ފީފާ ކޮކާ-ކޯލާ ވޯލްޑް ރޭންކިންގައި ރާއްޖެއަށް އަނެއްކާ ވެސް އެއް ދަރަޖައިގެ ކުރިއެރުމެއް ލިބިއްޖެ އެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ(ފީފާ) އިން ބުރާސްފަތި ދުވަހު އިއުލާނު ކުރި ރޭންކިން ލިސްޓްގައި މިފަހަރު ރާއްޖެއަށް ލިބިފައިވަނީ 152 ވަނަ މަގާމެވެ. މި ކުރިއެރުމާއެކު ސަރަހައްދީ ފުޓްބޯޅައިގައި ރާއްޖެ މިހާރު އޮތީ ދެވަނަ މަގާމްގަ އެވެ.

މިމަހުގެ ރޭންކިން ލިސްޓަށް ބަލާއިރު ސާކް ސަރަހައްދުން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ، އަފްޣާނިސްތާނާއި ނޭޕާލް އެވެ. އެންމެ ފަހުން ނިމިގެންދިޔަ މި ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންސް އަފްޣާން ސަރަހައްދުގެ އެއްވަނަ މަގާމް ދިފާއުކޮށްފައިވަނީ، ހަތް ދަރަޖައިގެ ކުރިއެރުމަކާ އެކުއެވެ. ދުނިޔޭގެ ރޭންކިންގައި އަފްޣާން އޮތީ 132 ވަނަ މަގާމްގަ އެވެ. މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ބޭއްވި ނޭޕާލްވެސް ވަނީ ހަތް ދަރަޖައިގެ ކުރިއެރުމެއް ހޯދާފަ އެވެ. ސާކް ސަރަހައްދުގެ ހަތަރު ވަނަ މަގާމް ނޭޕާލަށް ލިބޭއިރު އެގައުމު ދުނިޔޭގެ ރޭންކިންގައި އޮތީ 163 ވަނައިގަ އެވެ.

މިފަހަރު ރޭންކިންގައި މި ސަރަހައްދުގެ ފުޓްބޯޅައިން އެންމެ ބޮޑު ވެއްޓުމަކާ ކުރިމަތިލީ 10 ދަރަޖަ ފަހަތައް ޖެހުނު އިންޑިއާ އެވެ. މިދިޔަ މަހުގެ ރޭންކިންގައި ސަރަހައްދުގެ ދެވަނަ މަގާމްގައި އޮތް އިންޑިއާ ތިން ވަނަ މަގާމަށް ވެއްޓިފައިވާ އިރު ދުނިޔޭގެ ރޭންކިންގައި އެގައުމު އޮތީ 155 ވަނަ މަގާމްގަ އެވެ. ދެން އެންމެ ބޮޑަށް ފަހަތަށް ދިޔައީ ބަންގުލަދޭޝް އެވެ. އަށް ދަރަޖައިގެ ވެއްޓުމަކާ އެކު ބަންގާޅު އޮތީ ދުނިޔޭގެ 166 ވަނަ މަގާމްގަ އެވެ. ސަރަހައްދީ ރޭންކިންގައި ބަންގާޅު އޮތީ ފަސް ވަނައިގަ އެވެ.

ފުޓްބޯޅައިގައި ރާއްޖެއާ ވާދަވެރި ސްރީ ލަންކާ ވެސް ވަނީ މިފަހަރުގެ ރޭންކިންގައި ދެ ދަރަޖައިގެ ކުރިއެރުމެއް ހޯދާފަ އެވެ. ދުނިޔޭގެ ރޭންކިންގައި 168 ވަނަ މަގާމަށް ލަންކާ ކުރިއަށް ޖެހިލި އިރު ސަރަހައްދީ ފުޓްބޯޅައިގައި އެގައުމު އޮތީ ހަ ވަނައިގަ އެވެ.

ތިން ދަރަޖައިގެ ވެއްޓުމަކާ އެކު ޕާކިސްތާނަށް ދުނިޔޭގެ ރޭންކިންގެ 170 ވަނަ މަގާމް ލިބިފައިވާއިރު އެ ގައުމު ވަނީ ސަރަހައްދުގެ ފަސްވަނަ މަގާމުން ހަތްވަނަ މަގާމަށް ވެއްޓިފަ އެވެ.

ސަރަހައްދުގެ ފުލުގައި އެއްވެސް ކުރިއެރުމެއް ނުލިބި އަދިވެސް އޮތީ ބޫޓާން އެވެ. ބޫޓާން އޮތީ ދުނިޔޭގެ ރޭންކިންގެ 207 ވަނަ މަގާމުގަ އެވެ.

ފީފާ ރޭންކިންގެ ދުނިޔޭގެ ގަދަ ދިހައަކަށް އެއްވަނައިގައި އަދިވެސް އޮތީ ދުނިޔޭގެ ޗެމްޕިއަން ސްޕެއިން އެވެ. ދެ ދަރަޖައިގެ ކުރިއެރުމަކާ އެކު އާޖެންޓީނާ ދެވަނަ އަށް ޖެހިލި އިރު އެއް ދަރަޖައިގެ ވެއްޓުމަކާ އެކު ޖަރުމަނު އޮތީ ތިންވަނައިގަ އެވެ. އިޓަލީ ދެދަރަޖަ ކުރިއަރައި ހަތަރުވަނަ ހޯދި އިރު ކޮލަމްބިއާ ވަނީ ފަސްވަނައަށް ވެއްޓިފަ އެވެ.

ދުނިޔޭގެ ރޭންކިންގެ ހަ ވަނައިގައި ބެލްޖިއަމް އޮތީ ހަތަރު ދަރަޖައިގެ ކުރިއެރުމަކާ އެކުއެވެ. އަދި ހަތް ވަނައިގައި އޮތް އުރުގުއޭއަށް ވަނީ ފަސް ދަރަޖައިގެ ކުރިއެރުމެއް ލިބިފަ އެވެ. އެއް ދަރަޖައިގެ ކުރިއެރުމަކާ އެކު ބްރެޒިލްއަށް އަށްވަނަ މަގާމް ލިބުނު އިރު ހަތަރު ދަރަޖައިގެ ވެއްޓުމަކާ އެކު ނެދަލޭންޑްސް އޮތީ ނުވަ ވަނައިގަ އެވެ. 10 ވަނައިގައި އޮތް ކްރޮއޭޝިޔާވެސް ވަނީ މިފަހަރު ދެ ދަރަޖަ ފަހަތައް ޖެހިފަ އެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ ފުޓްބޯޅަ ލީގު އޮންނަ އިނގިރޭސި ވިލާތް މިފަހަރު ވަނީ ތިން ދަރަޖަ ފަހަތަށް ޖެހިފަ އެވެ. ދުނިޔޭގެ ރޭންކިންގައި އެގައުމު އޮތީ 17 ވަނަ މަގާމްގަ އެވެ.