ގޫގްލްއިން ދުނިޔޭގެ ބޮޑެތި ސިޓީތަކުގެ ސްޓްރީޓް ވިއު ފޮޓޯ އެކުލަވާލަން ބޭނުންކުރަމުން އަންނަ ކާރުތަކުގެ ތެރެއިން ކާރެއް ދެބަހަކާއި ޓްރަކެއްގައި ޖެހި އެކްސިޑެންޓް ވެއްޖެ އެވެ.

މި ހާދިސާ ހިނގާފައި ވަނީ އިއްޔެ އިންޑޮނޭޝިޔާގެ ބޮގޯރުގަ އެވެ.

އިންޑޮނޭޝިޔާގެ ފުލުހުން ބުނީ ބޮގޯރުގައި ގޫގްލްގެ ސްޓްރީޓް ވިއު ކާރު ފުރަތަމަ އެކްސިޑެންޓްވީ ޕަބްލިކް ޓްރާންސްޕޮޓޭޝަން ބަހެއްގައި ޖެހި ކަމަށެވެ.

މިހާދިސާގައި ބަހުގެ ޑްރައިވަރު ރުޅި ގަދަވުމުން ސްޓްރީޓް ވިއު ކާރު ދުއްވަން އިން މީހާ އެތަނުން ދުރަށް ދާން ކާރު ދުއްވާލި ތަނާ ކާރު އެހެން ބަހަކާއި ޓްރަކެއްގައި ޖެހި އެކްސިޑެންޓްވީ ކަމަށް އިންޑޮނޭޝިޔާގެ މީޑިއާތަކުން ވަނީ ބުނެފަ އެވެ.

ގޫގްލްއިން މިއަދު ބުނީ މިފަދަ ހާދިސާއެއް ހިނގާފައިވާ ކަން ކަށަވަރުކޮށްދޭ ކަމަށެވެ.

އޭއެފްޕީ އަށް ދިން އިންޓަވިއުއެއްގައި އިންޑޮނޭޝިޔާގެ ގޫގްލް އޮފީހުގެ ކޮމިއުނިކޭޝަންސް މެނޭޖާ ވިޝްނޫ މަހުމޫދު ވިދާޅުވީ މިފަދަ އެކްސިޑެންޓްތައް ގޫގްލްއިން ވަރަށް ސީރިއަސްކޮށް ނަނގާ ކަމަށާއި މިހާދިސާ ތަހުގީގުކުރުމުގައި ގޫގްލްއިން ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ދެމުން އަންނަ ކަމަށެވެ.

ގޫގްލްގެ މެޕްސް އެޕްލިކޭޝަންގައި ބޭނުންކުރުމަށް މަގުމަތިން ފެންނަ މަންޒަރުތައް އޮންލައިންކޮށް ފެންނަ ގޮތަށް ހެދުމަށް ގޫގްލްއިން އިންޑޮނޭޝިޔާގެ މަގުތައް ފޮޓޯ ނަގަން ފަށާފައި ވަނީ 2012 ވަނަ އަހަރު އެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގެ ސިޓީތަކުގެ ސްޓްރީޓް ވިއު މިހާރުވެސް ގޫގްލް މެޕްސްއިން ފެންނަން ހުރެ އެވެ.

ގޫގްލް މެޕްސްއިން ފެންނަ ސްޓްރީޓް ވިއު ފޮޓޯތައް ނެގުމަށް ގޫގަލްއިން ބޭނުންކުރާ ކާރަކީ ހާއްސަކޮށް މިކަމަށް ފަރުމާކޮށްފައިވާ ކާރެކެވެ. ސްޓްރީޓް ވިއު ފޮޓޯތައް ނަގަނީ މިކާރުގެ މަތީގައިވާ މިނީ ކެރޭނެއްގައި ހަރުކުރެވިފައި ހުންނަ 360 ޑިގްރީގެ ޕެނޮރެމިކް (ވަށައިގެންވާ ހުރިހާ ތަނެއް ފެންނަ ގޮތަށް) ފޮޓޯ ނެގޭ ކެމެރާއެއްގެ އެހީގަ އެވެ.