނިޝާން ޖެހި މަންޒަރު ވީޑިއޯއިން ފެންނަން އޮތުމާއި މިކަން މި ގޮތަށް ހިނގިކަން ނިއުމާގެ ބައްޕަ ޝަރީއަތުގައި ބުނެފައި ވުމާއި ނިއުމާ ތަހުގީގަށް ބަޔާންދޭ ވިޑިއޯ ބަލާއިރު ފަރުހާދު ދުއްވައިގަތުމުން ނިއުމާގެ ބޭބެ ކަޓަރު ނަގާފައި އެއްލަން އުޅެނިކޮށް ނިއުމާ ބޭބެ ހިފަހައްޓަން އުޅުނު ކަމަށާއި ނަމަވެސް ބޭބެ ތަންކޮޅެއް ކުރިޔަށް ޖެހިލާފައި ކަޓަރު އެއްލި ކަމަށާއި ބޭބެ އެ ކަޓަރު އެއްލުމުން ކަޓަރު ގޮސް ހެރުނީ ފަރުހާދުގެ ބުރަކައްޓަށް ކަމަށް ނިއުމާގެ އަތުގެ އިޝާރާތުން ދައްކާ މަންޒަރު ވީޑިއޯ އިން ފެންނަން އޮވެ އެވެ." ހުކުމުގައި ވެއެވެ.


ގާޒީ ވިދާޅުވީ ހާދިސާ ހިނގާ ދިޔަ ގޮތް ކަމަށް ނިއުމާ ތަހުގީގުގައި ބުނާ  ގޮތާއި ހެކިން ހެކި ބަހުގެ އަސްލާ ފުށު އެރުމެއް ނެތް ކަމަށާއި ފަރުހާދު މަރުވެފައިވާކަން ނިއުމާއަށް އެނގޭއިރު ހާދިސާ ހިނގިތާ ގިނަ އިރު ނުވަނީސް ތަހުގީގަށް ބަޔާންދިން އިރު އޭނާގެ ބޭބެ ފަރުހާދުގެ ގަޔަށް ކަޓަރު ހެރި ކަމަށް ހަގީގަތާ ހިލާފަށް ނިއުމާ ބުނުމަކީ ސަލާމަތް ބުއްދިއަށް ގަބޫލު ކުރެވޭނެ ހަމައެއް ނޫން ކަމަށެވެ.


ގާޒީ ވިދާޅުވީ އަދުލު އިންސާފުގެ ހަމަތަކަށް ބުރަވެ، ޝަރީއަތުން ގޮތެއް ނިންމަން ޖެހޭއިރު ނިއުމާ ތަހުގީގުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ ބަޔާނާއި ބަޔާން ދިންއިރުގެ ވިޑިއޯ ރިކޯޑިންއަކީ ހެކި ބަސް ދިން ތިން ހެކިންގެ ހެކިބަހާ ގުޅިފައިވާ އެ ހެކިންގެ ހެކިބަހަށް ބާރުދޭ ގަރީނާއެއް ކަމަށް ކަނޑައަޅައި ފަރުހާދުގެ ގައިގައި ނަބީލާއި އޭނާއާއެކު ތިބި މީހުން ތަޅައި އަނިޔާ ކުރަން ފެށުމުން  ފަރުހާދު ދުއްވައިގަތުމުން ނަބީލު ކަޓަރު އެއްލުމުން ފަރުހާދުގެ ބުރަކައްޓަށް ހެރުނު ކަމަށް ނަބީލު ތަހުގީގުގައި ބުނެ ޝަރީއަތުގައި އިންކާރު ކުރުމުން ތަހުގީޣު ބަޔާނަކީ އިއުތިރާފެއް ކަމަށް ބެލެވެން ނެތަސް ވީޑިއޯ ރިކޯޑިން ބަލައި އަޑު އަހާއިރު ރިޔާއަތް ނުކޮށް ދޫކޮށްލަން ދަތި ކަންތައްތަކެއް ފާހަގަ ކުރެވޭ ކަމަށެވެ.


އެގޮތުން ތަހުގީގު ބަޔާންދީފައި ވަނީ މަޖުބޫރު ކަމެއް ނެތި އަމިއްލަ އިހުތިޔާރުގައި ކަމަށް ބުނުމާއި  ފަރުހާދު މަރުވެފައިވާކަން ބަޔާންދިން އިރު ނަބީލަށް އެނގިފައިވާއިރު އެއްވެސް މަޖުބޫރު ކަމެއްނެތި  ބަޔާން ދިން އިރު އަމިއްލަ ނަފުސު ކުށްވެރިކޮށް އެފަދަ ބަސްތަކެއް ހަގީގަތާ ހިލާފަށް ބުނުމަކީ  ބުއްދި ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މީގެ އިތުރުން ހެކިން ބަހާއި ނަބީލު ތަހުގީގުގައި ދައްކާފައިވާ ވާހަކަތަކުގައި ފުށު އެރުމެއް ނެތުމާއިއެކު ތަހުގީގުގައި އެފަދަ ވާހަކައެއް ދައްކާފައި ވަނީ ކީއްވެގެން ބުއްދިއަށް ގަބޫލު ކުރެވޭ ފަދަ ސަބަބެއް ޝަރީއަތުގައި ނަބީލަށް ދެއްކިފައި ނުވާތީ އެކަންކަމުގެ މައްޗަށް ބުރަވާއިރު ނަބީލުގެ ބަޔާނާއި ބަޔާންދިން އިރުގެ ވީޑިއޯ ރިކޯޑިން އަކީ ބުރަދަނެއް ނެތް އެއްޗެއް ނޫން ކަމަށް ބުނެވޭނެ ތަނެއް ނެތް ކަމަށެވެ.


މި މައްސަލައާ ގުޅިގެން ގާޒީ އަލީ ރަޝީދު ވަނީ ގާނޫނީ ވަރަށް ބޮޑު ނުކުތާއެއް ފާހަގަ ކުރައްވައިފައެވެ. އޭނާ ވިދާޅުވީ ޝަރީއަތުގައިވާ އިއުތިރާފު ފިޔަވައި އެހެން އިއުތިރާފުތައް ހެއްކެއް ކަމުގައި ނުބެލެވޭނެ ކަމަށް ގާނޫނު އަސާސީގެ 52 ވަނަ މާއްދާއިން ދޭހަވާއިރު މި މައްސަލައި ފާހަގަ ކުރެވޭ ކަންކަމަށް ބަލާއިރު ގާނޫނު އަސާސީގެ 52 ވަނަ މާއްދާގައި ހިމެނޭ ތިން ޖުމްލަ ކިޔައި ދިރާސާ ކުރުމުން ކަންތައްތަކެއް ފާހަކަ ކުރެވޭ ކަމަށެވެ. އޭގެ ތެރޭގައި ތުހުމަތު ކުރެވޭ މީހާ ބުއްދި ސަލާމަތުން ހުރެ ޝަރީއަތުގައިވާ އިއުތިރާފު ފިޔަވައި އެހެން އިއުތިރާފުތަކަކީ ހެއްކެއް ކަމަށް ނުބެލެވޭނެ ކަމަށް ގާނޫނު އަސާސީގެ 52 ވަނަ މާއްދާގައި ހިމެނޭ ތިން ޖުމްލައިގެ ތެރެއިން ފުރަތަމަ ޖުމްލައިގައި ބަޔާންވެގެންވާއިރު މީހަކު އަމިއްލަ އިހުތިޔާރުގައި އެއްވެސް މަޖުބޫރު ކަމެއް ނެތި ތަހުގީގުގައި އިއުތިރާފުވެ ބަޔާން ދިންކަން އެމީހާގެ އިއުތިރާފުން ޝަރީއަތަށް ސާބިތުވެފައި އޭނާގެ ބަޔާނަށް އެހެން ހެކިތަކުން ބާރު ލިބޭ ހާލުގައި އެ ބަޔާނަށް އެއްވެސް ބުރަދަނެއް ނުދީ ދޫކޮށްލުމަކީ ބުއްދި ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.


ގާނޫނު އަސާސީގެ އެ މާއްދާގެ އިބާރާތުގައި ބުނާ އެއްޗެއް ސަރީހަ ކަމަށް ނުބެލެވޭތީ މި އިބާރާތަށް ގަޟާއީ ތަފުސީރެއް ބޭނުންވާ ކަމަށް ގަބޫލު ކުރެވޭ ކަމަށާއި ބަލަމުންދާ މައްސަލައެއްގައި ގާނޫނު އަސާސީ މާނަކުރަން ޖެހިއްޖެނަމަ އެ މައްސަލައަކާ ގުޅޭ ގޮތުން ގާނޫނު އަސާސީ މާނަކުރުން ގާނޫނު އަސާސީގެ 143 ވަނަ މާއްދާގެ (ށ) ގެ ދަށު ކޯޓުތަކަށް އިހުތިޔާރު ދީފައިވާ ކަމަށެވެ.


"ހެކީގެ ދަރަޖަތަކެއް ވުމާއި އޭގެ އެންމެ މަތީ ދަރަޖައަކީ އިއުތިރާފުކަމަށް ވުމާއި އިއުތިރާފަކީ ހަމައެކަނި އޭގެ މައްޗަށް ބިނާކޮށް ކުށް ސާބިތު ކުރެވޭ އެއްޗެއް ކަމާއި ގާނޫނު އަސާސީގެ 52 ވަނަ މާއްދާގައި ހިމެނޭ ތިން ޖުމްލައިގެ ތެރެއިން ފުރަތަމަ ޖުމްލައިގައި ބުނަނީ އިއުތިރާފުގެ ވާހަކަ ކަމަށްވާއިރު ޝަރީއަތުގައިވާ އިއުތިރާފު ފިޔަވައި އެހެން އިއުތިރާފުތައް ހެއްކެއް ކަމުގައި ނުބެލެވޭނެ ކަމަށް އެ ބުނަނީ ހަމައެކަނި އޭގެ މައްޗަށް ބިނާކޮށް ކުށް ސާބިތު ކުރެވޭނެ ހެއްކެއް ކަމުގައި އެ އިއުތިރާފު ނުބެލެވޭނެ ވާހަކަ ކަމަށް ގަބޫލު ކުރެވުމާއި ޝަރީއަތުގައިވާ އިއުތިރާފު ފިޔަވައި އެހެން އިއުތިރާފުތައް ހެއްކެއް ކަމުގައި ނުބެލެވޭނެ ކަމަށް މި މާއްދާގައި ބަޔާންކޮށްފައި ވަނީ އެއްވެސް ސިފައެއްގައި ތަހުގީގުގައި މަޖުބޫރު ކުރުމުގެ ފުރުސަތެއް އޮތަ ނުދިނުމަށް ކަމަށް ގަބޫލު ކުރެވޭއިރު ތަހުގީގު ބަޔާންދިނީ އެއްވެސް މަޖުބޫރު ކަމެއް ނެތި އަމިއްލަ އިހުތިޔާރުގައިކަން އެމީހެއްގެ އިއުތިރާފުން ޝަރީއަތަށް ސާބިތުވެފައި އެހެން ހެކިތަކަކުން އެ ބަޔާނަށް ބާރުލިބޭ ހާލަތުގައި އެ ބަޔާނަށް ގާރީނާއެއްގެ ބުރަދަން ދިނުން މި މާއްދާއިން މާނަ ނުކުރެވޭ ކަމަށް ގަބޫލު ކުރެވެ އެވެ،" ހުކުމުގައި ވެއެވެ.


ގާޒީ ވިދާޅުވެފައި ވަނީ އެމާއްދާގެ ދެވަނަ ޖުމްލައިގައި ބުނާ ބުނުމަކީ ފުރަތަމަ ޖުމްލަ ތަފުސީރު ކުރުމުގައި ރިޔާއަތް ކުރަންޖެހޭ ކަމެއް ކަމަށް ވުމުން ޝަރީއަތަށް ހުށަހެޅޭ ބަޔާނަކީ އެއްވެސް މަޖުބޫރު ކަމެއްނެތި އަމިއްލަ އިހުތިޔާރުގައިކަން ޝަރީއަތަށް ސާބިތުވެފައި އެ ބަޔާނަށް ބާރުދޭ އެހެން ހެކިތައް  ނުވަތަ ގަރިނާތައް ހުރިނަމަ އެ ބަޔާނަކަށް ގަރީނާއެއްގެ ބުރަދަން ދިނުން ގާނޫނު އަސާސީގެ 52 ވަނަ މާއްދާއިން ހުރަސް ނާޅާ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 143 ވަނަ މާއްދާގެ (ށ) އިން ޝަރީއަތަށް ލިބޭ އިހުތިޔާރުގެ ދަށުން މާނަކޮށް ނަބީލު ތަހުގީގުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ ބަޔާނާއި ބަޔާން ދިން އިރުގެ ވީޑިއޯ އަކީ މި މައްސަލައިގައި ހެކިބަސް ދިން ތިން ހެކިންގެ ބަހާ ގުޅިފައިވާ އެ ހެކިންގެ ބަހަށް ބާރު ލިބޭ ގާރީނާއެއް ކަމަށް ޝަރީއަތަށް ފެނުނު ކަމަށެވެ.


ގާޒީ އިއްވި ހުކުމުގައި މެޑިކޯލީގަލް ރިޕޯޓާ ހަވާލާދެއްވައި ވިދާޅުވެފައި ވަނީ ތޫނު އެއްޗެއް ހަރާލާފައި ވަނީ ފަރުހާދުގެ ބުރަކަށީގެ އެންމެ ތަނަކަށް ކަމަށާއި އޭނާ މަރުވެފައި ވަނީ ތޫނު އެއްޗެއް ހަރާލުމުން ފުއްޕާމޭގެ ތެރެއަށް ލޭ އެޅި ނޭވާ ނުލެވިގެން ކަމަށާއި ހަމަލާގެ ސަބަބުން ފަރުހާދުގެ ފުއްޕާމެއަށް ލޭ ސަޕްލައިކުރާ ބޮޑެތި ލޭ ހޮޅިތައް ބުރިވެފައިވާ ކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.


އަދި ވިދާޅިވީ ކުށުގެ މާއްދީ ރުކުނަނީ ތުހުމަތު ކުރެވޭ މީހާ ކުރިކަމަށް ސާބިތުވާ އަމަލާއި ނުކުމެފައިވާ ނަތީޖާ އާއި ސަބަބުގެ ގޮތުން ގުޅިފައި އޮތުން ކަމުގައިވާއިރު ނަބީލު ކުރިކަމަށް ސާބިތުވާ އަމަލަކީ  ބަޔަކު ގޮވައިގެން ގޮސް ފަރުހާދުގެ ގައިގައި ތަޅައިގަތުމުން ފަރުހާދު ދުއްވައިގަތުމުން ނަބީލު ކަޓަރެއް ހަރައިލުން ކަމަށް ވުމާއި ނުކުމެފައިވާ ނަތީޖާއަކީ ފަރުހާދު މަރުވުން ކަމަށްވުމާއި ފަރުހާދު މަރުވެފައި ވަނީ ނަބީލުގެ ކަޓަރުގެ ހަމަލާއިން ކަމަށް ސާބިތުވެފައި ވުމުން  ނަބީލު ކުރި ކަމަށް ސާބިތުވާ އަމަލާއި ނުކުމެފައިވާ ނަތީޖާ އާއި ސަބަބުގެ ގޮތުން  ގުޅިފައި އޮތުމުން  މި މައްސަލައިގައި ކުށުގެ މާއްދީ ރުކުން ފުރިހަމަވާ ކަމަށެވެ.


ރާއްޖޭގައި އެންމެ ފަހުން މަރުގެ ހުކުމެއް ތަންފީޒުކޮށްފައި ވަނީ ރައީސް މުހައްމަދު އަމީނުގެ ވެރިކަމުގައި، މީގެ 58 އަހަރު ކުރިން، 1952 ގަ އެވެ.


އެ ފަހަރު މަރަން ހުކުމް އިއްވައި، ހުޅުލޭ ރުކެއްގައި އައްސައި މެޔަށް ބަޑި ޖަހައި މަރާލީ ގއ. ނިލަންދޫ ސިހުރުވެރިއެއް ކަމަށްވާ ހަކީމް ދީދީ އެވެ. އޭނާ އަށް މަރުގެ ހުކުމް އިއްވެވީ އަބްދުﷲ ޖަލާލުއްދީން ފަނޑިޔާރު މަނިކުފާނެވެ.


ނޮވެމްބަރު 3، 1988ގެ އުދުވާނީ ހަމަލައިގެ ޝަރީއަތުގައި އޭރުގެ ހައިކޯޓުން 17 މީހަކު މެރުމަށް ހުކުމް ކުރި އެވެ. ނަމަވެސް ފަހުން އެމީހުންގެ ހުކުމް ރައީސް މައުމޫނު ލުއިކޮށްދެއްވީ އެވެ.


ދެހާސް ތިން ވަނަ އަހަރު އީވާން ނަސީމްގެ މަރާ ގުޅިގެން ވެސް ނުވަ މީހަކު މެރުމަށް ޖިނާއީ ކޯޓުން ހުކުމް ކުރި އެވެ. އަދި 2008 ވަނަ އަހަރު ގއ. މާމެންދޫ ތިން މީހަކު ވެސް މެރުމަށް ހުކުމް ކުރި އެވެ. މިއިން އެއްވެސް ހުކުމެއް ތަންފީޒު ކޮށްފައެއް ނުވެއެވެ.


 


 


---


ގަސްތުގައި މީހަކު މެރިކަމުގެ ކުށް، ގ. ރީފު މުހައްމަދު ނަބީލުގެ މައްޗަށް ސާބިތުވެ، އޭނާ މަރަން ކުރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.


ކޯޓު ހުކުމްގައި ބުނެފައި ވަނީ 2008 ވަނަ އަހަރުގެ މާޗް8ގައި، ސ. ހުޅުދޫ އަބްދުﷲ ފަރުހާދު،18، އަށް ހަމަލާދީ ނަބީލު،21، އޭނާ މަރާލާފައި ވަނީ ގަސްތުގައި ކަން ހެކިންގެ ހެކި ބަހުން ސާބިތުވާ ކަމަށެވެ. އަދި ވާރިސުން ބޭނުން ވަނީ މަރަށް މަރު ކަމަށް ވެސް ހުކުމުގައިވެ އެވެ.


ފަރުހާދަށް ތޫނު އެއްޗަކުން ހަމަލާދީފައި ވަނީ ސޯސަން ސްޓޯރު ކައިރީގައި އޮންނަ ޕާކްގެ ތެރެއިންނެވެ.


ނަބީލު މަރަން ހުކުމް ކުރުމާ އެކު އޭނާގެ މަންމަގެ ހެޔަށް ގޮތްވެ ވަނީ ކޯޓުގެ ގޯތި ތެރެއަށް ވެއްޓިފަ އެވެ. އަދި އާއިލާގެ މީހުން ކޯޓުގެ ތެރޭގައި އަޑުން އަޑުނަގައި ރޮނީ އެވެ.