ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހުރި ކަމަށް ޖުމްހޫރީ ޕާޓީން ތުހުމަތުކުރާ ފަދަ މައްސަލަތައް ހުއްޓައި އިންތިހާބު ސައްހަ ކަމަށް އެއްވެސް ފަނޑިޔާރުގެ އަކުން ކަނޑަނާޅާނެ ކަމަށް ގާސިމް އިބްރާހީމްގެ ރަނިން މޭޓް ޑރ. ހަސަން ސައީދު ވިދާޅުވެއްޖެ އެވެ.

އެޓާނީ ޖެނެރަލްކަން ވެސް ކުރިން ކުރައްވާފައިވާ ޑރ. ހަސަން ސައީދު ރޭ ވިދާޅުވީ ރިޔާސީ އިންތިހާބާ ބެހޭ ގޮތުން މިހާރު ލިބިވަޑައިގެންފައިވާ ތަފުސީލުތަކަށް ބައްލެވުމުން ދެކޮޅު ނުޖެހޭ ކަންތައްތަކެއް ފާހަކުރެއްވިފައިވާ ކަމަށެވެ.

"އިންތިޚާބުގައި ހަދާފައިވާ ގޯސްތަކުގެ ތަފްސީލް އަޅުގަނޑުމެންނަށް ލިބިއްޖެ. އެ ތަފްސީލް އަޅުގަނޑުމެން ހޯދާފައި ވަނީ އިލެކްޝަންސް ކޮމިޝަނުގެ އެއްވެސް އެއްބާރުލުމެއް ނެތި. އަޅުގަނޑުމެންނަށް ލިބުނު ތަފްސީލުތަކަށް ބަލާ އިރު މިފަދަ ދެކޮޅު ނުޖެހޭ ކަންތައްތަކެއް ހުރެގެން ދުނިޔޭގެ އެއްވެސް ގައުމެއްގައި ބާއްވާ އިންތިޚާބެއް ސައްޚަ ކަމަށް އެއްވެސް ފަނޑިޔާރު ގެއަކުން ކަނޑަނާޅާނެ ކަމާދޭތެރޭ އެއްވެސް ޝައްކެއް ނެތް،" ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މއ. ކުނޫޒުގައި ރޭ އެޕާޓީން ބޭއްވި ޖަލްސާގައި ޑރ. ހަސަން ވިދާޅުވި އެވެ.

އިންތިހާބުގެ މައްސަލަ މާދަމާ ސުޕްރީމްކޯޓަށް ވައްދަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ﷲގެ ރަހުމަތްފުޅާ އެކު މިއަންނަ އާދީއްތަ ދުވަހުގެ ހެނދުނު އަޅުގަނޑުމެން ސުޕްރީމް ކޯޓަށް މައްސަލަ ވައްދާނަން، އަޅުގަނޑުމެންނަށް ސައްތައިން ސައްތަ އިރާދަކުރެއްވިއްޔާ ޔަގީންކަން އެބަ އޮތް މިއިންތިހާބަކީ ބާތިލު އިންތިހާބެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅުއްވައި ދެއްވާނެ،" ޑރ. ހަސަން ވިދާޅުވި އެވެ.

މި އިންތިހާބުގެ ސައްހަކަމާ މެދު އިންތިހާބުގައި ވާދަކުރެއްވި ހުރިހާ ކެންޑިޑޭޓުން ވެސް ސުވާލު އުފައްދަވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިއިންތިހާބު ނޫނީ ދުނިޔޭގައި އެއްވެސް ގައުމެއްގައި އިންތިހާބެއް ހިނގާފައެއް ނޯންނާނެ، އެއިންތިހާބުގައި ވާދަކުރި ހުރިހާ ކެންޑިޑޭޓުން އެއިންތިހާބުގެ ސައްހަކަމާ މެދު ސުވާލުކުރާ އިންތިހާބެއް، ހަމަ އެކަނި އިންތިހާބު ކަމުގޮސްގެން އުޅެނީ އިލެކްޝަންސް ކޮމިޝަނަށް." އޭނާ ވިދާޅުވި އެވެ.