14 Sep 2013, 18:58
މިދިޔަ ހޮނިހިރު ދުވަހު ބޭއްވީ ރިޔާސީ އިންތިހާބުގައި ވޯޓް ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު ނުވަތަ ވޯޓާސް ލިސްޓާ މެދު އިލެކްޝަންސް ކޮމިޝަންގެ ރައީސާއި ކޮމިޝަންގެ މެންބަރުންގެ ދެއްކެވި ވާހަކަފުޅު ތަފާތުވެއްޖެ އެވެ.
ގައުމީ ސަލާމަތު ކޮމެޓީ އަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ހާޒިރު ކުރުމުން ވޯޓާސް ލިސްޓުގައި ނަން ނެތް މީހަކު ވޯޓް ލާފައިވާނެތޯ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ސުވާލު ކުރެއްވި އެވެ. މަހުލޫފަށް ޖަވާބު ދެއްވަމުން އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ވޯޓާސް ލިސްޓުގައި ނަން ނެތް އެއްވެސް މީހަކު ވޯޓު ލާފައި ނުވާނެ ކަމަށެވެ. އަދި އެއީ ކުރެވޭނެ ކަމެއް ވެސް ނޫން ކަމަށެވެ.
"ލިސްޓުގައި ނަން އޮތް މީހަކަށް ނޫނީއްޔާ ވޯޓް ލުމުގެ ފުރުސަތެއް ނުދޭނެ. އެއީ އެކަން ކަނޑައެޅިފަ އޮންނަ ގޮތް،" ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ކުރެއްވި ސުވާލަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވި އެވެ.
ވޯޓާސް ލިސްޓުގައި ނަން ނެތް މީހަކު ވޯޓް ލާފައިވާނެތޯ މަހުލޫފް ކުރެއްވި ސުވާލަށް ކޮމިޝަންގެ މެންބަރު އަލީ މުހައްމަދު މަނިކު ވިދާޅުވީ ވޯޓާސް ލިސްޓުގައި ނަން ނެތް މީހުން ވާޓޯލާފައި ވާނެ ކަމަށާއި އެގޮތުން ލިސްޓުގައި ނަން ނެތް 11 މީހުން ވޯޓްލާފައިވާނެ ކަމަށެވެ.
"އިއްޒަތްތެރި މެންބަރު މަހުލޫފް ތިން ވަނަ އަށް ތިޔަ ކުރެއްވި ސުވާލު، އާދެ ލިސްޓުގައި ނަން ނެތް މީހަކު ވޯޓުލާފައިވާ ނެތޯ؟ އާދެ ލާފައިވާނެ. 11 މީހަކު އެބަ އޮތް މިފަހަރު ވޯޓް ލާފައި،" މަހުލޫފް ކުރެއްވި ސުވާލަށް ކޮމިޝަންގެ ރައީސް ދެއްވި ޖަވާބާއި ފުށުއަރާ ގޮތަކަށް އަލިމަނިކު ވިދާޅުވި އެވެ.
"އެ ވޯޓްލީ 11 މީހުންނަކީ ވޯޓާސް ލިސްޓުން އެ މީހުންގެ ނަން ނުފެނިގެން އަޅުގަނޑުމެންނަށް އޮންނާނެ ރިޔާސީ އިންތިހާބުގެ ގަވާއިދުގެ 15 ވަނަ މާއްދާގެ (ނ)ގައި އޮންނާނެ ފައިނަލް ލިސްޓުގައި ނަން އޮވެމެ، އިލެކްޝަންސް ކޮމިޝަނެގެ އިދާރީ ސަބަބަކާ ހުރެ، އެއްވެސް މީހެއްގެ ނަން ވޯޓްލާ މަރުކަޒުގެ ލިސްޓުގައި ނެތީވީއްޔާ އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސަން ޖެހޭނެއޭ. އެކަހަލަ 11 މީހަކު އޮވެދާނެ،"
ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން މަހުލޫފް ވިދާޅުވީ އޭނާ އޮބްޒާވަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ގަލޮޅު މަދުރަސާގައި ބަހައްޓާފައި ހުރި ފޮއްޓަށް ވޯޓަސް ލިސްޓުގައި ނަން ނެތް އެތައް ބަޔަކު ވޯޓުލާފައިވާ ކަމަށެވެ. އެގޮތުން އޭނާ ދަންނަ ކުރިން ޕޯޓްސް ލިމިޓެޑުގައި މަސައްކަތް ކުރެއްވި ޝަފީގު ނަމަކަށް ކިޔާ މީހަކު އޭނާ ނިސްބަތްވާ ދާއިރާގެ ވޯޓު ލިސްޓުގައި އޭނާގެ ނަން ނެތީސް ވޯޓުލާފައިވާ ކަމަށް މަހުލޫފް ވިދާޅުވި އެވެ.
މަހުލޫފު އެ ވާހަކަތަކަށް ރައްދު ދެއްވައި އަލިމަނިކު ވިދާޅުވީ އެހެން ނަމެއް ވިދާޅުވިޔަސް ނެނގޭނެ ކަމަށާއި އެފަދަ ބޭފުޅެއްގެ ފުރިހަމަ ނަމާއި އައިޑީ ކާޑު ނަންބަރު ދިނުމުން އެކަން ބަލައި އެ ވޯޓް ފޮއްޓެއްގެ މައްސަލަ ހައްލު ކުރާނެ ކަމަށެވެ.
ވޯޓާސް ލިސްޓުގައި މާލޭ ދަފްތަރުގައި ތިބި މީހުން އެހެން ގޭގޭގެ ރަޖިސްޓްރީގައި ހިމެނިފައިވާ މައްސަލަ އާ ގުޅޭ ގޮތުން ގައުމީ ސަލާމަތު ކޮމެޓީގެ މެންބަރުން ސުވާލު ކުރެއްވުމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަލިމަނިކު ވިދާޅުވީ ދަފަތަރުގައި ހިމެނިފައިވާ މީހުންގެ ނަން އެހެން ގޭގޭގެ ވޯޓާސް ލިސްޓުގައި ހިމެނާފައި ވަނީ އެ މީހުންނަކީ އެ ގެތަކުގައި ކުއްޔަށް އުޅެމުންދާ މީހުން ކަމަށް ވާތީ ކަމަށެވެ. އަދި ވޯޓާސް ލިސްޓުގައި ނަން އޮތުމަކީ އެގޭގޭ ގެ ރަށްވެހިންގެ ރަޖިސްޓްރީގައި އެފަދަ މީހުންގެ ނަން އޮތުން ނޫން ކަމަށް ކޮމިޝަންގެ މެންބަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކަން އެގޮތަށް ހަމަޖައްސަން ޖެހުނީ އާންމު އިންތިހާބުގެ ގާނޫނުގައިވާ ގޮތުން ކޮންމެ މީހަކީ ވެސް ކޮންމެ ވެސް ގެއެއްގެ ނަމުގައި ނަން އޮންނަން ޖެހޭނެ ކަމަށް ބުނެފައި ވާތީ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމުގެ ކުރިން އިދާރީ ދާއިރާތަކުގައި ވޯޓްލާ މީހުންގެ ރަޖިސްޓްރީ ދެ މަސް ކުރިން އާންމު ކުރަން ޖެހޭ ކަމަށާއި އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރީ ދާއިރާތަކަށް ވޯޓްލާ މީހުން ކަނޑައެޅޭނީ ދަފްތަރުގައި ތިބި މީހުން ގޭގެ އަށް ބަދަލު ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ގައުމީ ސަލާމަތު ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމަކީ އިލެކްޝަންސުން ހުށަހެޅި ކުއްލި މައްސަލައަކާ ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ. އެއީ ޖުމްހޫރީ ޕާޓީން އިންތިހާބުގެ ނަތީޖާ ގަބޫލު ނުކޮށް ކުރަމުންދާ ކަންތައްތަކުގެ ސަބަބުން ރައްޔިތުންގެ ތެރޭގައި ނަފަރަތު އެފެދިގެން ހިނގައި ދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށާއި އަދި އެކަމުގެ ސަބަބުން މުޅި ގައުމުގައި ހަމަނުޖެހުން ހިނގައި އިންތިހާބުގެ ދެވަނަ ބުރު ނުބޭއްވި ދާނެ ކަމުގެ ބިރު އެ ކޮމިޝަން އޮތް ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.
ފުއާދު ތައުފީގު ވިދާޅުވީ ޖުމްހޫރީ ޕާޓީ މިހާތަނަށް ކޮށްފައިވާ އެއްވެސް ތުހުމަތެއް އެ ޕާޓީ އަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށެވެ. އެގޮތުން މަރުވެފައިވާ މީހުންގެ ނަމުގައި ވޯޓްލާފައިވާ ކަމަށް ޖޭޕީ ބުނާއިރު އެގޮތަށް ވޯޓްލާފައި ވަނީ ކޮން ވޯޓު ފޮއްޓަކަށް ކަމެއް ޖޭޕީ އަށް ބުނެދެވިފައި ނުވާ ކަމަށެވެ.
ފުއާދު ވިދާޅުވީ ޖޭޕީ އެ ކުރަމުންދާ ކަންތައްތަކުގެ ސަބަބުން އިންތިހާބުގެ ނަތީޖާއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި އަދި މިހާރި ޖޭޕީ ހިންގަމުން ގެންދާ ހަރަކާތްތައް ފުލުހުންނާއި ސިފައިންގެ ސަމާލު ކަމަށް ގެނެސްފައި ވާނެ ކަމަށެވެ. އަދި އެކަން ޖޭޕީ އަށާއި އަދާލަތު ޕާޓީ އަށް އަންގާފައި ވާނެ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.