ދީނީ ނަސޭހަތް ދިނުމަށް މަޝްހޫރު އިލްމުވެރިޔާ އިބްރާހީމް ފަރީދު ސިއްރު ކައިވެންޏެއް ކުރެއްވައި އެ ކައިވެނި ރަޖިސްޓްރީ ނުކުރައްވައި އުޅުއްވާ ކަމަށް ބުނެ އޭނާ ފުލުހުންގެ މަރުކަޒަށް ހާޒިރު ކުރަން އުޅުމާ ގުޅިގެން އޭނާ ކުރެއްވި ކައިވެނި ރަޖިސްޓްރީ ކުރުމަށް ކޯޓަށް ހުށަހަޅާފައިވާ ކަން ސާބިތުވާ ލިއުންތަކެއް އާންމުކޮށްފި އެވެ.


ފަރީދުގެ ފަރާތުން އާންމު ކުރި ލިއުމުގައި ބުނަނީ، ނ. ކެނދިކުޅުދޫ ކެނދިކޮޅު، ފިނިފެންމާގެ މަރްޔަމް ޝަޒުނާ،21، އާ ފަރީދު، 38، މި އަހަރުގެ އެޕްރީލް29 ގައި ސްރީލަންކާގައި ކުރައްވާފައިވާ ކައިވެނި ރަޖިސްޓްރީ ކުރުމަށް މިދިޔަ މަހު 26ގައި ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.


"މި ލިއުމަކީ ދަފްތަރު ނަމްބަރު 2357 މާލެ، އިބްރާހީމް ފަރީދު އަހުމަދު... އާއި ނ. ކެނދިކުޅުދޫ ކެނދިކޮޅު، ފިނިފެންމާގެ މަރްޔަމް ޝަޒުނާ ... އާއި ދެ މީހުން ރާއްޖެ އިން ބޭރުގައި 29 އެޕްރީލް 2010 ވަނަ ދުވަހު ކާވެނިކޮށް، އެ ކާވެނި މި ކޯޓްގައި ރަޖިސްޓްރީ ކުރުމަށް އެދި 26 އޮކްޓޫބަރު 2010 ވަނަ ދުވަހު ހުށަހަޅާފައިކަން އަންގައިދޭ ލިއުމެކެވެ." ފެމިލީ ކޯޓުން ފަރީދަށް ދީފައިވާ ލިއުމުގައިވެ އެވެ.


ޝައިހު ފަރީދުގެ ގާނޫނީ ވަކީލު ޝަހީމު އަހުމަދު މިއަދު ވިދާޅުވީ ސިއްރު ކައިވެންޏެއް ކުރެއްވި ކަމުގެ ތުހުމަތުގައި ފަރީދު ފުލުސް އޮފީހަށް ހާޒިރުކުރަން އުޅުނީ ކީއްވެގެން ކަން އެނގިވަޑައި ނުގަންނަވާ ކަމަށާއި ފަރީދު ސިއްރިޔާތުގައި ކައިވެންޏެއް ނުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ ފަރީދުގެ މައްޗަށް ދޮގު އިލްޒާމުތަކެއް މަތިކޮށް، ފުލުސް އޮފީހަށް ހާޒިރުކުރަން އުޅުނީ ކޮންމެ ވެސް ބަޔަކު އަޑީގައި ތިބެގެން ޝައިހު ފަރީދުގެ މަގުބޫލުކަން ދުއްވާލުމަށް ކުރި "ދަށު ދަރަޖައިގެ" އަމަލެއް ކަމަށެވެ.


ފަރީދާ ހަވާލާދީ ޝަހީމު ވިދާޅުވީ ފަރީދު ފުލުސް އޮފީހަށް ހާޒިރުކުރަން ފުލުހުން މަސައްކަތް ކުރީ، އިސްލާމިކް މިނިސްޓްރީގެ އެދުމުގެ މަތީން ކަމަށާއި ނަމަވެސް ޝައިހު ފަރީދު އަރިހުގައި އިސްލާމިކް މިނިސްޓްރީން އެކަން ދޮގު ކުރައްވާ ކަމަށެވެ.


ރާއްޖެ އިން ބޭރުގައި ކުރާ ކައިވެނިތައް ކޯޓްގައި ރަޖިސްޓްރީ ކުރަން ޖެހެނީ ހަ މަސް ދުވަހުގެ ތެރޭގަ އެވެ.