ސ. ހިތަދޫ ގެއެއްގެ ތެރެއިން ސިހުރު ހަދަން ބޭނުންކުރާ ޒާތުގެ އެއްޗެހިތަކަކާ އެކު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ އިރުއޮއްސުނު ވަގުތު ހިތަދޫ ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.

ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އެ ރަށު ސޯމާ، އިބްރާހިމް މަނިކު،66،އެވެ.

އޭނާ އަކީ ހިތަދޫގައި އާންމުކޮށް ސިހުރު ހާހޫރަ ހަދާކަމަށް މަޝްހޫރު މީހެކެވެ.

އިބްރާހިމް މަނިކު ހައްޔަރުކުރި އިރު، އެގޭގެ ތެރެއިން ސިހުރު ހާހުރަ ހަދަން ބޭނުންކުރާ ޒާތުގެ ގިނަ އަދަދެއްގެ ފޮތާއި ތަވީދުގެ އިތުރުން ފެންފުޅިތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވަނީ ސަން އަށް އެނގިފަ އެވެ.

ހިތަދޫން މީހަކު ހައްޔަރުކޮށްފައިވާ އިރު، މިމަހު ކުރީ ކޮޅު ވަނީ މާލެ އަތޮޅު ގުރައިދޫން ވަޅުލާފައި އޮތް ސިހުރު ކިހާކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ފަހަކަށް އައިސް ރަށްރަށުގައި ސިހުރު ހަދާ މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ. އެގޮތުން ބައެއް ރަށްރަށުގެ ސްކޫލްތަކުގެ ކުދިން މޮޔަވެގެން ސްކޫލްތައް ވެސް މީގެ ކުރިން ވަނީ ބަންދުކުރަން ވެސް ޖެހިފަ އެވެ.