22 Nov 2010, 09:27
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ރައީސް ނަޝީދުގެ ކެބިނެޓުގެ ގިނަ މިނިސްޓަރުންތަކަކަށް ރުހުން ނެތް ކަމަށް ފާސް ކުރެއްވި ނަމަ ވެސް އެ ބޭފުޅުން މަގާމުގައި ތިއްބަވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެ އެވެ.
ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު ސަން އޮން ލައިން އަށް ދެއްވި އިންޓަވިއުއެއްގައި ދެންމެ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މިނިސްޓަރުން މަގާމުން ވަކި ކުރެވޭނީ އެ ބޭފުޅުންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައިގެން އެކަނި ކަމަށާއި މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރައްވާފައި ވަނީ އެ މަސައްކަތްޕުޅު ނޫން ކަމަށެވެ.
"މަޖިލީހުން ވަޒީރުން މަގާމުން ވަކި ކުރެވޭނެ ގޮތް ވަރަށް ސާފު. އެއީ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުން. އެކަން ކުރެވޭނެ ގޮތް ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް އެބަ އޮތް. މިއަދު މަޖިލީހުގައި އެ ކުރެއްވީ އެ އިޖުރާތުގެ މަސައްކަތެއް ނޫން،" ޒުހެއިރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މިއަދުގެ ވޯޓު ނެގުން ރައްޔިތުންގެ މަޖިލީހުން ކުރިޔަށް ގެންދަވާފައި ވަނީ އަގުލަބިއްޔަތު އޮތް ބޭފުޅުން ގިނިކަންޏާ ތިއްބަވައިގެން އެ ބޭފުޅުންގެ މެދުގައި ކަމަށެވެ. އެ ގޮތުން މިއަދުގެ ޖަލްސާއިން އެނގިގެން އެ ދިޔައީ ވާދަވެރި ފަރާތްތަކުގެ މެދުގައި ބާރުވެރިކަމާއި އެ ބޭފުޅުންގެ ވޯޓުތައް ބެހިފައިވާ ގޮތާއި އެ ބޭފުޅުންގެ މެދުގައި ފެކްޝަންތައް އުފެދިފައިވާ މިންވަރު ކަމަށެވެ.
ޒުހޭރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓެއް ނުނަގާހާ ހިނދަކު ވަޒީރަކު މަގާމުން ވަކި ވާނީ އަމިއްލައަށް އިސްތިއުފާ ދެއްވުމުން ނުވަތަ ރައީސުލް ޖުމްހޫރިއްޔާ އެ ވަޒީރަކު މަގާމުން ވަކި ކުރެއްވުމުން އެކަނި ކަމަށެވެ.