14 Sep 2013, 15:29
ކ. ގުރައިދޫ ގޮނޑުދޮށުގައި ހަތިމުތަކެއް ވަޅުލާފައި އޮތް މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ މި މަހުގެ ނުވަ ވަނަ ދުވަހު ފުލުހުންނަށް އެފަދަ މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގޮނޑުދޮށުގައި ވަޅުލާފައި އޮތްވައި ފެނިފައި ވަނީ އާދައިގެ ކަރުދާހުގެ ހަތިމަކާއި މޮޅު ކަރުދާހުގެ ތިން ހަތިމެވެ.
ގުރައިދޫ ކައުންސިލް މެމްބަރު އަހުމަދު ޝަހުދީ މިއަދު ވިދާޅުވީ ރާޅުޖަހާފަށުގައި ވަޅުލާފައި ހުއްޓައި ހަތިމްތައް ފެނިފައި ވަނީ ޑަސްބިން އުކާލަން ދިޔަ އަންހެނަކަށް ކަމަށެވެ. އަދި އެމީހާ އެ ސަރަހައްދުގައި ތިބި ކުދިންތަކަކަށް ގޮވައިގެން ހަތިމްތައް ނެގިއިރު އެއީ އާ ހަތިމްތަކެއް ކަމަށެވެ.
ކައުންސިލަރު ވިދާޅުވީ ހަތިމްތައް ވަޅުލާފައި ހުރީ ކޮން ބޭނުމަކުކަން ނޭނގޭ ކަމަށެވެ. އަދި އެކަން ކުރީ ކޮންބައެއްކަން ނޭނގޭ ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.
ގުރައިދޫގައި ހިނގާ ސިހުރު ކަންތަކާ ގުޅިގެން އެ ރަށަށް ވަޑައިގެން ސްޕިރިޗުއަލް ހީލާޒް އޮފް މޯލްޑިވްސްގެ ރައީސް އައްރާޤީ އަޖްނާދު ޢަލީ ވިދާޅުވީ ހަތިމްތައް ހުރީ ލައްގައިގެން ވަޅުޖެހިފައި ހުރިގޮތަށް ނޫން ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވާ ކަމަށެވެ. އަޖުނާދު ވިދާޅުވީ އެކަމަކީ ސީދާ ސިހުރުގެ ކަމެއްކަން ޔަގީންނުވާ ކަމަށާއި ސަބަބަކީ ހަތިމްތައް ފެނުނު އިރު ސިހުރު ހަދަން ބޭނުންކުރާ ޒާތުގެ އެއްޗެއް ފެނިފައިނުވާތީ ކަމަށެވެ.
ގުރައިދޫގައި ގޮނޑުދޮށުން ހަތިމްތަކެއް ފެނިފައި މިވަނީ ފަހަކަށް އައިސް ސިހުރުހާހޫރައިގެ ކަންތައް އެރަށުގައި ވަރަށް ބޮޑުވެފައިވަނިކޮށެވެ.