ދުނިޔޭގެ ރެކޯޑު އަގަކަށް ސްޕެއިންގެ ރެއާލް މެޑްރިޑާ ގުޅުނު ގަރެތު ބޭލް މިއަދު ވިލަރެއާލްއާ ދެކޮޅަށް މެޑްރިޑް ކުޅޭ މެޗުގައި ކުޅޭނޭ ކަމަށް އެޓީމުގެ ކޯޗު ކާލޯ އެންޗެލޮޓީ ބުނެފި އެވެ.

ނިމިގެން ދިޔަ ޓްރާންސްފާގައި 85.3 މިލިޔަން ޕައުންޑުގެ ޓްރާންސްފާ ފީއަކަށް އިނގިރޭސި ވިލާގެ ޓޮޓެންހަމްއިން ރެއާލްއަށް ބަދަލުވި 24 އަހަރުގެ ބޭލް އަނިޔާގެ ސަބަބުން މިސީޒަންގައި އަދި ފުލް މެޗެއް ކުޅެފައި ނުވި ނަމަވެސް ބޭލް ވަނީ އެންމެ ފަހުން ސާބިއާ އަތުން 3-0 އިން ވޭލްސް ބަލިވި މެޗުގައި 32 މިނިޓު ކުޅެފަ އެވެ.

"ބޭލް އެ މެޗުގައި ކުޅޭނެ. އޭނަ ކުޅޭނީ ފުރަތަމަ 11ގައި ކަމެއް ނުވަތަ ބެންޗުން އަންނާނީ ކަމެއް ކަށަވަރެއް ނޫން،" އެންޗެލޮޓީ ބުންޏެވެ.

ރެއާލްގެ ކަނާތްފަރާތު އޭޓޭކަރެއްގެ ގޮތުގައި ބޭލް ބޭނުން ކުރަން ވިސްނާފައިވާއިރު ޓީމުގެ ކޯޗު ބުނީ ބޭލް މިހާރު 100 ޕަސެންޓް ފިޓް ކަމަށާއި އަދި އޭނާ ހުރީ ހުރިހާ ގޮތަކުންވެސް މެޗު ކުޅެން ތައްޔާރަށް ކަމަށެވެ.

"ބޭލް މިތަނަށް އައީ ޕްރި-ސީޒަންގައި ފުރިހަމައަށް ބައިވެރި ނުވެވި ކަމުގައިވީ ނަމަވެސް މިހާރު އޭނާގެ އެއްވެސް އިންޖަރީއެއް ނެތް،" އެންޗެލޮޓީ ބުންޏެވެ "ބޭލް އަކީ އެހެން ކުޅުންތެރިންނާ ގުޅިގެން މަސައްކަތްކުރަށްވާ ހިތްވާ، އަދި ހުރިހާ ގޮތަކުންގެސް މިޓީމަށް ފިޓް ކުޅުންތެރިއެއް."

މިސީޒަންގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ހަތަރުވަނަ މޮޅާ ދިމާއަށް ރެއާލް ކުރިމަތިލާފައި ވާއިރު ބޭލް ބުނީ، އޭނާ މެޗަށް ފުރިހަމައަށް ތައްޔާރު ކަމަށާއި އަދި ހުރިހާ ކުޅުންތެރިންގެ ފަރާތުންވެސް އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށެވެ.

"މި ޓީމާ ގުޅުނުގޮތަށް އަހަރެން ފުރަތަމަ މި ދިޔައީ އިންޓަނޭޝަނަލް ޑިއުޓީއަށް އެއީ އެންމެ ރަނގަޅު ގޮތެއް ނޫން. އެކަމަކު މިހާރު ދެދުވަސް މިވީ ޓީމާ ގުޅުނުތާ،" ބޭލްސް ބުންޏެވެ. "ޓީމުގެ ކުޅުންތެރިން އަހަނަށް ވަރަށް ރަނގަޅު، އަދި މިތަނުގައި ސެޓްލްވާން ވަރަށް ފަސޭހަ."

"އަހަރެން ވޭލްސް ޓީމާއެކު ޓްރެއިނިން ތަކުގައި ބައިވެރި ވެފައި މިއައީ. އަދި މެޑްރިޑާއެކު ރަނގަޅު ދެ ޓްރެއިނިން ސެޝަންގައި ބައިވެރި ވެވިއްޖެ،" ބޭލް އިތުރަށް ބުންޏެވެ.

"ޓީމުގެ އެހެން ކުޅުންތެރިންނަށްވުރެ ފިޒިކަލީ ކުޑަ ތަންކޮޅެއް ފަހަތުގައި އަހަރެން މިއުޅެނީ، އެކަމަކު އަހަރެން އުންމީދު ކުރަނީ ވަރަށް އަވަހަށް ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ ކަމަށްއް."

މެންޗެސްޓާ ޔުނައިޓެޑުން 2009 ވަނަ އަހަރު ދުނިޔޭގެ ރެކޯޑް ފީއެއް ކަމަށްވާ 80 މިލިއަން ޕައުންޑަށް ރެއާލްއާ ގުޅުނު ޕޯޗްގީޒް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާ ބެހޭގޮތުން ބޭލް ބުނީ ޓީމުގެ އެހެން ކުޅުންތެރިންނެކޭ އެއްފަދައިން ރޮނާލްޑޯވެސް އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށެވެ.

"އަހަންނަށް ވަރަށް ބޮޑު އުފަލެއް ލިބުނު. ރޮނާލްޑޯއަކީ ވަރަށް ރަނގަޅު ކުޅުންތެރިއެއް. ޓީމުގެ އެހެން ކުޅުންތެރިންނެކޭ އެއްފަދައިން އޭނާވެސް ވަނީ އަހަންނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައި،" ބޭލް ބުންޏެވެ.