ޕީޕީއެމްގެ ސަރުކާރެއްގައި ވިލިމާލޭ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރައްވާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޔާމީން މިހެން ވިދާޅުވީ ވިލިމާލޭގައި ޑޯޓުޑޯ ކެމްޕޭން ނިންމަވާލެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ޕީޕީއެމް ސަރުކާރެއްގެ ކުރީކޮޅު ވިލިނގިލީ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރައްވާނެ ކަމަށް ރައްޔިތުންނަށް ދަންނަވާފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެން ވިލިނގިއްޔަށް އައިމަ ވިލިނގިލީ ރައްޔިތުންގެ އިހްސާސަކީ ސިއްހީ ފަރުވާ ދިނުމުގައި ބޮޑެތި މައްސަލަތައް އުޅޭތީ ހަމަ އެ ޝަކުވާ އައީ. ދެން އަޅުގަނޑުމެން ބަލާލާއިރު ވިލިނގިލީގެ އާބާދީ 15،000 މީހުންނަށް ވުރެ ގިނަ. ދެން އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ ވިލިނގިލީގަ ސިއްހީ ފަރުވާދޭ މަރުކަޒު ހޮސްޕިޓަލެއްގެ ފެންވަރަށް ބަދަލު ކުރަންޖެހޭ. އެހެންވީމަ އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި ސަރުކާރުގެ އެންމެކުރީކޮޅު ވިލިނގިލީގަ މިހާރު މިހިރަ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ހަދާނެ ކަމަށް އަޅުގަނޑު ވިލިނގިލީ ރައްޔިތުންނަށް ދެންނެވިން،" ޔާމީން ވިދާޅުވި އެވެ.

ވިލިމާލޭގައި ކުރިއަށް ގެންދިޔަ ޑޯޓުޑޯ ކެމްޕޭންގައި ޔާމިންގެ އިތުރުން އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ޕީޕީއެމްގެ ކައުންސިލް މެންބަރު ދުންޔާ މައުމޫން ވެސް ބައިވެރިވެވަޑައިގަތެވެ.

ޑޯޓުޑޯ ކެމްޕޭންގައި 15000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ވިލިމާލޭގެ ހުރިހާ ގެތަކަށް ޒިޔާރަތް ކުރެއްވި ކަމަށާއި ހުރިހާ ގެތަކަކުން ވެސް ވަރަށް ބޮޑަށް މަރުހަބާ ކިޔާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީގެ ކެންޑިޑޭޓް ކުރީގެ ރައީސް ނަޝީދަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ ޚިޔާލުފާޅުކުރުމަކީ އެމްޑީޕީން ގަބޫލުކުރާ ކަމެއް ކަމަށް ބުނާއިރު ނަޝީދުގެ ވެރިކަމުގައި ޚިޔާލުފާޅުކުރި ސިޔާސީ ލިޑަރުން އެއްވެސް ކުށެއް ނެތި ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރު ކުރި މީހުންނަށް އޭގެ ބަދަލު ދިނުމަށް ކޯޓުން ހުކުމް ކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި މައްސަލަތަކެއް ހުރިކަމަށް ދެކެވޭ ވާހަކައަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ ޕީޕީއެމުން ޝަރީއަތަށް ދާން ބޭނުންނުވަނީ އެ ޕާޓީއަށް ގަބޫލު ކުރެވޭ ވަރަށް މައްސަލަތައް ފެންނަން ނެތުމުން ކަމަށެވެ. ނަމަވެސް އޭގެ މާނައަކީ ފުރަތަމަ ބުރުގެ ވޯޓާއި ދޭތެރޭ އެ ޕާޓީން ހިންހަމަ ޖެހިގެން ތިބުން ނޫން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ މިންވަރަށް މައްސަލަތައް ނެތުމުން ޝަރީއަތަށް ދާން ބޭނުން ނުވަނީ. އޭގެ މާނައަކީ ހުރިހާ ވޯޓުތަކާ ދޭތެރޭ އަޅުގަނޑުމެން ހިތްހަމަ ޖެހިގެން ތިބީކީނޫން. އަޅުގަނޑުމެންނަށް އެބަ ފެނޭ އެތައް ސަތޭކަ އައިޑީކާޑުތަކެއް ޑުބްލިކޭޓް ކޮށްގެން ވޯޓު ލާފަ ހުރިތަން،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ވޯޓު ކަރުދާސް ޗާޕް ކުރަނީ ރާއްޖޭގެ ޗާޕް ޚާނާއެއްގައި ކަމަށްވާނަމަ އެ މަސައްކަތް ކުރާއިރު ގައްޔާއި އަދި ޗާޕްކޮށް ނިމިގެން ގުދަނާ ހަމައަށް ވޯޓު ކަރުދާސްތައް ގެންދާއިރު ކޮންމެ ކެންޑިޑޭޓެއްގެ މަންދޫބަކަށް އެކަން ކުރާގޮތް ބެލޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އިލެކްޝަންސް ކޮމިޝަންގައި އެދިފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓީން އެދިފައި އޮންނާނެ ވޯޓު ކަރުދާސް ޗާޕްކުރަނީ ރާއްޖޭގެ ޗާޕްޚާނާއެއްގައި ކަމަށް ވަންޏާ ޗާޕްކުރާ ހިސާބުގަ ވެސް ހުރިހާ ޕާޓީތަކުގެ މީހުންނަށް ތިބެވެންވާނޭ. އަދި ޗާޕްކޮށް ނިމުނީމަ އުފުލާ އިރުވެސް ވޯޓު ކަރުދާސް ކޮޅާދޭތެރޭ ފާރަވެރިވުމުގެ ފުރުސަތު ދޭންވާނޭ. އަދި ގެންގޮސް ގުދަނުގައި ބަހައްޓާއިރު ވެސް ފާރަވެރިވެވެން ޖެހޭނޭ. އެއިރަށް އަޅުގަނޑުމެންނަށް އެނގޭނީ ވޯޓު ކަރުދާސް ކޮޅާ ދެތޭރޭ އެއްވެސް ކަހަލަ ގޯހެއް ނުހިނގާކަން،" ޔާމީން ވިދާޅުވި އެވެ.

ވޯޓުލާ މީހުންގެ ރަޖިސްޓްރީއާ ބެހޭ ގޮތުން އެކި ފަރާތްތަކުން ވާހަކަ ދައްކަމުން ގެންދާ މި ދަނޑިވަޅުގައި ޔާމީން ވިދާޅުވީ ވޯޓުލާ މަރުކަޒުތަކުގައި ބޭނުންކުރާ ވޯޓުލީ މީހުންގެ ލިސްޓުގައި ކޮންމެ ކެންޑިޑޭޓެއްގެ ފަރާތުން ސޮއި ކުރެވޭ ގޮތް ހަމަޖައްސައި ދިނުމަށް ވެސް އެ ޕާޓީން އިލެކްޝަންސް ކޮމިޝަންގައި އެދިފައިވާނެ ކަމަށެވެ. އޭގެ ބޭނުމަކީ ވޯޓުލުމުގެ ފަހުން އެ ލިސްޓަށް އުނި އިތުރެއް ނުގެންނަ ކަން ކަށަވަރު ކުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ވިލިމާލޭގައި ޕީޕީއެމްގެ ކެމްޕޭން ޖަގަހައެއް ވެސް ޔާމީން މިއަދު ވަނީ ހުޅުވައިދެއްވައިފަ އެވެ.