އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ ޕީޕީއެމްގެ ޖަގަހައެއްގައި ރޯކޮށްލުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ސައުތު ޕްރޮވިންސްގެ ޑިވިޝަންގެ ކޮމާންޑާ ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ވިދާޅުވީ ރޭ ގާތްގަނޑަކަށް 3:30 އެހާކަންހާއިރު ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވި ނަމަވެސް އެތަނުގެ ތެރޭގައި ބަހައްޓާފައި ހުރި ޕްރޮޖެކްޓަރަކާއި އަޑުގަދަ ކުރާ ސިސްޓަމެއްގެ އިތުރުން ވެސް ބައެއް އެހެނިހެން ތަކެއްޗަށް ގެއްލުން ވެފައިވާ ކަމަށެވެ.

ހިތަދޫގެ ބޮޑުމަގަށްވާ ގޮތަށް ހުންނަ ގެއެއްގެ ތެރޭގައި ހުންނަ އެ ޖަގަހާގައި ރޯވި އަލިފާންގަނޑު ނިއްވާލައިފައި ވަނީ ހިތަދޫގައި ހަރަކާތްތެރިވާ ފުލުހުންގެ މަސައްކަތުންނެވެ.

އެ ހާދިސާ އަކީ ބަޔަކު ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށާއި އެކަން ކޮށްފައި ވަނީ އެތަނުގެ ތެރެއަށް އަލިފާން ރޯކޮށްފައި އެއްޗެއް އެއްލުމުގެ ސަބަބުން ރޯވާ ޖާތުގެ އެއްޗެހި އެތަނުގެ ތެރޭގައި ހުރުމުން ކަމަށް މިހާތަނަށް ބެލިބެލުމުން ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"އެ ޖަގަހައިގައި ރޯކޮށްލައިފައި ވަނީ ގަސްދުގައި ކަމަށް މިހާތަނަށް ބެލެވެނީ. އެފަދަ ހެކިތައް ވެސް އެތަނުގެ ތެރެއިން ވަނީ ފެނިފައި. އެހާ ފަސޭހައިން އަލިފާން ރޯވާން މެދުވެރިވީ ކެރޮސީން ފަދަ އަލިފާން ހިފާ އެއްޗެހި ޖަގަހަ ތެރޭގައި ބަހައްޓާފައި ހުރުމުން ކަމަށް ބެލެވޭ. އެ ޖަގަހަ ބަލަހައްޓާ މީހަކު އެތަނުގައި ނިދާ ކަމަށްވޭ. ނަމަވެސް އެތަނުގެ ތެރެއަށް ރޯކޮށްލާފައިވާ އެއްޗެއް އެއްލާފައިވަނީ އެމީހާ ބޭރަށް ދިޔަ ވަގުތު ކަމަށްވަނީ،" ޝިފާން ވިދާޅުވި އެވެ.

އެމައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް އެ މައްސަލައިގެ ތުހުމަތުގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.