ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓްގައި ބޮޑެތި އޮޅުވާލުންތަކެއް ހިންގާފައިވާ ކަމަށް ބުނެ، އަލުން ހުރިހާ ވޯޓް ފޮށިތައް ގުނުމަށް އިލެކްޝަންސް ކޮމިޝަންގެ އެޑްވައިޒަރީ ކޮމިޓީގެ ބައެއް ބޭފުޅުން އެދިވަޑައިގަތް ނަމަވެސް އަލުން ވޯޓް ގުނަން ޖެހޭ ފަދަ ހާލަތެއް މެދުވެރިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އަލުން ވޯޓް ފޮށިތައް ގުނުމަށް ހުށަހަޅާފައި ވަނީ އިންތިހާބުގައި އޮޅުން އަރާ ކަންތައްތަކެއް ހުރި ކަމަށް ބުނެ އެކަންތައްތައް ސާފުކުރުމަށް ޖުމްހޫރީ ޕާޓީން އެދިގެން އިންތިހާބާ ގުޅޭ އެޑްވައިޒަރީ ކޮމެޓީއާ އެކު އިލެކްޝަންސް ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމުގައި ޖޭޕީގެ މަންދޫބު އުމަރު ނަސީރު ހުށަހެޅުއްވި އެ ހުށަހެޅުމަށް އިންތިހާބްގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް ރައީސް މުހައްމަދު ވަހީދުގެ މަންދޫބާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ މަންދޫބު ތާއީދު ކުރި ނަމަވެސް އެމްޑީޕީން އެކަމަށް ތާއީދުކޮށްފައެއް ނުވެ އެވެ.

އެކޮމިޝަންގެ ނައިބް ރައީސް އަހުމަދު ފަޔާޒު މިއަދު ސަން އަށް ވިދާޅުވީ އެ ބައްދަލުވުމުގައި އަލުން ހުރިހާ ވޯޓް ފޮށިތައް ގުނުމަށް ބައެއް މަންދޫބުން ތާއީދުކުރެއްވި ނަމަވެސް ބަންދުކޮށްފައިވާ ވޯޓް ފޮށިތައް ކަނޑަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެފައިނުވާ ކަމަށެވެ. އަދި ވޯޓް ފޮށި އަލުން ކަނޑައިގެން ވޯޓް ގުނަން ގާނޫނުގައި އޮންނަ ދެ ހާލަތަކީ އިންތިހާބާ ގުޅޭ ޝަކުވާއެއް ރަސްމީކޮށް ކޮމިޝަނަށް ހުށަހެޅުމުން ކޮމިޝަނަށް އެގޮތަށް ނިންމައިފި ނަމަ ނުވަތަ ކޯޓަށް މައްސަލައެއް ހުށަހެޅިގެން ކޯޓު އަމުރަކާ ގުޅިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިންތިހާބުގެ ނަތީޖާ ފާޅުކުރުމަށް ފަހު ޖުމްހޫރީ ޕާޓީ އަށް ފާހަގަކުރެވުނު ޝައްކުކުރެވޭ ކަންތައްތަކާ ގުޅިގެން އެކަންތައްތައް އޮޅުން ފިލުވަން ބޭނުންވެގެން ބޭއްވި ބައްދަލުވުމެއް އެއީ. ޝައްކުތަކެއް ހުރެގެން ޖޭޕީން އުމަރު ހުށަހެޅުއްވި 470 ވޯޓް ފޮށި އަލުން ގުނައި ދިނުމަށް،" ފަޔާޒު ވިދާޅުވި އެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުގައި ގިނަ މައްސަލަތަކެއް ހުރި ކަމަށް ބުނެ އިންތިހާބުގައި ވޯޓްލި މީހުންގެ ލިސްޓް ހޯދުމަށް ޖޭޕީން ވަނީ މައްސަލަ ކޯޓަށް ހުށަހަޅައިފަ އެވެ.