12 Sep 2013, 22:16
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސްޕެޝަލް އެންވޯއީގެ މަގާމުން މާލޭ ސިޓީ ކައުންސިލްގެ މެންބަރު ސަރަނގު އާދަމް މަނިކު މިއަދު ވަކިކުރައްވައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އާދަމް މަނިކު މިރޭ ވިދާޅުވީ ސްޕެޝަލް އެންވޯއީގެ މަގާމުން އޭނާ ވަކިކުރެއްވި ކަމުގެ ސިޓީ ލިބިވަޑައިގަތީ މިއަދު އިރުއޮއްސެން ކައިރިވެފައި ވަނިކޮށް ކަމަށެވެ.
އާދަމް މަނިކު ވިދާޅުވީ ސްޕެޝަލް އެންވޯއީގެ މަގާމުން އޭނާ ވަކިކުރެއްވީ ރައީސް ވަހީދުގެ އަނބިކަނބަލުން އިލްހާމް ހުސައިން ވިދާޅުވެގެން ކަމަށާއި އެކަމާ ހިތާމަކުރައްވާ ކަމަށެވެ.
ރައީސް މިއަދު ފޮނުއްވި ސިޓީފުޅުގައި ސްޕެޝަލް އެންވޯއީގެ މަގާމުގައި ހުންނަވައިގެން އާދަމް މަނިކު ކުރެއްވި ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ސިޓީގެ އިތުރުން މަގާމުން ވަކިކުރެއްވިކަން އެސްއެމްއެސް މެދުވެރިކޮށް ވެސް ރައީސް ވަހީދު އަންގަވާފައިވާ ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި ރައީސް ވަހީދަށް ނާކާމިޔާބީ ލިބިވަޑައިގަތުމުން އޭނާ ވަނީ އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.