22 Nov 2010, 10:21
ކާޑުގެ ބާވަތްތައް ރާއްޖެ އަށް އެތެރެ ކުރުމުގައި، ކުރިން ނަގަމުން އައި ހާއްސަ ހުއްދަ އަންނަ އަހަރުން ފެށިގެން ނަގަން ނުޖެހޭ ގޮތަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމެންޓްއިން ނިންމަވައިފި އެވެ.
ސަންއޮންލައިން އަށް މައުލޫމާތު ދެއްވަމުން އެކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ޑިރެކްޓާ އުސްމާން ޝާކިރު މިއަދު ވިދާޅުވީ އަންނަ އަހަރުން ފެށިގެން ވަކި ހާއްސަ ހުއްދައަކާއި ނުލައި ކާޑުގެ ބާވަތްތައް އެތެރެކުރަން ފެށުމުން އެ ތަކެތި ހެޔޮއަގުގައި ރައްޔިތުންނަށް ލިބޭނެ ކަމަށާއި ވިޔަފާރި ވެރިންނަށް ވެސް ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެ ކަމަށެވެ.
"މިހާރު މިއޮތް ގޮތުން އިމްޕޯޓް ލައިސަންސް އޮންނަ ކޮންމެ ފަރާތަކަށް ވެސް ކާޑުގެ ބާވަތްތައް ރާއްޖެ އެތެރެ ކުރެވޭނެ. އޭރުން ވިޔަފާރިވެރިނަށް ވެސް ފަސޭހައިން މިތަކެތި އެތެރެ ކުރުވޭނެ މަގު ފަހިވީމަ ހެޔޮ އަގުގައި މިތަކެތި ލިބެން ހުންނާނެ. އެއީ ގިނަ ބަޔަކު މިތަކެތި ވިއްކަން ފެށީމާ އަގުވެސް ހެޔޮވާނެ،" ޝާކިރު ވިދާޅުވި އެވެ.
ފުޅާދާއިރާއެއްގައި ރާއްޖެ އަށް ކާޑުގެ ބާވަތްތައް އެތެރެ ކުރަން ފެށިކަމުގައި ވީނަމަވެސް ކާޑުގެ ބާވަތްތައް އެސްޓީއޯ އިން ވިއްކާނީ ކުރިއެކޭ ވެސް އެއްގޮތަށް ސަރުކާރުން ކަނޑައަޅާފައި އޮންނަ "ކޮންޓްރޯލް" އަގުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަކުރު ފިޔަވައި އެހެން ހުރިހާ ބާވަތެއްގެ ކާޑު ވިއްކަން ޖެހޭނީ ހަމަ ކުރިއެކޭ ވެސް އެއްގޮތަށް ކޮންޓްރޯލް އަގުގައި. ކޮންޓްރޯލް އަގު އުވައެއް ނުލާނެ." ޝާކިރު ވިދާޅުވި އެވެ.
ރާއްޖެ އަށް މިހާރު އެތެރެކުރެވޭ ކާޑުގެ ބޮޑު ބައެއް އެތެރެ ކުރަމުން އަންނަނީ ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިންނެވެ.