ދުނިޔޭގެ ރެކޯޑް އަގަކަށް ޓޮޓެންހަމް ހޮޓްސްޕާއިން ރެއާލް މެޑްރިޑަށް ބަދަލުވި ވޭލްސް މިޑްފީލްޑަރު ގެރެތު ބޭލް އޭނާ ރެއާލްއަށް ކުޅުނު ފުރަތަމަ މެޗުގައި އެޓީމަށް ލަނޑެއް ކާމިޔާބު ކޮށްދީފި އެވެ. އެހެން ނަމަވެސް ވިލަރެއާލްއާ ދެކޮޅަށް މެޑްރިޑް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.

ނިމިގެން ދިޔަ ފުޓްބޯލް ޓްރާންސްފާގައި ރެއާލްއަށް 85.3 މިލިޔަން ޕައުންޑުގެ ފީއަކަށް ބަދަލުވި ބޭލް ވަނީ ރެއާލްއަށް ކުޅުނު އަލަތު މެޗުގައި އޭނާގެ ބަދަލުގައި އެންޖެލް ޑި މާރިއާ ކުޅެން އެރުވުމުގެ ކުރިން 62 މިނިޓުވަންދެން ކުޅެފަ އެވެ.

މެޗުގެ 21 ވަނަ މިނިޓުގައި ވިލަރެއާލްގެ ކާނީ ލަނޑެއް ކާމިޔާބުކޮށް ކުރިހޯދާފައި ވަނިކޮށް 38 ވަނަ މިނިޓުގައި ރެއާލްއަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ކާމިޔާބު ކޮށްދިނީ ބޭލް އެވެ. އޭނާ ލަނޑު ކާމިޔާބު ކުރުމުން މަރުހަބާކިޔަން އެންމެ ފުރަތަމަ އަވަސްވެގަތީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

މެޗުގެ 63 ވަނަ މިނިޓުގައި ލަނޑެއް ކާމިޔާބުކޮށް ކްރިސްޓިއާނީ ރޮނާލްޑޯ ރެއާލްއަށް މެޗުގެ ކުރި ހޯދައިދިން ނަމަވެސް ކުރިން ޓޮޓެންހަމްއަށް ކުޅުނު ޖިއޮވާނީ ޑޮސް ސަންޓޯސް ވަނީ މެޗުގެ 70 ވަނަ މިނިޓުގައި ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ގަރެތު ބޭލް ރެއާލް މެޑްރިޑަށް ސޮއިކޮށްފައިވަނީ، ހަ އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުންނެވެ.