ބިޝްކިކް (ސެޕްޓެމްބަރ 14) : ކިރްގިސްތާން ގެ ވެރިރަށް ބިޝްކިކްގައި ކުރިޔަށްދާ ސަރަހައްދީ އަމަނާބެހޭ ސަމިޓް ބައްދަލުވުމެއްގައި އީރާނުގެ ރައީސް ޑރ. ޙަސަން ރޫޙާނީ އާއި ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމަށްފަހު ދެއްވި ބަޔާނެއްގައި ރޫޙާނީ ވިދާޅުވީ ރަޝިޔާގެ ރައީސާއެކު އޭނާ މަޝްވަރާކުރެއްވީ އީރާނުގެ ނިއުކްލިޔަރ މައްސަލައާއި ސޫރިޔާގެ މައްސަލައިގެ އިތުރުން ސަރަހައްދީ މައްސަލަތަކާ ބެހޭގޮތުންނެވެ. އީރާނުގެ ނިއުކްލިޔަރ މައްސަލަ ޙައްލުކުރުމާބެހޭގޮތުން ރަޝިޔާގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަމާ ކުރިންވެސް ރަޝިޔާއިން މިކަމުގައި އެއްބާރުލުން ދީފައިވާކަމަށް ރޫޙާނީ ވިދާޅުވިއެވެ.

އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާމެދު އުފެދިފައިވާ ޝައްކުތައް ފިލުވާލައި އެއީ ސުލްޙަވެރި ނިއުކްލިޔަރ ޕްރޮގްރާމެއްކަން ހާމަކޮށްދިނުމަށް ކުރެވެންހުރި ހުރިހާ ކަމެއް އީރާނުން ކުރަމުން ގެންދާ ކަމަށްވެސް ރޫޙާނީ ވިދާޅުވިއެވެ. މިމައްސަލާގައި ދުނިޔޭގެ ބޮޑު 5 ބާރާއި އީރާނާދެމެދު ވާހަކަދެއްކުމުގެ އިތުރުބުރެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ބައްދަލުވުން ބާއްވާނެ ތާރީޚެއް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ އދ. ގެ މައިމަރުކަޒުގައި ފެށުމަށް ހަމަޖެހިފައިވާ ޖެނެރަލް އެސެމްބްލީގެ ސެޝަންތަކުގައި ބޮޑެތި ބާރުތަކުގެ މަންދޫބުންނާއި އީރާނުގެ މަންދޫބުން ބައްދަލުކުރެއްވުމަށްފަހުގައެވެ.

ބިޝްކިކް ގައި ވާހަކަ ދައްކަވަމުން ރޫޙާނީ ވިދާޅުވީ ބައެއް ގައުމުތަކުން އީރާނުގެ ނިއުކްލިޔަރ މައްސަލަ ބޮޑުކޮށްލައިގެން އުޅެނީ ސިޔާސީ މަޤްސަދެއްގައި ކަމަށާ އެކަން ހުއްޓާލައި އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ދެކޮޅަށް ކުރެވޭ ދޮގުތުހުމަތުތައް މުޅިން ނިމުމަކަށް ގެންނަންޖެހޭ ކަމުގައެވެ. އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފައްދަން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރަނީ އެމެރިކާއާއި ޔޫޕަރްގެ ބޮޑު ތިން ބާރުކަމަށްވާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަނުންނެވެ. ނަމަވެސް މިއިން އެއްވެސް ގައުމަކަށް މިކަމާބެހޭ އެއްވެސް ހެއްކެތް ދެއްކިފައެއް ނުވެއެވެ.

އީރާނުން ކުރިޔަށް ގެންދާ ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތް ހުއްޓާލުމަށްމިތިން ގައުމުން އެދުނު ނަމަވެސް އެކަން ހުއްޓާނުލެވޭނެ ކަމަށާ ނަމަވެސް ނިއުކްލިޔަރ ޕްރޮގްރާމާމެދު އެތިން ގައުމުން ކުރާ ޝައްކުތައް ފިލުވާލުމުގައި އީރާނުން ފުރިހަމަ އެއްބާރުލުން ދޭނެކަމަށް އީރާނުގެ ރައީސް ވިދާޅުވިއެވެ. (އަލްޖަޒީރާ)