12 Sep 2013, 21:45
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ލޯކަލް ގަވާމަންޓް އެތޯރިޓީ (އެލްޖީއޭ) އިން އެކި ކަންތައްތަކަށް އެހީގެ ގޮތުގައި އަނބުރާ ލިބޭ ގޮތަށް ކުރައްވާފައިވާ ހަރަދުގެ ތެރެއިން ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯއްދަވާފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފި އެވެ.
އޮޑިޓަރު ޖެނެރަލް މިއަދު ނެރުއްވާފައިވާ އެލްޖީއޭގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވަނީ އެލްޖީއޭ އިން ދެ ޕްރޮގްރާމަކުން އެހީގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ 5،60077ރ. އަނބުރާ ހޯއްދަވާފައިވާ ނުވާ ކަމަށެވެ.
އެގޮތުން ޖުމްލަ 2،231،900ރ. ހަރަދުވާ ކޯސްތަކެއް، ފަހުން އޮތޯރިޓީގެ ބަޖެޓަށް ޖަމާކުރާ އުސޫލުން، ކުވެއިތު ފަންޑުން ކުރިއަށް ގެންގޮސްފައިވާ ކަމަށް އެ އެލްޖީއޭގެ ލިޔުންތަކުން ފެންނަން ހުރި ނަމަވެސް އެހީގެ ގޮތުގައި ކުވެއިތުގެ ފަންޑުން އަބުރާ ހޯއްދަވާފައިވަނީ 1،679،601ރ. ކަމަށް އޮޑިޓުގައި ބުނެފައި ވެއެވެ. އަދި ބާކީ ލިބެންޖެހޭ 552،299ރ. މިއަހަރުގެ ޖޫން މަހުގެ ނިޔަލަށްވެސް ހޯދާފައި ނުވާ ކަމަށްވެސް އޮޑިޓުން ހާމަވެފައި ވެއެވެ.
އަދި މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ބޭއްވި ކައުންސިލް ތަކުގެ މަޝްވަރާ ބައްދަލުވުމަށް އޮތޯރިޓީގެ ބަޖެޓުން 43،695ރ ހަރަދު ކުރެއްވުމަށްފަހު އެ ހަރަދު ޔޫއެންޑީޕީ އިން އަނބުރާ ރީއިންބާސް ކޮށްދޭގޮތަށް ހަމަޖެހިފައިވާކަން އެ އެތޯރިޓީގެ ލިޔެކިޔުންތަކުން ފެންނަން އެބަހުރި ކަމަށް އޮޑިޓުގައި ބުނެފައި ވެއެވެ. ނަމަވެސް ނަމަވެސް އަނބުރާ ލިބިފައިވަނީ 35،695ރ. ކަމަށާއި ބާކީ ލިބެންޖެހޭ 7،778ރ. ހޯއްދަވާފައި ނުވާކަންވެސް އެއޮޑިޓުން ހާމަވެ އެވެ.
މީގެ އިތުރުން އެ އޮޑިޓުގައި އެ އޮތޯރިޓީގެ ތިޖޫރީގައި ބަހައްޓާފައިވާ ފައިސާގެ ހިސާބު ބަލަހައްޓާފައި ނުވުމާއި ފައިސާއާއި ގުޅޭ ކަންތައްތައް ދޯދިޔާކޮށް ކޮށްފައި ހުރުމާއި ތިޖޫރީގައި ހުރި ފައިސާ ނެތް މައްސަލައެއްވެސް ހާމަވެގެން ގޮސްފައިވެ އެވެ.
އެގޮތުން ދައުލަތުގެ މާލިއްޔަތު ގާނޫނު ގައި ބުނެފައިވާ ގޮތުން ކޮންމެ ހަފްތާއަކު ތިޖޫރީގައި ހުރި ފައިސާ ޗެކްކުރުމަށް އޮންނަ އިރުގައިވެސް އެކަން އެލްޖީއޭއިން ކުރައްވާފައި ނުވާ ކަމަށާއި އެމްއެމްއޭއިން އެކިކަންކަމަށް މިދިޔަ އަހަރު ނެގި ފައިސާއިން ބާކީބައި މިއަހަރު ޖަމާކޮށްފައިވާ ކަމަށް އޮޑިޓުގައި ހާމަވެއެވެ. މީގެ އިތުރުން އޮޑިޓު ކުރި އިރު ތިޖޫރީގައި ހުރި ބައެއް ފައިސާ ތިޖޫރި ބަލަހައްޓާ މީހާގެ ވަތްގަނޑުތަކުގައި ހުރިކަމަށްވެސް އެ އޮޑިޓުގައި ބުނެފައި ވެއެވެ.
މި މައްސަލަ ތަކުގެ އިތުރުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ރޭޓަށްވުރެ ބޮޑުކޮށް ކެއުމާއި ސައި ހަމަޖައްސާފައިވާ މައްސަލައަކާއި އަތްމަތީ ފައިސާގެ ހިސާބު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ބަލަހައްޓާފައި ނުވާ މައްސަލައެއްގެ އިތުރުން ހަރުމުދަލުގެ ރަޖިސްޓަރީ ފުރިހަމައަށް ބަލަހައްޓާފައި ނުވާ މައްސަލައެއް ވަނީ އޮޑިޓުގައި ފާހަގަކުރައްވާފަ އެވެ.