12 Sep 2013, 22:10
ޑީއާރްޕީން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރެއްވުމުން ރާއްޖޭގެ ރައްޔިތުންނަށް ޑީއާރްޕީގެ ހަގީގަތް ހާމަވެއްޖެ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.
ނަސަންދުރާ ޕެލެސް ހޮޓެލްގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޑީއާރްޕީ އަކީ އަބަދުވެސް "އެމްޑީޕޯގެ ގޮތްޕެއް" ކަމަށް ޕީޕީއެމް އިން ބުނަމުން އައި ކަމަށާއި އެކަން މިއަދު ރައްޔިތުންނަށް ޔަގީންވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ޑީއާރްޕީގައި އަބަދުވެސް އަޑިނޭނގޭ ކަންތައްތަކެއް ހުރި ކަމަށާއި އެކަންތައް ވެސް މިއަދު ހާމަވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ފެށުނީއްސުރެން މި ދަންނަވަމުން އަންނަނީ ޑީއާރްޕީގައި އަޑިނޭނގޭ ކަންތައްތަކެއް އެބަ ހުއްޓޭ. އެބަ ހިނގައޭ. ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި ޖީއެމްއާރާ ގުޅުން ހުރި ކަންތައްތަކެއް އެބަފެނެއޭ. އަޅުގަނޑުމެން އަބަދުވެސް ބުނަމުން ގެންދިޔައީ ޑީއާރްޕީ އަކީ އެމްޑީޕީގެ ގޮތްޕެކޭ. މިއަދު އެ ހުރިހާ ކަމެއް ރާއްޖޭގެ ރައްޔިތުންނަށް މިވަނީ އެނގި ހާމަވެފައި. ޑީއާރްޕީގެ ހަގީގަތް މިވަނީ ރައްޔިތުންނާ ހަމައަށް އައިސްފައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑިއާރްޕީން މިއަދު އެމްޑީޕީ އަށް ތާއިދު ކުރުމުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑީއާރްޕީން ކެމްޕޭންކޮށް ވޯޓް ދިނީ ރައީސް ވަހީދަށް ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އެކަމާ މެދު ޑީއާރްޕީގެ މެންބަރުންނާއި އާންމު ރައްޔިތުން ވިސްނާލަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
ޕީޕީއެމް ނައިބު ރައީސް އަބްދުއްރަހީމް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ރައީސް ވަހީދަށް ލިބުނު ވޯޓަކީ އެއީ ޑީއާރްޕީގެ ސަބަބުން ލިބުނު ވޯޓެއް ނޫން ކަމަށާއި އެއީ ރައީސް ވަހީދުގެ މަސައްކަތްޕުޅުން ލިބުނު ވޯޓު ކަމަށެވެ. އެހެން ކަމުން ޑީއާރްޕީން އެމްޑީޕީ އަށް ތާއިދު ކުރުމަކީ އޭގެ ސަބަބުން އެމްޑީޕީ އަށް ވޯޓް އިތުރަށް ލިބޭނެ ކަމެއް ނޫން ކަމަށާއި އެކަމާ ޕީޕީއެމް އެއްވެސް ވަރަކަށް ކަންބޮޑު ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ނަޝީދަށް 95،000 ވޯޓް ލިބޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ދެވަނަ ބުރުގައި 65،000 އަށް ވުރެ އިތުރަށް ރައީސް ނަޝީދަށް ވޯޓު ނުލިބޭނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ޑީއާރްޕީން މިއަދު އެ ނިންމުމަކީ އެ ޕާޓީގެ އާންމު މެންބަރުންގެ ނިންމުން ނޫން ކަމަށާއި އެއީ ތަސްމީންގެ އާއިލާގެ ނިންމުން ކަމަށެވެ. އެހެން ކަމުން ޑީއާރްޕީގައި ތިއްބެވި އާންމު މެންބަރުންނާއި އަދި ތަސްމީންގެ އެ ނިންމުމަށް ތާއިދު ނުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލް މެންބަރުން ޕީޕީއެމް އާ ގުޅުމަށް އޭނާ އެދިވަޑައިގަތެވެ.