އޭޝްލީ ޔަންގަށް ފައުލުކުރުމާ ގުޅިގެން ކަގިޝޯ ދިގަކޯއިއަށް ދެއްކި ރަތްކާޑާއެކު ދިހަ ކުޅުންތެރިންނާއެކު ކުޅުނު ކްރިސްޓަލް ޕެލަސް 2-0 އިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް ތިން ޕޮއިންޓް ހޯދައިފި އެވެ.

އިނގިރޭސި ލީގުގައި ރޭ ޔުނައިޓެޑްގެ އޯލްޑް ޓްރަފޮޑްގައި ކުޅުނު މެޗުގެ 45 ވަނަ މިނިޓުގައި ޔުނައިޓެޑަށް ލީޑު ނަގައިދިނީ، ސުވާލު އުފެދޭގޮތަށް ރެފްރީ އެޓީމަށް ދިން ޕެނަލްޓީއަކުން ރޮބިން ވެންޕާސީ އެވެ. ޔުނައިޓެޑްގެ އޭޝްލީ ޔަންގްއަށް ޕެލަސްގެ ސައުތު އެފްރިކަން މިޑްފީލްޑަރު ކަގިޝޯ ފައުލް ކުރުމާ ގުޅިގެން ރެފްރީ އޭނާއަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލުމަށްފަހު ޔުނައިޓެޑަށް ޕެނަލްޓީ ދީފަ އެވެ. އެހެން ނަމަވެސް ޕެލަސްގެ ކުޅުންތެރިން ވަނީ، އެ ހާދިސާ ހިނގީ ޕެނަލްޓީ އޭރިޔާގެ ބޭރުންކަމަށް ބުނެ ރެފްރީގެ ނިންމުމާ ދެކޮޅު ހަދާފަ އެވެ.

"ގަވައިދަކީ ގަވައިދު. އަހަރެންގެ ހިޔާލު އެނގުމަކުން ނަތީޖާއަށް ބަދަލެއް ނާންނާނެ. އަހަރެން ޖެހޭނީ އެ ނިންމުން ގަބޫލުކުރަން އަދި އެކަމާ ބެހޭގޮތުން ޓީމާ ވާހަކަ ދައްކަން،" ޔުނައިޓެޑަށް ދިން ޕެނަލްޓީއާ ބެހޭ ގޮތުން ޕެލަސްގެ ކޯޗު އިއާން ހޮލޮވޭ ބުންޏެވެ.

ރޭގެ މެޗުގައި ޔުނައިޓެޑްގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 81 ވަނަ މިނިޓުގައި ޕެލަސްގެ ޕެނަލްޓީ އޭރިޔާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ވޭން ރޫނީ އެވެ. އެޑްރިއަން މަރިއައްޕާ ޔުނައިޓެޑްގެ އަދްނާން ޖަނޫޒާޖްއަށް ފައުލް ކުރުމާ ގުޅިގެން ލިބުނު ހިލޭ ޖެހުން ރޫނީ ވަނީ ވަރަށް ރީތިކޮށް ޕެލަސްގެ ގޯލްތެރެއަށް ވައްދާލާފަ އެވެ.

"އަހަރެން ދެރަވޭ މެޗުން ބަލިވުމުން، އެކަމަކު މެޗުން ބަލިވި ގޮތާމެދު އަހަރެން ހިތްހަމައެއް ނުޖެހޭ،" ސަސްޕެންޝަންގެ ސަބަބުން ބެންޗުން ބޭރުގައި މެޗު ބަލަން ހުރި ޕެލަސްގެ ކޯޗު ބުންޏެވެ. "10 ކުޅުންތެރިންނާއެކު ވެސް އަހަރެމެން ވަނީ މިއިން ދުވަހަކު ނުދައްކާހާ މޮޅު ކުޅުމެއް ދައްކާފައި. ކުރިއަށް އޮތްތާނގައި ރަނގަޅުވާނެ ކަމަށް އުންމީދު ކުރަން."

ލީގުގައި ޔުނައިޓެޑް މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން އެއް މެޗުން ބަލިވެ އެއް މެޗުން އެއްވަރުވެ، އަނެއް ދެމެޗުން މޮޅުވެ ހަތް ޕޮއިންޓާއެކު މިހާރު އޮތީ ތާވަލްގެ ފަސް ވަނައިގަ އެވެ.