14 Sep 2013, 09:18
ނިއުދިއްލީ (ސެޕްޓެމްބަރ 14) : މުސްލިމުންނާ ދުޝްމަން ޚިޔާލުގެ ހިންދޫ ހަރުކަށި ވިސްނުމުގެ ލީޑަރެއް ކަމަށްވާ ނަރަންދްރަ މޮޑީ އިންޑިޔާގެ ބޮޑުވަޒީރު ކަމަށް ނެރުމަށް އިދިކޮޅު ބަހަރްތިޔާ ޖަނަތާ ޕާޓީން ނިންމުމުން އިންޑިޔާގެ މުސްލިމް ލީޑަރުންނާއި މުސްލިމުންގެ ޖަމްޢިއްޔާ ޖަމާއަތްތަކުން އެކަމާމެދު ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
އިންޑިޔާގެ އިދިކޮޅު ބަހަރްތިޔާ ޖަނަތާ ޕާޓީ (ބީ.ޖޭ.ޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ މޮޑީ އަކީ ހިންދޫންގެ ހަރުކަށި ފަރާތްތަކުން 2001 ވަނަ އަހަރު ގުޖުރާތުގެ މުސްލިމުންނާ ދެކޮޅަށް ހިންގި އަނިޔާވެރި ޢަމަލުތަކަށް ހިއްވަރު ދެއްވި ބޭފުޅެއްގެ ގޮތުގައ މުސްލިމުން ފާހަގަކުރާ ހަރުކަށި ވިސްނުމުގެ ބޭފުޅެކެވެ. އެދުވަސްވަރު ގުޖުރާތުގެ ހިންދޫން ހަރުކަށި ފަރާތްތަކުން އެސްޓޭޓްގެ މުސްލިމުންނަށް ޙަމަލާދީ މުސްލިމުންގެ ގެތަކާއި މުދަލާއި ވިޔަފާރީގެ މަރުކަޒުތަކުގައި ހުޅުޖަހައި އެތަށްސަތޭކަ މުސްލިމުންނެއް އަނިޔާވެރިގޮތެއްގައި މަރާލައި އެތަށް ހާސް މުސްލިމް ޢާއިލާތަކެއް މަގުމަތިކޮށްލި އިރު އެސްޓޭޓްގެ ޗީފް މިނިސްޓަރަކަށް ހުންނެވީ ނަރަންދްރަ މޮޑީ އެވެ.
މޮޑީގެ މައްޗަށްވަނީ މުސްލިމުންގެ ޙިމާޔަތުގައި ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް ނާޅައި ލަސްކުރުމުގެ އިތުރުން ހަރުކަށި ހިންދޫން ނަށް ނުސީދާގޮތެއްގައި ހިއްވަރު ދެއްވި ކަމުގެ ތުހުމަތު ކުރެވިފަ އެވެ. މޮޑީގެ ހިންދޫ ހަރުކަށި ވިސްނުމުގެ ސަބަބުން ހިންދޫންގެ މެދުމިނުގެ ފަރާތްތަކުން ވެސް އޭނާއާމެދު ދެކެނީ ޑިމޮކްރަސީގެ އުސޫލުތަކާ ޚިލާފު ދީނީ އަދި ގައުމީ ހަރުކަށި ވިސްނުން ގެންގުޅޭ ބޭފުޅެއްގެ ގޮތުގަ އެވެ. މިގޮތުން ބީ.ޖޭ.ޕީ ގެ ކުރީގެ ލީޑަރު އެލްކޭ ޢަދަވާނީ ވެސް ވަނީ މޮޑީއަކީ ހަރުކަށި ވިސްނުމުގެ ބޭފުޅެއް ކަމުން އޭނާ ބޮޑުވަޒީރުކަންފަދަ މަޤާމަކަށް ވާދަކުރައްވައިފިނަމަ އެޕާޓީއަށް ކާމިޔާބު ލިބުން ދުރު ކަމަށް ވިދާޅުވެ ކުރިން ވާހަކަ ދައްކަވާފަ އެވެ.
އިންޑިޔާގައި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބުގައި އެ ގައުމުގެއެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ ބީ.ޖޭ.ޕީ ގެ ފަރާތުން ބޮޑުވަޒީރު ކަމަށް ވާދަކުރައްވާނީ މޮޑީ ކަމަށް އެ ޕާޓީން މީގެ ދެ ދުވަސްކުރިން ވަނީ ނިންމާފައެވެ. މިގޮތަށް ނިންމީ އެ ޕާޓީގެ އިސްވެރިންގެ ބައްދަލުވުމެއްގައެވެ. ބީ.ޖޭ.ޕީ ގެ ފަރާތުން އިންޑިޔާގެ ބޮޑުވަޒީރު ކަމަށް ވާދަކުރައްވާނީ މޮޑީ ކަމަށް އެ ޕާޓީން ނިންމި ނިންމުމުގައި ޢަދަވާނީ ބައިވެރިވެރިވެ ނުގަންނަވާ ކަމަށްވެ އެވެ.
އިންޑިޔާގެ މުސްލިމް ބައެއް ލީޑަރުން މޮޑީގެ މުސްލިމުންނާ ދުޝްމަން ހަރުކަށި ވިސްނުމާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާއިރު އިސްލާމީ ބައެއް ޖަމްޢިއްޔާ ޖަމާއަތްތަކުން މިހާރުވެސް ވަނީ މޮޑީގެ ނުރައްކާތެރިކަން އިންޑިޔާގެ ރައްޔިތުންނަށް ހާމަކުރުމުގެ މަސައްކަތް ފަށާފަ އެވެ. މޮޑީއަކީ ހިންދޫން ހަރުކަށި އުސޫލުތައް ތަޢާރަފްކުރައްވަން މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށްވާތީ އިންޑިޔާގެ ސިޔާސީ މަސްރަޙުގައި ވެސް އޭނާއަށް ތާއީދުނެތް ކަމަށް މުރާސިލުން ބުނެއެވެ. އަދި މޮޑީގެ ސަބަބުން އިންތިޚާބު ކާމިޔާބު ކުރުމަށް ބީ.ޖޭ.ޕީ އަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެގެންދާނެތީ އެޕާޓީގެ ބައެއް ފަރާތްތަކުންވެސް ކަންބޮޑުވެފައިވާ ކަމަށް ޚަބަރު ލިބެއެވެ. (ނޫސްއެޖެންސީތައް)