ޖެނީވާ (ސެޕްޓެމްބަރު 12): ސޫރިޔާގެ ކެމިކަލް ހަތިޔާރުގެ ސްޓޮކް، އދ.ގެ ކަމާބެހޭ ފަރާތްތަކާ ހަވާލުކޮށް ކެމިކަލް ހަތިޔާރު މަނާކުރާ މުޢާހަދާގައި ސޫރިޔާ ބައިވެރި ކުރުވުމާބެހޭ ގޮތުން ރަޝިޔާ ހުށަހެޅި ޕްލޭނަށް ތާއީދުކުރާކަން އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ހާމަކުރައްވައިފި އެވެ.

ކެރީ އެކަން ހާމަކުރައްވާފައި ވަނީ އެ ޕްލޭނާބެހޭ ގޮތުން މަޝްވަރާ ކުރުމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވްއާއެކު ޖެނީވާގައި ބޭއްވި ބައްދަލުވުމަކަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ. ކެރީ ވިދާޅުވީ ރަޝިޔާގެ ޕްލޭން ތަންފީޒުކުރުމަށް އޭނާ އާއި ރަޝިޔާގެ ޚާރިޖީ ވަޒީރު އެއްބަސްވެ ވަޑައިގެންފައިވާނެ ކަމަށާއި އެކަމުގައި ރަޝިޔާގެ އެއްބާރުލުން ފުރިހަމައަށް ލިބޭނެ ކަމަށް އުންމީދު ކުރައްވާކަމުގަ އެވެ. ނަމަވެސް ކެރީގެ ވާހަކާގައި ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރުން ސޫރިޔާގެ ރައްޔިތުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުން ކުރި ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ސޫރިޔާއަށް ޙަމަލާދީ ހަނގުރާމައިގެ މަސްރަޙު އިތުރަށް ހޫނުކުރުމުގެ ބަދަލުގައި ސޫރިޔާގެ މައްސަލަ ސުލްޙަ ވެރިކަމާއެކު ޙައްލުކުރެވޭތޯ ބެލުމުގެ ވިސްނުން އެމެރިކާގެ ރައީސް ބަރަކް އޮބާމާ ގެންގުޅުއްވާ ކަމަށް ވިދާޅުވެ ސުލްޙަވެރި ޙައްލެއް ނޫނީ ސޫރިޔާގެ މައްސަލައަށް ގެނެވެންނޯނާނެ ކަމަށް ކެރީ ވިދާޅުވި އެވެ. ރަޝިޔާގެ ޕްލޭން ތަންފީޒު ކުރެވިއްޖެނަމަ ސޫރިޔާގެ ކެމިކަލް ހަތިޔާރުގެ ސްޓޮކް ސުލްޙަ ވެރިކަމާއެކު މުޅިން ނައްތާލެވިދާނެ ކަމަށާއި މިކަން ކުރެވިއްޖެނަމަ ސޫރިޔާގެ އެތަށް ރައްޔިތެއްގެ ފުރާނަ ސަލާމަތްކުރުމުގެ އިތުރުން ސޫރިޔާގެ ކެމިކަލް ހަތިޔާރުގެ ނުރައްކަލުން އިސްރާއީލު ވެސް ސަލާމަތް ކުރެވޭނެ ކަމަށް ކެރީ ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާގޮތުން އެމެރިކާ ކަންބޮޑު ވަނީ ސޫރިޔާގައިވާ ކެމިކަލް ހަތިޔާރު އެ ގައުމުގެ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކުގެ އަތްދަށަށާއި އިސްރާއީލު އެންމެ ބޮޑަށް ބިރުގަންނަ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުގެ އަތްދަށަށް ގޮސްފާނެތީ އެވެ. ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ އަލްޤާއިދާ އަށް ނިސްބަތްވާ ޖަމާއަތްތަކާއި ލުބްނާނުގެ ބާރުގަދަ ހިޒްބުﷲ ޖަމާއަތަކީ މަޛްހަބީގޮތުން ދެހަތުރުން ކަމަށްވިޔަސް އެމެރިކާ އާއި އިސްރާއީލު އެންމެ ބޮޑަށް ބިރުގަނެ ޖެހިލުން ވަނީ މިދެ ފަރާތާ ކުރިމަތިލުމަށް ކަމަށް ތަޙްލީލީ ރިޕޯޓްތައް ބުނެއެވެ.

އަނެއްކޮޅުން ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން ވަނީ ސޫރިޔާގެ އާންމުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުން ކުރި ކަމުގެ ތުހުމަތު އެ ގައުމުގެ އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ އަލްޤާޢިދާއާ ގުޅުންހުރި ޖަމާއަތްތަކުގެ ބޮލުގައި އަޅުވާފަ އެވެ. މިގޮތުން ޕޫޓިން ވަނީ ސޫރިޔާގެ އާންމުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކުރީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ކަމަށާއި މިއީ އެމެރިކާގެ ޙަމަލާތައް ސޫރިޔާއަށް އަމާޒުކުރުމަށް ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ނަމަވެސް ޕޫޓިންގެ މިވާހަކަތަކަކީ ދޮގެއް ކަމަށްބުނެ އެމެރިކާގެ ޚާރިޖީ ވުޒާރާއިން ވަނީ ވަރަށް ހަރުކަށިކަމާއެކު ޕޫޓިންއަށް ރައްދު ދީފައެވެ.

ޖެނީވާގައި ކުރިޔަށްދާ އެމެރިކާއާއި ރަޝިޔާގެ ޚާރިޖީ ވަޒީރުން ގެ ބައްދަލުވުމުގައި ހަތިޔާރާބެހޭ މިދެގައުމުގެ ތަޖްރިބާކާރުންގެ ދެވަފްދު ވެސް ބައިވެރިވެ އެވެ. ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ވަނީ ރަޝިޔާގެ ޕްލޭނަކީ އެމެރިކާގެ ވައިގެ ޙަމަލާތަކަކުން ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރު ސަލާމަތް ކުރުމުގެ ރޭވުމެއް ކަމަށް ސިފަކޮށް ރަޝިޔާއަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. މީގެއިތުރުން ސޫރިޔާގެ އިދިކޮޅު ބައެއް ލީޑަރުން ވަނީ ސޫރިޔާއަށް ޙަމަލާދިނުމުގެ މައްސަލާގައި އޮބާމާ ފަހަތަށް ޖެހިވަޑައިގަންނަވާތީ ސޫރިޔާއާމެދު އޮބާމާ ގެންގުޅުއްވާ ސިޔާސަތު ތަކާމެދު ވެސް ހިތްހަމަ ނުޖެހޭކަން ހާމަކުރައްވާފަ އެވެ.

ސޫރިޔާ ސަރުކާރުގެ ފަހަތުގައި ރަޝިޔާ އާއި ޗައިނާއާއި އީރާން އޮތުމުގެ އިތުރުން ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައި އަލްޤާޢިދާއަށް ނިސްބަތްވާ ގިނަ ހަނގުރާމަވެރިން ތަކެއްވެސް ތިބުމާއެކު ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ކާމިޔާބު ލިބުމަކީ ވެސް އެމެރިކާއަށާއި އިސްރާއީލަށް ނުރައްކާތެރި ކަމެއްކަމަށް ވާތީ ސޫރިޔާއަށް ޙަމަލާދިނުމުގެ މައްސަލާގައި އެމެރިކާއޮތީ ގޮތްހުސްވެފައިވާ ޙާލަތުގައި ކަމަށް ތަޖްރިބާކާރުން ވިދާޅުވެ އެވެ.

އެމެރިކާ ސޫރިޔާއަށް ޙަމަލާދީފިނަމަ އެކަމަށް ބަދަލު ހިފުމުގެ ގޮތުން ހިޒްބުﷲ އިން އިސްރާއީލަށް ޙަމަލާދީފާނެ ކަމުގެ ބިރު ވެސް އެމެރިކާ އިޙްސާސްކުރާ ކަމަށްވެ އެވެ. ދެހާސްހަވަނަ އަހަރު އިސްރާއީލުން ހިޒްބުﷲ ނައްތާލުމަށް އެމެރިކާގެ ބާރުގަދަ ހަތިޔާރާއި ފަންނީ އެހީއާއެކު ފެށި ހަނގުރާމައިގާ އެނެމްފަހުން އިސްރާއީލު ބަލިވެ ޙިޒްބުﷲ ވަނީ އިސްރާއީލުގެ މައްޗަށް ބަޔާންވެގެންވާ ނަސްރެއް ހޯދާފަ އެވެ. މިއީ ޢަރަބި އިސްރާއީލުގެ ހަނގުރާމައެއްގައި އިސްރާއީލު ބަލިވި ފުރަތަމަ ފަހަރެވެ. އެއަށްފަހު ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޙަމާސް ޖަމާއަތުންވެސް ވަނީ ހިޒްބުﷲ ގެ ހަނގުރާމައިގެ އުކުޅުތައް ބޭނުންކޮށްގެން ދެފަހަރެއްގެ މަތިން އިސްރާއީލުގެ މައްޗަށް ޢަސްކަރީގޮތުން ނަސްރު ހޯދާފައެވެ. (ނޫސްއެޖެންސީތައް)