14 Sep 2013, 20:10
މަސްބާނަށް ނުކުމެ އުޅުނު ފައިބަރު މަސް ދޯންޏެއް މެދުން ބިންދައިގެން ހިނގައްޖެ އެވެ.
މިއަދު ހަވީރު ތ. އަތޮޅާއި ލ. އަތޮޅާއި ދެމެދު ސަރަހައްދެއްގައި މަސްބާނަމުން ދިޔަ ކުޑަހުވަދޫ 'ފަހި' ދޯނި ބިންދައިގެން ގޮސްފައި ވަނީ ތ. ތިމަރަފުއްޓާ ހަތް މޭލުން ބޭރުން ކަމަށް އެމްއެންޑީއެފްގެ ކޯސްޓުގާޑުން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ ދޯނި ބިންދައިގެންދިޔަ އިރު އެ ދޯނީގައި އެ ވަގުތު 20 ފަޅުވެރިން ތިބި ކަމަށާއި ދޯނި ބިންދައިގެން ދިޔުމުން ދޯނީގެ ފަޅުވެރިން އެ ވަގުތު އެ ހިސާބުން ދަތުރުކުރަމުން ދިޔަ "މަންހާ" ނަމަކަށް ކިޔާ ދޯންޏަކަށް ނަގާފައިވާ ކަމަށެވެ. އަދި މިހާދިސާގައި ދޯނީގެ އެއްވެސް ފަޅުވެރިޔަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ ދޯނި ތ. ދިޔަމިގިއްޔަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ކަފުޖަހައިގެން ދަތުރު ކުރަމުންދާތީ އެ ދޯނި ދިޔަމިގިއްޔަށް ގެންދެވޭނެ ވަގުތެއް ނޭނގޭ ކަމަށް ދޯނީގެ ކެޕްޓަނާ ޙަވާލާދީ އެމްއެންޑީއެފުން ބުންޏެވެ.