14 Sep 2013, 13:29
މިދިޔަ ހޮނިހިރު ދުވަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާ ބެހޭ ގޮތުން ހުރި ތުހުމަތު ތަކަކީ ކަންބޮޑުވާ ފަދަ ސީރިއަސް ތުހުމަތުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ފުރަތަމަ ބުރު ނިމުނުތާ ހަފުތާއެއްވީ ފަހުން އިންތިހާބާ ބެހޭ ގޮތުން ރައީސް މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ކުރެވިފައިވާ ތުހުމަތުތައް ގާނޫނީ އޮނިގަނޑުގެ ތެރެއިން ބަލައި އިންސާފު ގާއިމްކުރަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"...އެހެންނަމަވެސް، މި އިންތިޚާބާ ބެހޭ ގޮތުން ހުރި ބައެއް ތުހުމަތުތަކަކީ، އެކަންކަމާ މެދު އަޅުގަނޑު ކަންބޮޑުވާ ފަދަ ސީރިއަސް ތުހުމަތުތަކެއްކަން އަޅުގަނޑު ފާހަގަކުރަމެވެ. އަދި މިކަންކަން އެކަމަށް ކަނޑައެޅިފައިވާ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ޙައްލުކޮށް އިންޞާފު ޤާއިމުކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ކޮންމެހެން މުހިންމު ކަމެކެވެ." ރައީސް ވިދާޅުވެފައިވެ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމުނީ އަމާންކަމާ އޮމާންކަމާ އެކުގައި ކަން އުފަލާ އެކު ފާހަގަ ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ. އަދި ވިދާޅުވެފައި ވަނީ ދެވަނަ ބުރު ވެސް އަމާން އޮމާން ކުރިއަށް ގެންގޮސްދިނުން އެދިވަޑައިގަންނަވާ ކަމަށެވެ.
"7 ސެޕްޓެމްބަރު 2013 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު، އަމާންކަމާއި އޮމާންކަމާ އެކު، ކުރިޔަށް ގޮސް ނިމުނުކަން އަޅުގަނޑު ވަރަށް އުފަލާއެކު ފާހަގަކުރަމެވެ،" ބަޔާނުގައިވެ އެވެ.
ރައީސްގެ ބަޔާނުގައި ވިދާޅުވެފައި ވަނީ ކޮންމެ ރައްޔިތެއްގެ ވެސް އެންމެ އިސް ވާޖިބަކީ ގައުމުގެ ހަމަޖެހުމާއި އަމާންކަން ކަމުގައި ހެދުން ކަމަށެވެ. އެއަށް ފަހު ވިދާޅުވެފައި ވަނީ ދެވަނަ ބުރުގައި ތާއީދު ކުރައްވާނީ ފުރަތަމަ ބުރުގައި ދެވަނަ ލިބިވަޑައިގެންނެވި ކެންޑިޑޭޓް (ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބުދުﷲ ޔާމީން) އަށް ކަމަށެވެ.
"އަދި ކުރިޔަށް މިއޮތް ދުވަސްތަކުގައި ތިޔައިން ކޮންމެ ލޮބުވެތި ރައްޔިތެއްގެ ވެސް އެންމެ އިސްވާޖިބަކީ، ޤައުމުގެ ހަމަޖެހުމާއި އަމާންކަން ކަމުގައި ހައްދަވައި ދެއްވައި، ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން ބައިބައިވުމަށް ފުރުޞަތު ނުދެއްވުން ކަމުގައި ހެއްދެވުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ. އަދި ހަމައެއާ އެކު، އިންތިޚާބުގެ ދެވަނަ ބުރުގައި، ކެންޑިޑޭޓެއްގެ ހައިސިއްޔަތުން އަޅުގަނޑު ތާއީދުކުރާނީ، އިންތިޚާބުގައި ދެ ވަނަ ހޯއްދަވައިގެން ވާދަކުރައްވާ ކެންޑިޑޭޓަށްކަމުގައި ތިޔަ ލޮބުވެތި ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.
ޔާމީނަށް ތާއީދުކުރައްވަން ނިންމެވި ސަބަބެއް ކަމަށް ރައީސް ވިދާޅުވެފައި ވަނީ ދުސްތޫރީ އޮނިގަނޑު ބަލިކަށިކޮށް، ތަންތަނުގައި ހުޅުޖަހައި ހެދުމަކީ ރަނގަޅު ގޮތް ކަމަށް ދެކެވަޑައި ނުގަތުމެވެ.
"މިހެން މިދެންނެވީ އަޅުގަނޑު ދެކޭ ގޮތުގައި، ޤައުމުގެ ދުސްތޫރީ އޮނިގަނޑު ބަލިކަށިކޮށް، ޤާނޫނު މުގުރައި، ތަންތަނުގައި ހުޅުޖަހައި، ހަމަނުޖެހުން ހިންގުމަކީ، މިއަދު ޤައުމަށް އެންމެ ރަނގަޅު ގޮތްކަމުގައި ނުވާނޭ ކަމަށް އަޅުގަނޑު ދެކޭތީ އެވެ." ރައީސްގެ ބަޔާނުގައިވެ އެވެ.