އެމެރިކާގެ ޔުނައިޓެޑް އެއާލައިންސްގެ ވެބްސައިޓަށް ދިމާވި މައްސަލައަކާ ގުޅިގެން ސުން ޑޮލަރަށް ވިއްކި ޓިކެޓްތައް ބޭނުންކޮށްގެން އުދުހެވޭނެ ކަމަށް އެއެއާލައިނުން ބުނެފި އެވެ.

ޔުނައިޓެޑް އެއާލައިންސް އިން ބުނީ ގިނަ އަދަދެއްގެ ޓިކެޓް ވަރަށް އަގުހެޔޮކޮށް ވިއްކާފައިވާއިރު، ބައެއް ޓިކެޓް ސުން ޑޮލަރަށް ވެސް ވިއްކާފައިވާ ކަމަށެވެ. އަދި މިގޮތަށް ވިއްކުނު ޓިކެޓްގެ އަދަދު ނޭނގޭ ކަމަށް އެއެއާލައިނުން ވަނީ ބުނެފަ އެވެ.

ވެބްސައިޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން 10 އެމެރިކާ ޑޮލަރާއި ސުން ޑޮލަރަށް ވެސް ބައެއް ޓިކެޓް ވިއްކާފައިވާ ކަން އެނގުމުން ޔުނައިޓެޑް އެއާލައިނުން ވަނީ އެކުންފުނީގެ ވެބްސައިޓް ޑައުންކޮށް، ފޯނުން ޓިކެޓް ރިޒަވޭޝަން ހެއްދުމުގެ ހިދުމަތް ވެސް މެދުކަނޑާލާފަ އެވެ.

ޔުނައިޓެޑް އެއާލައިނުން ބުނީ މިޓިކެޓްތައް ވިއްކާފައި ވަނީ އެކުންފުނީގެ އޮންލައިން ބުކިންގް ސިސްޓަމް މެދުވެރިކޮށް ކަމަށެވެ.

އަގުހެޔޮ ޓިކެޓްތައް ވިއްކާފައި ވަނީ އެމެރިކާގެ އެތެރޭގެ އުދުހުންތަކުގައި ދަތުރުކުރާ މަންޒިލްތަކަށެވެ. މިގޮތުން އެންމެ ދުރުން ހަވާއީއާ ހަމައަށް ދަތުރުކުރުމަށް ވެސް ސުން ޑޮލަރަށް ޓިކެޓް ވަނީ ވިއްކާފަ އެވެ.

ސުން ޑޮލަރަށް ވިއްކި ޓިކެޓްތަކަށް އަގެއް ނުދެއްކި ނަމަވެސް، އެޓިކެޓުގައި ދަތުރުކުރާ ޕަސިންޖަރުން އެމެރިކާގައި ވައިގެ ދަތުރުފަތުރު ކުރާ އިރު ނަގާ ސެކިއުރިޓީ ފީގެ ގޮތުގައި ފަސް އެމެރިކާ ޑޮލަރާ 10 ޑޮލަރަށް ދެމެދުގެ ފީއެއް ދައްކަން ޖެހޭނެ ކަމަށް ޔުނައިޓެޑް އެއާލައިނުން ބުނެ އެވެ.

ޔުނައިޓެޑް އެއާލައިންސްއިން ބުނީ އެންމެ އަގުބޮޑުވެގެން 800 ޑޮލަރާ ހަމައަށް ވިއްކާ ބައެއް ޓިކެޓުވެސް ސުން ޑޮލަރަށް ވިއްކާފައިވާ ކަމަށެވެ.