12 Sep 2013, 18:02
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ސައުދީ އަރަބިއްޔާގެ ރިޔާޒުގައި ވެސް ވޯޓު ފޮއްޓެއް ބަހައްޓާ ގޮތަށް ހަމަޖައްސައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ސައުދީ އަރަބިއްޔާގެ ރިޔާޒުގައި ވޯޓް ފޮއްޓެއް ބަހައްޓާ ގޮތަށް ހަމަޖެއްސީ އިންތިހާބުގެ ދުވަސް ވަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ގޮސް އުޅޭ ދިވެހިންނަށް ވޯޓް ލުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.
ސައުދީ އަރަބިއްޔާގައި ވޯޓް ލުމަށް ބޭނުންވާ ފަރާތްތަކުން މި މަހު 15ގެ ކުރިން އެކަމަށް އެދޭ ފޯމް ފުރުމަށް ފަހު އެޕްލިކޭޝަންތައް ފޮރުވަން ޖެހޭނެ ކަމަށް އެކޮމިޝަނުން ބުންޏެވެ.
ސައުދީ އަރަބިއްޔާގައި ބަހައްޓާ ވޯޓް ފޮށީގެ ނަމްބަރަކީ ޑަބްލިއު ޒީރޯ ސިކްސް ޕޮއިންޓް ވަން ޕޮއިންޓް ވަން އެވެ. އެ ފޮއްޓަށް ވޯޓް ލެވޭނީ ސައުދީ އަރަބިއްޔާގައި ތިބި ދިވެހިންގެ ތެރެއިން އެ ފޮއްޓަށް ވޯޓް ލުމަށް ރަޖިސްޓްރީކޮށްފައިވާ މީހުންނަށް އެކަނި ކަމަށް ވެސް އިލެކްޝަނުން ބުންޏެވެ.
އެ ފޮށި ބެހައްޓާފައި ހުންނާނީ ސައުދީގައި ހުންނަ ރާއްޖޭގެ އެމްބަސީގަ އެވެ.
މިފަހަރުގެ ރިޔާސީ އިންތިހާބްގެ ފުރަތަމަ ބުރުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ އިންޑިއާގެ ޓްރިވެންޑްރަމް އާއި ނިއުދިއްލީ، މެލޭޝިއާ، އިނގިރޭސިވިލާތް، ސިންގަޕޫރުގެ އިތުރުން ސްރީލަންކާގަ ވެސް ވޯޓް ފޮށިތައް ބަހައްޓައިފަ އެވެ.