މި މަހުގެ ހަތް ވަނަ ދުވަހުގެ ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ އާއި ދާއިމީ ނަތީއްޖާއާ އެއްވެސް ތަފާތެއް ނެތެވެ. ދާއިމީ ނަތީއްޖާ އިއުލާން ކުރީ އިލެކްޝަންސްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ.

އިލެކްޝަންސް ކޮމިޝަންގެ ދާއިމީ ނަތީޖާ ދައްކާ ގޮތުން 95،224 މީހުންގެ ވޯޓާ އެކު އިންތިހާބުގެ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ހޯއްދެވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ނަޝީދަށް ލިބިފައި ވަނީ ވޯޓުލީ މީހުންގެ 45.45 ޕަސެންޓެވެ.

އިންތިހާބުން ދެވަނާގައި އުޅެނީ 53،099 މީހުންގެ ވޯޓާ އެކު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ. އެއީ ވޯޓުގެ 25.35 ޕަސެންޓެވެ.

ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ލިބިވަޑައިގަތީ 50،422 މީހުންގެ ވޯޓެވެ. އެއީ ވޯޓުގެ 24.07 ޕަސެންޓެވެ.

އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދަށް ވޯޓުލާފައި ވަނީ 10،750 މީހުން ނެވެ. އެއީ ވޯޓުގެ 5.13 ޕަސެންޓެވެ.

ބާތިލު ވޯޓުގެ ގޮތުގައި 2،395 ވޯޓާއެކު، ވޯޓުލާފައި ވަނީ 211،890 މީހުން ނެވެ.

އިންތިހާބުގެ ދާއިމީ ނަތީޖާ ދައްކާ ގޮތުން އެއްވެސް ކެންޑިޑޭޓަކަށް ގާނޫނުގައިވާ ގޮތަށް ވޯޓުލީ މީހުންގެ އާބާދީގެ 50 ޕަސަންޓަށް ވުރެ މަތިން ލިބިފައިވާތީވެ އިންތިހާބުގެ ދެވަނަ ބުރެއް އޮންނާނެ ކަމަށް އިލެކްޝަންސް އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ދެވަނަ ބުރުގައި ވާދަކުރާނީ އެމްޑީޕީގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.