12 Sep 2013, 18:15
ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓް އޮޅުވާލާފައިވާ ކަމަށް ބުނެ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ހައިކޯޓަށް ހުށަހެޅި މައްސަލަ އަށް ޕީޕީއެމް އިން ވެސް ތަދައްޙުލް ވާން ނިންމައިފި އެވެ.
ނަސަންދުރާ ޕެލެސް ހޮޓެލްގައި މިއަދު ހަވީރު ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ޥޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ ޖޭޕީން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަށް ޕީޕީއެމް އިން ފުރިހަމަ އަށް އެއްބާރުލުން ދޭނެ ކަމަށެވެ. އެގޮތުން އެ މައްސަލާގައި ޖޭޕީ އާ އެއް ކޮޅަށް ޕީޕީއެމް އިން ތަދައްޙުލް ވާން ނިންމާފައިވާ ކަމަށް އަދީބް ވިދާޅުވި އެވެ.
"ރިޔާސީ އިންތިހާބުގައި ޥޯޓް އޮޅޫވާލާފައިވާ ކަމަށް އަދި އިންތިހާބުގައި ބޮޑެތ މައްސަލަތަކެއް ހުރުމުން ޖޭޕީން މިހާރު ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަށް ޕީޕީއެމް ތަދައްޙުލް ވާން މިހާރު ވަނީ ނިންމާފައި. އެ މައްސަލާގައި އަޅުގަނޑުމެން ޕީޕީއެމް އިން ޖޭޕީ އަށް ފުރިހަމަ އަށް އެއްބާރުލުން ދޭނަން،" އަދީބް ވިދާޅުވި އެވެ.
އަދީބް ވިދާޅުވީ އިންތިހާބުގެ ކުރިން ޥޯޓް ލިސްޓުގައި މައްސަލަތަކެއް ހުރިކަން ޕީޕީއެމް އިން ފާހަގަކޮށްފައިވާނެ ކަމަށާއި އަދި އިންތިހާބާ ގުޅުން ހުރި އެތައް ޝަކުވާތަކެއް އެ ޕާޓީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ވާނެ ކަމަށެވެ. އެހެން ނަމަވެސް އެއިން އެއްވެސް މައްސަލައަކަށް ހައްލު ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދީބް އިތުރަށް ވިދާޅުވީ އިންތިހާބުގެ ކަންތައްތައް ހިނގައި ދިޔަ އިރު އަދި ވޯޓް ގުނުމުގައި އޮޅުވާލުންތަކެއް ހަދާފައިވާ ކަމަށް އެ ޕާޓީން ވެސް ގަބޫލު ކުރާ ކަމަށާއި އެހެން ނަމަވެސް އެކަމުގެ ސާބިތު ހެއްކާއި ގަރީނާ ނެތި މިވަގުތު އެ ވާހަކަތައް ދައްކަން ބޭނުންނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން އެފަދަ ކަންތައްތައް ހޯދައި ބަލައި ދިރާސާ ކުރަމުންދާ ކަމަށް ވެސް އަދީބް ވިދާޅުވި އެވެ.
ޖޭޕީން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެ އަށް ޕީޕީއެމް އިން ތަދައްޙުލް ވާން ނިންމި އިރު އެމްޑީޕީން ވެސް ވަނީ އެ މައްސަލައިގެ ތެރެ އަށް ތަދައްޙުލްވެފަ އެވެ. އަދި އެ ޕާޓީން ވަނީ މައްސަލަ އާ ގުޅުން ހުރި ލިޔުންތައް މިއަދު ހައިކޯޓަށް ހުށަހަޅާފަ އެވެ.
ރިޔާސީ އިންތިހާބުގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ ޖޭޕީން ހައިކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވަން ހަމަޖެހިފައި ވަނީ އަންނަ އާދީއްތަ ދުވަހު އެވެ.