ގައުމީ އެއާލައިން، މޯލްޑިވިއަން އިން ތ. ތިމަރަފުއްޓަށް ކުރަމުންދާ ދަތުރުތަކަށް މާބޮޑު ތަރުހީބެއް އަދި ލިބެމުން ނުދާ ކަމަށް އައިލެންޑް އޭވިއޭޝަން އިން ބުނެފި އެވެ.

އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު "ސަން" އަށް ވިދާޅުވީ ތިމަރަފުއްޓަށް އެއެއާލައިން އިން ކުރަމުންދާ ދަތުރުތަކަށް އަދި މާ ބޮޑު ތަރުހީބެއް ލިބެމުންނުދާ ކަމަށެވެ. ނަޝާތު ވިދާޅުވީ އެކަމުގައި ސަބަބުތަކެއް ވެސް އެބަހުރި ކަމަށާއި އެގޮތުން އެ ސަރަހައްދަކީ ޓޫރިޒަމް ނެތް ސަރަހައްދަކަށް ވުމާއި މިދުވަސްވަރަކީ ސުކޫލް ބަންދު ނޫން ދުވަސް ވަރެއްކަމުން މީހުން ދަތުރުކުރާލެއް މަދުވާ ކަމަށެވެ.

"ތިމަރަފުއްޓަށް ބަލާ އިރު އެ ސަރަހައްދަކީ ޓޫރިޒަމް އޮންނަ ސަރަހައްދެއްނޫން. އެހެންވެ މުޅިންވެސް ދިވެހިން ގޮވައިގެން ދަތުރުތައް ކުރަންމިޖެހެނީ، މިދުވަސްވަރަކީ ސުކޫލުތައް ބަންދު ދުވަސްވަރަކަށް ނުވާތީ ދިވެހިން ދަތުރުކުރާލެއް ވެސް މަދުވާނެ ނޫންތޯ،" ނަޝާތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެސަރަހައްދަށް ކުރާ ދަތުރުތަކުގެ ތަރުހީބު ރަނގަޅުކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން އެ ސަރަހައްދުން އެޖެންޓުން ހޯދުމަށް މަސައްކަތް ކުރަމުންދާ އިރު އެސަރަހައްދުގެ ރަށްރަށުން ތިމަރަފުއްޓަށް ފަސޭހައިން ދަތުރުކުރެވޭނެ އިންތިޒާމްތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ތިމަރަފުށީ އެއާޕޯޓަށް ދަތުރުކުރައްވާ ފަރާތްތަކުން 10 ދުވަސް ކުރިން ޓިކެޓް ނަގާ ނަމަ އެއްކޮޅު ޓިކެޓް 1005ރ. އަށް އަދި ދެކޮޅު ޓިކެޓް 2010ރ. އަށް ވިއްކަ އެވެ. އަދި 10 ދުވަހަށް ވުރެ ކުރު މުއްދަތެއްގައި ޓިކެޓް ނަގާ ނަމަ ތިމަރަފުށީ އެއްކޮޅު ޓިކެޓްގެ އަގަކީ 1264 ރުފިޔާ އެވެ. އަދި ދެކޮޅުގެ ޓިކެޓް އަގަކީ 2528 ރުފިޔާ އެވެ.

އައިލެންޑް އޭވިއޭޝަންގެ ކުރީގެ ޗެއާމަން ބަންދު އިބްރާހިމް ސަލީމް (ބަންދު) ވިދާޅުވެފައި ވަނީ ރާއްޖޭގައި އަލަށް ގިނަ ރީޖަނަލް އެއާޕޯޓްތަކެއް ހުޅުވި އެ މަންޒިލްތަކަށް ދަތުރުކުރަންބަލާ އިރު އެ ހިސާބަކު ޓޫރިސްޓް 300 ރޫމް ނެތިއްޔާ ފައިދާއެއް ނުވާނެ ކަމަށެވެ.