މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައި ނިއު ދިއްލީގެ ބަހެއްގެ ތެރޭގައި ރޭޕްކޮށް، ބޮޑެތި އަނިޔާތަކެއް ދިނުމުގެ ސަބަބުން އަންހެންކުއްޖަކު މަރުވި މައްސަލާގައި ހައްޔަރުކުރި ހަތަރު މީހުންނަށް މަރުގެ އަދަބު ދިނުމަށް އިންޑިއާގެ ނިއުދިއްލީގެ ކޯޓަކުން އިއްޔެ ހުކުމް ކޮށްފި އެވެ.

ހުސްވި އަހަރުގެ ޑިސެންބަރު މަހުގެ 16 ވަނަ ދުވަހު ރައްޓެހި ފިރިހެން ކުއްޖަކާ އެކު ފިލްމެއް ބަލާފައި ގެއަށް ދިޔަ މަގުމަތީގައި ބަހަކަށް އަރުވައިގެން އެތަށް ފަހަރެއް މަތިން ރޭޕްކޮށް، އަނިޔާ ކުރުމުގެ ސަބަބުން ދެ ހަފްތާ ވަންދެން ސިންގަޕޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދަނިކޮށް އަންހެންކުއްޖާ މަރުވި މައްސަލައިގައި މިއަދު ކޯޓުން މަރުގެ ހުކުމު ކުރަމުން ފަނޑިޔާރު ޔޮގޭޝް ކަންނާ ވިދާޅުވީ "އަންހެނުންނަށް ކުރަމުންދާ އަނިޔާތަކަށް އިންޑިއާގައި މިހާރަކަށް އައިސް އިތުރުވެފައިވާ އިރު، ކޯޓުން މިކަހަލަ ބިރުވެރި ކަންތައްތަކަށް އަޅާ ނުލާ ނުހުރެވޭނެ" ކަމަށެވެ.

މި މައްސަލާގައި އިންޑިއާގެ ފުލުހުން ވަނީ ޖުމްލަ ހަ މީހުން ހައްޔަރު ކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނޭ 17 އަހަރުގެ ކުޑަ ކުއްޖާ، ތިން އަހަރަށް އިސްލާހިއްޔާއަށް ފޮނުވާލުމަށް ވަނީ ހުކުމް ކޮށްފަ އެވެ. އަދި ރޭޕްކުރި ހާދިސާ ހިނގި ބަސް ދުއްވަން އިން ޑްރައިވަރު ވަނީ ޖަލުގައި އޭނާ ހައްޔަރުކޮށްފައި ހުއްޓާ މިއަހަރުގެ މާޗް މަހުގައި އަމިއްލައަށް ދަންޖެހިގެން މަރުވެފަ އެވެ.

ކޯޓުން މިއަދު ކުރި ހުކުމާއި ގުޅިގެން މަރުވި އަންހެން ކުއްޖާގެ ބައްޕަ އާއި މަންމަ ބުނެފައިވަނީ "ހައްގު އަދަބު ދިނުމުގެ ސަބަބުން ވަރަށް އުފާވެއްޖެ" ކަމަށެވެ. އަދި އެއްވެސް މީހަކު މަޑުން ހުރެގެން ނުވާނެ ކަމަށާއި ކުރިއަށް އައިސް މައްސަލަ ހުށައެޅުމަށް މަރުވި އަންހެން ކުއްޖާގެ މަންމަ ވަނީ ކޯޓުގެ ބޭރުގަ ތިބި އެންމެންނަށް ގޮވައިލައިފަ އެވެ.

ރޭޕްކުރުމަށްފަހު ދިން އަނިޔާތަކުގައި މަރުވި އަންހެން ކުއްޖާ ބެއްލެވި އިންޑިޔާ އާއި ސިންގަޕޫރުގެ ޑޮކްޓަރުން ބުނީ މަރުވި އަންހެން ކުއްޖާގެ ހަށިގަނޑުގެ ގިނަ ގުވަންތަކާއި ސިސްޓަމްތައް މުޅިން ކަހަލަ ގޮތަކަށް ހުރީ ހަލާކުވެފައިވާ ކަމަށާއި އޭގެތެރެގައި ސިކުނޑި އާއި ޖިންސީ ނިޒާމާއި ހަޖަމުގެ ނިޒާމާއި ފުއްޕާމޭ ހިމެނޭ ކަމަށެވެ.

މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހަށް ބަލާލާއިރު ނިއުދިއްލީގައި ވަނީ 806 ރޭޕްކުރުމުގެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފަ އެވެ.