14 Sep 2013, 12:09
މުސްލިމުންގެ ސިޔާސީ މުފައްކިރުން ވިދާޅުވާގޮތުގައި އިސްލާމީ ޝަރީޢަތުގެ ނަޒަރުން ބަލާއިރު ވޯޓުދިނުމުގެ ހަތަރުވަނަ ޙައިޘިއްޔަތަކީ ސަކާކުރުމެއް (ޝަފާޢަތްތެރިވުމެއް) ގެ ހައިޘިއްޔަތެވެ. ކެންޑިޑޭޓަކަށް ވޯޓުދިނުމުން އަޅުގަނޑުމެންނަށް އެކުރެވޭ ކަމަކީ އަޅުގަނޑުމެންނަށް ލިބިފައިވާ ޙައިޘިއްޔަތެއްގެ ބާރުގައި އެކެންޑިޑޭޓަކު މަޤާމަކަށް ހޮވުމަށް އަތްބާރުއަޅައި ދިނުމެވެ. އާދެ މިވެނި މީހަކު އެވެނި މަޤާމަކަށް ހޮވަން ފެންނަކަމުގައި ބުނުމެވެ.
އަޅުގަނޑުމެން އެބުނާބުނުމަކާއި އެއްގޮތަށް އެމީހަކު އެމަޤާމަކަށް އިންތިޚާބު ވެއްޖެނަމަ އެމީހަކު އެމަޤާމެއްގައި ހުރެގެން ކުރާ ކޮންމެ ރަނގަޅު ކަމަކަށް އަޅުގަނޑުމެންނަށް ވެސް އެކަމުގެ ސަބަބުން ދަރުމައާއި ޘަވާބުލިބޭނެއެވެ. ހަމައެފަދައިން އެމީހަކު އެމަޤާމަކަށް އިންތިޚާބުވުމަށް ފަހު ނުބައި ކަންތައްތަކެއް ކުރަމުންގެންދާނަމަ އެކަމުގެ ޒިންމާ އަޅުގަނޑުމެން ވެސް އުފުލަން ޖެހޭނެއެވެ. އެމީހަކު އިސްލާމީ ޝަރީޢަތާ ދުރު ޤާނޫނުލް ޢުޤޫބާތެއް ހަދަން މަސައްކަތްކުރާ ނަމަ، ނުވަތަ ރާއްޖޭގެ ތަޢުލީމީ ނިޒާމުން އިސްލާމް އެއްކިބާކޮށްލަން އުޅޭނަމަ ނުވަތަ އެމީހަކު އިސްލާމްދީނުގެ ނަބިއްޔާއަށް ފުރައްސާރަކުރާނަމަ އެކަމުގެ މަސްޢޫލިއްޔަތު މާތްﷲގެ ޙަޟުރަތުގައި އުފުލަން ޖެހޭނެއެވެ. ތިމަން އޭނާޔަށް ވޯޓުދިނީ އެމަޤާމެއްގައި ބުޅަލެއްބާއްވައިގެން ވެސް މިވެނި މީހަކު އެމަޤާމުންވަކިކުރުމަށޭ ނުވަތަ އެވެނި މީހަކަށް އެމަޤާމު ލިބުނަ ނުދޭންވެގެންނޭ ބުނެގެން ފަރުޖެއްސޭކަށެއް ނޯންނާނެއެވެ.
އިސްލާމީ މުފައްކިރުން ވިދާޅުވާގޮތުގައި އެބޭފުޅުންގެ މިވާހަކަފުޅަށް ކީރިތި ޤުރުއާނުން ވަރަށް ޞަރީޙު ދަލީލެއް ލިބޭންއެބައޮތެވެ. ކީރިތި ޤުރުއާނުގެ ސޫރަތުއް ނިސާއުގެ 85 ވަނަ އާޔަތުގެ މާނައިގައިވެއެވެ.
"ހެޔޮ ޝަފާޢަތަކުން ޝަފާޢައްތެރިވާ މީހާޔަށް އޭގެ (ދަރުމައިން) ބައެއްވެއެވެ. އަދި ނުބައި ޝަފާޢަތަކުން ޝަފާޢައްތެރިވާ މީހާޔަށް އޭގެ (ފާފައިން) ބައެއްވެއެވެ." އެހެންކަމުން އަޅުގަނޑުމެން މީހަކަށް ވޯޓެއް ދޭންވާނީ މިކުރެވޭ ކަމަކާ މެދު ހާސްފަހަރު ވިސްނުމަށްފަހުގައެވެ. އަރަހުށި މާތްﷲ ގެ ޙަޟުރަތުގައި އެކަމާ ޖަވާބުދާރީ ވާންޖެހޭނެކަން ދެނެހުރެއެވެ.