ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދު ކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބެއްލެވީ ބަދަލުހިފުމުގެ ރޫހު އެންމެ ކުޑަވާނެ ކެނޑިޑޭޓަކަށް ކަމަށާއި އެއީ އެމްޑީޕީ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމާއިމެދު "ޝައްކެތް ނެތް" ކަމަށް ޑީއާރުޕީގެ ލީޑަރު އަހަމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ކާނިވާ ސަރައްދުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ތަސްމީން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ސިޔާސީ ވާދަވެރިންނާއި މެދު ކަންކުރައްވާފައިވަނީ "ހިތްތިރި" ކަމާއިއެކު ކަމަށެވެ.

"ދެ ވަނަ ބުރަށް ވަޑައިގެންނެވި ދެ ބޭފުޅުންނާއި މެދު ފުންކޮށް އަޅުގަނޑުމެން ވިސްނާލަން ޖެހޭ. އަޅުގަނޑު ހަމަ ގައިމުވެސް ބެލީ މި ދެ ކެންޑިޑޭޓުންގެ ތެރެއިން މި ގައުމަށް ހަމަ ޖެހުން ގެނެސްދޭނީ ކޮން ބޭފުޅެއްތޯ. ބަދަލު ހިފުމުގެ ރޫހު އެންމެ ކުޑަވާނީ މި ދެ ބޭފުޅުންގެ ތެރެއިން ކޮން ކެންޑިޑޭޓެއް ރައީސް ކަމާއި ހަވާލުވެވަޑައިގެންނެވީމަތޯ. މިކަމުގައި އަޅުގަނޑުގެ އެއްވެސް ސުވާލެއް ނެތް، އެ ކެންޑިޑޭޓަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު،" ތަސްމީން ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ސިޔާސީ ވާދަވެރިންނާއި މެދު ވެސް އަދި ކުރީގެ ރައީސް މައުމޫނާއި މެދުވެސް އަމަލު ކުރައްވާފައިވަނީ ހިތްތިރިކަމާ އެކު ކަމާއި އަދި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި މެދު ވެސް އަމަލުކުރެއްވީ ބަދަލު ހިތްޕެވުމުގެ ރޫހެއްގައި ނޫން ކަމަށް ތަސްމީން ވިދާޅުވި އެވެ.

"ދެހާސް އަށް ވަނަ އަހަރު އެމަނިކުފާނަށް [ރައީސް ނަޝީދަށް] ވެރިކަން ލިބިވަޑައިގެންނެވި ފަހު ވެސް ސިޔާސީ ވާދަވެރިންނާއިމެދު އެމަނިކުފާނު ކަންތައް ކުރެއްވީ ހިތްތިރިކަމާއެކު. އެންމެ ދުވަހަކު އެވެސް ރަސްމީ އިއްޒަތުގައި ފުލުހުންގެ އިދާރާއަށް ގެންދެވީ. އެހެން ނަމަވެސް ރައީސް މައުމޫނާ ދޭތެރޭގައި ވެސް އަދި އެމަނިކުފާނުގެ އާއިލާއާ ދޭތެރޭގައި ވެސް އެމަނިކުފާނު ބަދަލު ހިފުމުގެ ރޫހެއް ގެންގުޅެފައެއްނުވޭ،"

މި މަހުގެ 28 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ތާއިދު ކުރާން ނިންމީ ރައީސް ނަޝީދަކީ ގައުމަށް ހަމަ ޖެހުން ގެނެސްދެވޭނެ މީހަކަށް ވާތީ ކަމަށް ތަސްމީން ވިދާޅުވި އެވެ.

ތަސްމީން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ނަޝީދު، ހޯދާފައިވަނީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ދެކޭ ކަމަށާއި އިންތިހާބުގެ ނަތީޖާ ފުރިހަމައަށް ބަލައިގަންނަ ކަމަށެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ބަދަލުވެދާވަރުގެ ކަމެއް ފެންނާން ނެތް ކަމަށާއި ބަލިވި ފަރާތްތަކުން ބަލި ގަބޫލު ކުރަން ޖެހޭ ކަމަށް ތަސްމީން ވިދާޅުވި އެވެ.

"ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ މިވަނީ އަޅުގަނޑުމެން އެންމެނަށް ސާފުވެގެން ގޮސްފަ. އަޅުގަނޑުމެން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ފުރިހަމައަށް ބަލައިގަންނަން. ފުރަތަމަ ބުރުގެ ނަތީޖާ ބަދަލުވެދާ ފަދަ ގޯސްތަކެއް ހިނގާފަ ހުރި ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. އެފަދަ ކަންކަމެއް ފެންނާކަށް ނެތް. އަޅުގަނޑު ހިތުން ބަލިވީމަ ބަލި ގަބޫލުކުރަން ޖެހޭ. އެކަން ހަޖަމް ކުރަން ވާނެ،" ތަސްމީން ވިދާޅުވި އެވެ.

އޭގެ އިތުރުން ތަސްމީން ވިދާޅުވީ މި ގައުމުގެ ހަމަ ޖެހުން އޮތީ ރައީސް ނަޝީދަށް ވެރިކަން ލިބިގެން ކަމަށާއި ރައީސް ނަޝީދަށް ވެރިކަން ހޯދަދިނުމަށް ރަށްތަކަށް ވަޑައިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ރައީސް ނަޝީދު ހޮވުމަށް ޑީއާރުޕީއަށް ވެވުނު ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީކަން ތި ހުރިހާ މެންބަރުންނަށް އަރުވަން. އަދި މި ކަމުގައި އަމަލީ ގޮތުން އަޅުގަނޑު އަދާކުރަން ޖެހޭ ދައުރު އަދާކުރުމުގައި ސާބިތުކަމާ އެކު ހުންނާނެ ވާހަކަވެސް ތިބޭފުޅުންގެ އަރިހުގައި ދަންނަވާލަން،" ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ރަނިންމޭޓަކަށްވެ ވަޑައިގެންނެވި ތަސްމީން ވިދާޅުވި އެވެ.